ބާސެލޯނާ (ނޮވެމްބަރު 6) – ސްޕެނިޝް ލީގުގައި ލެވަންޓޭ އަތުން ބަލިވެ އޭގެ ފަހުން ކުޅުނު މެޗުގައި ރޭ ޗެމްޕިއަންސް ލީގުގައި ޗެކް ރިޕަބްލިކުގެ ސްލާވިއާ ޕްރާގްއާ 0-0 އިން އެއްވަރުވުމާ އެކު ބާސެލޯނާ މިހާރު އޮތީ ޕްރެޝަރުގައި ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.
މި މެޗުން މޮޅުނުވެވުނަސް ބާސެލޯނާ އަށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު ލެވަންޓޭ އަތުން 3-1 އިން ބަލިވެފައި އޮއްވާ އަމިއްލަ ދަނޑުގައި މި ނަތީޖާ ނުކުތުމަކީ ވަލްވާޑޭ އަށް މިހާރު ވެސް ކުރިމަތިވެފައިވާ ޕްރެޝަރަށް އިތުރުވި އިތުރުވުމެކެވެ. ރޭގެ މެޗުގައި ލިއޮނަލް މެސީ ހުރަސް ދަނޑި އަށް އަމާޒުކޮށްލި ބޯޅައެއް ފިޔަވައި ބާސެލޯނާ އަށް ނުރައްކަލެއް ވެސް ނުކުރެވުނެވެ.
"ކުރީ ދުވަހު ލެވަންޓޭ އަތުން ބަލިވީ. އަހަރެމެންނަށް އެނގޭ މިއީ އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދެއްކުނު ދުވަހެއް ނޫންކަން. އެދެވޭ ކުޅުމެއް ކުރީ ދުވަހު ވެސް މިއަދު ވެސް ނުދެއްކުނު. އަހަރެމެންނަށް އެނގޭ ޓީމަށް ވަރަށް ޕްރެޝަރު އެބައޮތްކަން،" ވަލްވާޑޭ ބުންޏެވެ.
ބާސެލޯނާ އަށް ދެން އޮތީ އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗާއި ރަށުން ބޭރުގައި އިންޓައާ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެހެންވެ ސެން ސީރޯގައި އިންޓައާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ދެ ވަނަ ބުރަށް ކޮލިފައިވުމަށްޓަކައި ޑޯޓްމަންޑް މެޗުން މޮޅުވާން ބާސެލޯނާ އަށް ޖެހޭނެ އެވެ. އެކަމަކު ރޭ ޑޯޓްމަންޑް އަތުން 3-2 އިން ބަލިވެ އިންޓަ ވެސް އޮތީ ޕްރެޝަރުގަ އެވެ.
ތާވަލުގެ އެއް ވަނައިގައި އަށް ޕޮއިންޓާ އެކު ބާށެލޯނާ އޮތްއިރު ޑޯޓްމަންޑް ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. އިންޓަ އޮތީ ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ފުލުގައި އޮތީ ދެ ޕޮއިންޓާ އެކު ޕްރާގެވެ.
އިންޓަގެ ލޮޓާރޯ މާޓިނޭޒާއި މެތިއަސް ވެޗީނޯ ފުރަތަމަ ހާފުގައި ލީޑު ނަގާފައި ވަނިކޮށް ޑޯޓްމަންޑް ފަހަރުން އަރައި މޮޅުވީ ދެ ވަނަ ހާފުގައި، އަޝްރަފް ހަކީމީ ޖެހި ދެ ގޯލާއި ޖޫލިއަން ބްރާންޓް ޖެހި ގޯލުންނެވެ.
މުބާރާތުގެ ގްރޫޕް ޖީ ގައި ރޭ ޖަރުމަނުގެ އާރްބީ ލީޕްޒީގުން ވަނީ ރަށުން ބޭރުގައި ރަޝިއާގެ ޒެނިތު ސެއިން ޕީޓާސްބާގް އަތުން 2-0 އިން މޮޅުވެ ކޮލިފައިވުމާ ގާތަށް ޖެހިލައިފަ އެވެ. އެ ޓީމު ނުވަ ޕޮއިންޓް ހަމަކޮށް އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ބެންފީކާ އަތުން 3-1 އިން މޮޅުވި ފްރާންސްގެ އޮލިމްޕިކް ލިޔޯން އެވެ. ގްރޫޕުގެ ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު ޒެނިތު އޮތްއިރު ފުލުގައި ތިން ޕޮއިންޓާ އެކު އޮތީ ބެންފީކާ އެވެ.