ކުޅިވަރުގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލްގެ ގައުމީ ޓީމުން ރިޓަޔާކުރި ފަހުން، ޕޯޗުގަލްގެ މޮޅުވި ފުރަތަމަ މެޗުގައި ހަތް ނަންބަރު ޖޯޒީގައި ކުޅުނު ކާލޯސް ފޯބްސް ވިދާލައިފި އެވެ.
ޔޫއެފާ ނޭޝަން ލީގުގައި ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ރޮނާލްޑޯއަށް އިހްތިރާމުއަދާކުރުމުގެ ގޮތުން ވަނީ ހަތް ނަންބަރުގެ މެދުން ރޮނގެއް ދަމާފަ އެވެ.
ވޭލްސްއާ ދެކޮޅަށް 3-2 ން ޕޯޗްގަލް މޮޅުކޮށް ދިން ލަނޑު 70 ވަނަ މިނެޓްގައި ޖެހީ ފޯބްސް އެވެ. އެއީ ބެލްޖިއަމްގެ ކްލަބް ބްރޫޖަށް ކުޅެމުން އަންނަ ފޯބްސް ޤައުމީ ޓީމަށް ކުޅުނު ތިން މެޗުގައި ޖެހި ފުރަތަމަ ލަނޑެވެ. މޮޅާ އެކު އެންމެ ފަހުގެ ޗެމްޕިއަން، ޕޯޗުގަލް ވަނީ ޔޫއެފާ ނޭޝަން ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.
"މިއީ ވަރަށް ހައްސަ އިހުސާސެއް. މިއަދު [ރޭ] ގެ މެޗު ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ،" އުމުރުން 22 އަހަރުގެ ފޯބްސް ބުންޏެވެ.
"އެންމެ މުހިންމު ކަމަކީ އަހަރެމެންނަށް މެޗުން މޮޅުވެވުން. ހަތް ނަންބަރަކީ ވަރަށް ޚާއްސަ ނަންބަރެއްކަން އެނގޭ. އެކަމަކު އެ ޖޯޒީ ލައިގެން ކުޅޭތީ އިތުރު ޕްރެޝަރެއް އިހުސާސެއް ނުވޭ."
ވޭލްސްގެ ކާޑިފްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ބްރޫނޯ ފެނާންޑޭސް ޖަހައި ޕޯޗުގަލްއަށް ލީޑު ނަގައިދިނެވެ. އޭގެ ދެ މިނެޓު ފަހުން ޑޭވިޑް ބްރޫކްސް ވަނީ ވޭލްސްއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ސޯބާ ތޯމަސް ވޭލްސްއަށް ލީޑު ނަގައިދިން ނަމަވެސް ޕެޑްރޯ ނެޓޯ ވަނީ ވަގުތުން ލަނޑެއް ޖަހައި ޕޯޗުގަލްއަށް އެއްވަރުކޮށްދީފަ އެވެ.
ޕޯޗްގަލްއިން މެޗުގެ ފަހުކޮޅު ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ދެ މިނެޓު ތެރޭ ދެ ރީނދޫ ކާޑާ އެކު ނެޓޯއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.
ނޭޝަން ލީގުގައި ޕޯޗުގަލް ވަނީ ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފަ އެވެ. އެ ޓީމުން ވަނީ ގްރޫޕްގެ އެއްވަނަ ހޯދާފަ އެވެ. ނޭޝަން ލީގުގެ ކުއާޓާ ފައިނަލްގައި އަންނަ މާޗް މަހު ކުޅޭ ކުއާޓާ ފައިނަލުން ޖާގަ ހޯދާފަ އެވެ.
ގައުމީ ޓީމަށް 234 މެޗު ކުޅެ 146 ލަނޑު ޖަހައިދީފައިވާ ރޮނާލްޑޯ މި މަހުގެ 5 ވަނަ ދުވަހު ޤައުމީ ޓީމުން ރިޓަޔާކުރީ، ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި ބެހެއްޓުމުން ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަކަށް ފަހުގަ އެވެ.