ލަނޑު ޖެހުމަށް ފަހު ސިޓީގެ ޖީސޫސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
08 ނޮވެމްބަރ 2018 - 09:16
މެންޗެސްޓާ (ނޮވެމްބަރު 8) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޝަކްތާ ޑޮނެސްކް އަތުން 6-0 އިން މެންޗެސްޓާ ސިޓީން ބޮޑު މޮޅެއް ހޯދިއިރު، އުނދަގޫ ހާލަތެއްގައި މީގެ ކުރިން އޮތް ރެއާލް މެޑްރިޑް 5-0 އިން ވިކްޓޯރިއާ ޕްލެޒެން އަތުން މޮޅުވެ ހަމަޖެހުމެއް ހޯދައިފި އެވެ.
ސިޓީން މި ފަަހަރުގެ ޗެމްޕިއަންސް ލީގު ފެށީ ބައްޔަކުންނެވެ. އަމިއްލަ ދަނޑުގައި ފުރަތަމަ މެޗުން ލިޔޯން އަތުން ބަލިވި ނަމަވެސް އޭގެ ފަހުން ކުޅުނު ތިން މެޗުން ވަނީ މޮޅުވެފަ އެވެ. ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު، ގްރޫޕް އެފްގެ އެއް ވަނައިގައި ސިޓީ ނުވަ ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް ލިޔޯން ރޭ އަމިއްލަ ދަނޑުގައި 2-2 އިން ހޮފެންހައިމްއާ އެއްވަރުވިއިރު، ލިޔޯނަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ހޮފެންހައިމަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ޝަހުތަރު ފުލުގައި އޮތީ ދެ ޕޮއިންޓާ އެކު އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މި ސީޒަނުގައި ފޯމު ގެއްލިފައި ހުރި ޖީސޫސް ދެ ލަނޑު ޖެހީ ޕެނަލްޓީންނެވެ. ސިޓީގެ އަނެއް ލަނޑުތައް ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަހީމް ސްޓާލިން އާއި ރިޔާދު މާރޭޒް އަދި ޑޭވިޑް ސިލްވާ އެވެ.
ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ބޮޑު މޮޅެއް ލިބުނު ނަމަވެސް ހާސިލްކުރަން ބޭނުންވާ ކަންތައް އަދި އޮތީ ފުރިހަމަނުވެ ކަމަށެވެ.
"ފުރަތަމަ މެޗުން ބަލިވި ފަހުން އަހަރެމެން އެންމެ މަސައްކަތްކުރީ ހާލަތު އެއްކޮށް ބަދަލުކުރަން. މިހާރު އެކަން ކުރެވިއްޖެ. ވަރަށް މޮޅަށް ކުޅެގެން ހުރިހާ މެޗަކުން ވެސް އަހަރެމެން މޮޅުވަނީ އެކަމަކު އަދިވެސް އެންމެ ބޭނުންވާ ކަންތައް ހާސިލެއް ނުވޭ. އެއީ ދެ ވަނަ ބުރަށް ދިއުން،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.
ރެއާލުގެ އާ ކޯޗު ސަންޓިއާގޯ ސޮލާރީ ހަވާލުވި ފަހުން ކުޅުނު ތިން ވަަނަ މެޗުގައި އެ ޓީމުން ވަނީ ރަށުން ބޭރުގައި ވިކްޓޯރިއާ ޕްލެޒެން ކޮޅަށް ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖަހައިފަ އެވެ. ރެއާލުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައި ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ވަނީ އެ ކްލަބަށް 200 ލަނޑު ހަމަކުރި ހަތް ވަނަ ކުޅުންތެރިއާ އަށް ވެފަ އެވެ. މި ހާފުގައި އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ ކަސެމީރޯ އާއި ގަރެތު ބޭލް އެވެ. ރެއާލުގެ ފަސް ވަނަ ލަނޑު ދެ ވަނަ ހާފުގައި ޖެހީ ޓޮނީ ކްރޫސް އެވެ.
ވަގުތީގޮތުން ރެއާލާ ހަވާލުވެ މިހާތަަނަށް ސޮލާރީ އަންނަނީ ރަނގަޅު މަސައްކަތެއް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ރެއާލުން އަދިވެސް ދާއިމީ ކޯޗެއް ނެގުމާމެދު ގޮތެއް ނުނިންމަ އެވެ. މޮނާކޯގެ ކުރީގެ ކޯޗު ލިއޮނާޑޯ ޖާޑިމްއާ ދާދި ފަހުން މަޝްވަރާ ކުރި ނަމަވެސް އެންމެ ފަހުގެ ނިންމުމާ ހަމައަށް ދާ ވަރަށް ވާހަކަތައް ކުރިއަށް ނުދެ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy