ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޑީގެ ފަހު މެޗުތަކުން ކުޅުނު މެޗުން ތުރުކީން 3-2 އިން އެމެރިކާ ބަލިކޮށްފި އެވެ.
މެޗަށް ނުކުތް އިރު ވެސް ތުރުކީ އޮތީ މުބާރަތުން ކަޓައިފަ އެވެ.
އެމެރިކާގެ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ދެވަނަ މިނެޓުގައި އޮސްޓިން ޓްރަސްޓީ ޖެހި ލަނޑުން އެމެރިކާ ކުރި ހޯދި އެވެ. ތުރުކީގެ އާރްދާ ގުލާ އާއި ބަރިޝް އަލްޕަރް ޔިލްމާޒް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހައި ތުރުކީއަށް ނަތީޖާ ހަމަހަމަކޮށް އަދި ކުރި ވެސް ހޯދައިދީފަ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ސެބަސްޓިއަން ބާހަލްޓާ އެމެރިކާއަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކާން އަހްޔާން ވަނީ ތުރުކީ މޮޅުވި ލަނޑު ޖަހައި ދީފަ އެވެ.
އެމެރިކާ ބަލިވި ނަމަވެސް ގްރޫޕްގެ އެއްވަނަ ޓީމުގެ މަގާމު ވަނީ ލިބިފަ އެވެ. ދެވަނަ ބުރުގައި އެ ޓީމުން ވާދަކުރަން ޖެހޭނީ ބޮސްނިއާ ހާޒެގޮވީނާއާ ދެކޮޅަށެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ލެވީސް ސްޓޭޑިއަމްގައި އޮސްޓްރޭލިއާ އާއި ޕެރަގުއޭ ކުޅެ ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ޓެކްޓިކަލް އަދި ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އޮސްޓްރޭލިއާއިން ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ޕެރަގުއޭގެ ގޯލްކީޕަރު އޯލަންޑޯ ގިލް ވަނީ އެ ހަމަލާތައް ދިފާއު ކުރުމުގައި މުހިންމު ސޭވްތަކެއްކޮށްފަ އެވެ.
މި ނަތީޖާއާ އެކު ގޯލްގެ ތަފާތުން ގްރޫޕްގެ ދެވަނަ އޮސްޓްރޭލިއާއަށް ލިބުނެވެ. ތިންވަނަ ހޯދި ޕެރަގުއޭ ވެސް ވަނީ މުބާރާތުގެ ދެވަނަ ބުރަށް ހޮވިފަ އެވެ.
ގަދަ 32 ގެ ބުރުގައި އޮސްޓްރޭލިއާ ނުކުންނާނީ ގްރޫޕް ޖީގެ ދެވަނަ ޓީމާ ދެކޮޅަށެވެ. ބެލެވޭ ގޮތުގައި އެއީ އިރާން ނުވަތަ މިސްރުގެ ތެރެއިން ކޮންމެ ވެސް އެއް ޓީމެކެވެ.
ޕެރަގުއޭ ޖެހޭނީ ވަރުގަދަ ޖަރުމަނާ ދެކޮޅަށް ނުކުންނާށެވެ.