ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި، ރެފްރީގެ ނިންމުންތައް އިންސާފުވެރި ނޫންކަމަށް ބުނެ މިސްރުގެ އެފްއޭން ފީފާ އަށް ރަސްމީކޮށް މައްސަލަ ހުށަހަޅައިފި އެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި، ފްރާންސްގެ ރެފްރީ ފްރަންސުވާ ލެތެކްސިއޭ، އިންސާފުން ހަމަހަމައަށް އަމަލުކޮށްފައިނުވާ ކަމަށް މިސްރުގެ ޓީމުން ތުހުމަތު ކުރެ އެވެ.
ރެފްރީގެ ނިންމުންތަކާ ގުޅޭ މައްސަލަ ބަލަން، މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ހާނީ އަބޫ ރީދާ، އިސްވެ ފީފާއަށް ހުށަހަޅާފައިވާ ކަމުގެ ކަށަވަރުކަން ލިބިފައިވާކަމަށް، މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
އިއްޔެ ހެނދުނު މިސްރުގެ އެފްއޭއިން ހުށަހެޅި އެ މައްސަލައާ ބެހޭގޮތުން، ފީފާއިން އަދި މިހާތަނަކަށް އެއްޗެއް ނުބުނެ އެވެ.
މެޗުގައި ރެފްރީގެ ނިންމުތަކާ މެދު ސުވާލު އުފައްދައި، މިސްރުގެ ޓީމުން ދައްކާ ވާހަކަތަކުގެ ދިފާއުގައި އެ ގައުމުގެ އެފްއޭއެއިން ވަނީ ބަޔާން ނެރެފަ އެވެ.
އެ އެސޯސިއޭޝަނުން ބުނީ އާޖެންޓީނާގެ މެޗުގައި ހިނގާދިޔަ ރެފްރީގެ ގޯސްނިންމުންތަކާ މެދު ހަނު ތިބުމުކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެންދިޔަ ރެފްރީގެ ނިންމުންތަކާއި ވީއޭއާރް ސިސްޓަމްގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފާފައި ނުވާތީ އެކަމާ މެދު ހަނު ތިބެވޭކަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނަކަށް ނެތް،" އީއެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"މެޗުގެ ތެރޭގައި ހިނގާދިޔަ ބައެއް މުހިންމު ހާދިސާތަކުގެ ސަބަބުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ. އަދި މެޗުގެ ނަތީޖާއަށް ސީދާ އަސަރު ފޯރުވި އެ ނިންމުންތަކުގެ ހަމަހަމަކަމާއި އިންސާފުވެރިކަމާ މެދު ވަނީ ފުން ސުވާލުތަކެއް އުފެދިފައި."
މިސްރުގެ ކުޅުންތެރިންނާއި އެ ގައުމުގެ ސަޕޯޓަރުން އަދި ބައެއް އެކަޑަމިކް ތަޖުރިބާކާރުން ވެސް ސުވާލު އުފައްދަނީ ވީއޭއާރުގެ ނިންމުންތައް ހަމަހަމަ ގޮތުގައި ބޭނުން ނުކުރާތީ އެވެ.
އޭގެ ތެރެއިން އެއް ހާލަތަކީ، މިސްރުން ދެވަނަ ލަނޑެއް ޖެހި ފަހުން ވީއޭއާރުން ބަލައި، އާޖެންޓީނާ ކުޅުންތެރިޔަކަށް މިސްރުގެ ކުޅުންތެރިން ކޮށްފައިވާ ފައުލަކާ ހެދި ގޯލް ކެންސަލް ކުރުމެވެ.
"މިސްރުގެ ބާތިލްކުރި ގޯލަށް މަގުފަހިވި ހާދިސާއަކީ ފައުލެއްކަން ކަށަވަރު،" ޔޫރަޕާއި އުތުރު އެފްރިކާ ސަރަހައްދުގެ ފުޓްބޯޅަ ދިރާސާކުރާ އަލީ އަލް ގަރްނީ ބުންޏެވެ.
އެކަމަކު އޭނާ އާއި ބައެއް އެހެން ތަޖުރިބާކާރުން ވެސް ސުވާލު އުފައްދަނީ، އާޖެންޓީނާއިން ތިންވަނަ ލަނޑު ޖެހުމުގެ މަރުހަލާގައި، އެ ޓީމުގެ އޭރިއާގެ ތެރެއިން މިސްރުގެ މުހައްމަދު ސަލާހަށް އާޖެންޓީނާގެ ކުޅުންތެރިން ކުރި ޗެލެންޖަށެވެ.
އެއީ ޕެނަލްޓީއެއް ކަމަށް މިސްރުގެ ބެންޗުން އެޕީލް ކުރި އެވެ. ވީއޭއާރުން ބެލުމަށް ވެސް އެދުނެވެ. އެކަމަކު އެ ހާދިސާ ވީއޭއާރުން ބަލާކަށް ވެސް ރެފްރީ ލެތެކްސިއޭ ބޭނުމެއް ނުވި އެވެ.
މުބާރާތުގެ ރެފްރީންގެ ނިންމުންތަކާ މެދު ކަންބޮޑުވުން ފާޅުކުރީ މިސްރުގެ އެފްއޭއިން އެކަންޏެއް ވެސް ނޫނެވެ. ބެލްޖިއަމް އާއި ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔޫއެފާއިން ވެސް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ނިންމުންތަކާ މެދު ވެސް ސުވާލު އުފައްދައިފަ އެވެ.