އިންގްލެންޑްގެ އެންމެ މޮޅު ކުޅުންތެރިން ޕްރިމިއާ ލީގުގައި ނުކުޅޭތީ، އެ ޓީމާ ދެކޮޅަށް ނޯވޭ އަށް ފައިދާ ނެގޭނެ ގޮތެއް ނެތް ކަމަށް ކޯޗު ސްތޯލަ ސޫލްބަކަން ބުނެފި އެވެ.
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ނޯވޭން ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.
ސޫލްބަކަންއާ އިނގިރޭސި ނޫސްވެރިން ސުވާލުކުރީ، އޭނާގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިން ޕްރިމިއާ ލީގުގައި ކުޅޭތީ، އިނގިރޭސިންނާ ދެކޮޅަށް އޭގެ ފައިދާ ނެގިދާނެތޯ އެވެ.
އޭގެ ޖަވާބުގައި ސޫލްބަކަން ބުނީ އިނގިރޭސި ޓީމުގެ އެންމެ މޮޅު ކުޅުންތެރިން ކުޅެމުންދަނީ ޕްރިމިއާ ލީގުގައި ނޫން ކަމަށެވެ.
ނޯވޭގެ ސްކޮޑްގައި ހިމެނޭ ޕްރިމިއާ ލީގުގެ ތަރިންގެ ތެރެއިން އެންމެ މަޝްހޫރު ދެ ކުޅުންތެރިންނަކީ އާލިންގް ހާލަންޑާއި ލީގު ޗެމްޕިއަން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑެވެ. އެ ދެ ކުޅުންތެރިންނަކީ ނޯވޭގެ އެންމެ މުހިންމު ދެ ކުޅުންތެރިންނެވެ.
އިންގްލެންޑްގެ އެންމެ މުހިންމު ދެ ކުޅުންތެރިންނަކީ ކެޕްޓަން ހެރީ ކޭން އާއި މިޑްފީލްޑަރު ޖޫޑް ބެލިންހަމެވެ. އެ ދެ ކުޅުންތެރިން ކްލަބް ފުޓްބޯޅަ ކުޅެމުންދަނީ ޖަރުމަނާއި ސްޕެއިނުގަ އެވެ.
އެހެންވެ، އިނގިރޭސިންނާ ދެކޮޅަށް ނޯވޭއަށް އެޑްވާންޓޭޖް އެބައޮތްކަމަށް ކަނޑައަޅަން ސޫލްބަކަން ބޭނުމެއް ނުވި އެވެ.
"ހަމަޔަގީނުން ވެސް އަހަރެމެންގެ ވަރަށް ގިނަ ކުޅުންތެރިން ކުޅޭ އިނގިރޭސި ވަރަށް ގިނަ ކުޅުންތެރިންނާ ދެކޮޅަށް. (އެކަމަކު) އިނގިރޭސި ޓީމުގެ އެންމެ މޮޅު ދެ ކުޅުންތެރިން ކުޅެނީ ޕްރިމިއަ ލީގަކު ނޫން. އެ ކުޅުންތެރިން ކުޅެނީ ސްޕެއިން އާއި ޖަރުމަނުގައި. އެހެންވީމަ ކަލޭމެންނަށް އެގޮތަށް ވެސް ނެގިދާނެ."
ނޯވާ ކުއާޓާ ފައިނަލަށް ދަތުރު ކުރީ ވަރުގަދަ ބްރެޒިލް މާޔޫސްކޮށްލުމަށް ފަހު އެވެ. ބްރެޒިލަށް އެހެން ދިމާވީ، ބައެއް މީހުން ބުނާގޮތުގައި ނޯވޭގެ ފެންވަރާމެދު ސަމާލުކަން ނުދިމުމުންނެވެ.
އެކަމަކު ސޫލްބަކަން ބުނީ ނޯވޭގެ ފެންވަރު، އެ ޓީމާ ދެކޮޅަށް ނުކުންނަ ޓީމުތަކުން ދަށްކޮށް ނުލާނެކަމަށެވެ.
"އަހަންނަކަށް ހީއެއްނުވޭ މިހާތަނަށް މި ވޯލްޑް ކަޕްގައި އަހަރެމެންނާ ދެކޮޅަށް ކުޅުނު އެއްވެސް ޓީމަކުން އަހަރެމެންނަކީ ދަށް ޓީމެއްގެ ގޮތުގައި ދެކުނުހެނެއް،" ސޫލްބަކަން ބުންޏެވެ.
"ކޮންމެ ޓީމަކުން ވެސް (އިދިކޮޅު ޓީމުތައް) ވަރަށް ބޮޑަށް ދިރާސާ ކުރޭ، އެހެންވީމާ މިހާރު އެއްވެސް ސިއްރެއް ފޮރުވިފައެއް ނޯންނާނެ. ކުރިއަށް އޮތް މެޗަށް ވެސް އޮތީ ހަމަ އެ ވިސްނުން."
ނޯވޭ އާއި އިންގްލެންޑްގެ ކުއާޓާގެ މެޗު އޮންނާނީ، ރާއްޖޭގަޑިން އަންނަ އާދިއްތަ ދުވަހުގެ ރޭ، މެންދަމު ދޭއް ޖަހާއިރު އެވެ.