ލަންޑަން (ޑިސެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-1 އިން އެސްޓަން ވިލާއާ އެއްވަރުވެ ޗެލްސީން ޕްރެޝަރުން އަރައިގަންނަން ކުރި މަސައްކަތުގައި އިތުރު އުނދަގޫތަކެއް ކުރިމަތިވިއިރު، މެންޗެސްޓާ ސިޓީން ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެވަޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްފި އެވެ.
ޗެލްސީން އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. މި މަހުގެ ކުރީކޮޅުގައި ލީގުގެ އެއް ވަނަ އަށް ވެސް ޖެހިލި ޗެލްސީ އަށް ފަހަަކަށް އައިސް ނަތީޖާ ނެރުމުގައި މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. ޗެލްސީ މި ވަގުތު 16 މެޗުން 26 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގައި އޮތް ނަމަވެސް މި ހަފްތާގެ މެޗުތަކަށް ފަހު އެ ޓީމު މަގާމަށް ބަދަލު އައުމުގެ ފުރުސަތު ބޮޑެވެ.
އެންމެ ފަހުން އާސެނަލް އަތުން ބަލިވި މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެން ރޭގެ މެޗަށް ޗެލްސީން ނުކުތްއިރު އެ ޓީމަށް ލީޑުނަގައިދިނީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ. ބެން ޗިލްވެލް ނަގައިދިން ހުރަހަކުން ޖިރޫޑް މި ގޯލު ޖެހީ ބޮލުންނެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން މާ ގިނަ އިރެއް ނުވެ މެޓީ ކޭޝް ނަގައިދިން ހުރަހަކުން އެސްޓަން ވިލާގެ އަންވަރު އެލް ގާޒީ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އެސްޓަން ވިލާ އަށް ލީޑުނަގައިދޭން ޖޯން މެކްގިން ޖެހި ބޯޅައެއް ހުރަސް ދަނޑިއަށް އަމާޒުވިއިރު، ޗެލްސީ މޮޅުކޮށްދޭން ޗިލްވެލް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ މެޗުތަކުން މޮޅުވެގެން ނޫނީ ހާލަތުން އަރައިނުގަނެވޭނެ ކަމަށާއި ނަތީޖާ ނުނެރެވި ނިމޭ ކޮންމެ މެޗަކީ ކޮންމެވެސް ސިފައެއްގައި އިތުރުވާނެ ޕްރެޝަރެއް ކަމަށެވެ. ޗެލްސީގައި ތިބީ ޕްރޮފެޝަނަލުން ކަމަށާއި ހުރިހާ ހާލަތެއްގައި ވެސް ތަފާތު ދެއްކޭ ފެންވަރުގެ ކުޅުންތެރިން އެ ޓީމުގައި އެބަތިބި ކަމަށް ލަމްޕާޑް ބުންޏެވެ.
ޗެލްސީ ދެން ކުޅެން އޮތީ އަންނަ މަހު ތިން ވަނަ ދުވަހު އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށެވެ. އެކަމަކު އެ މެޗު ކުޅުމާ މެދު ސީދާ ގޮތެއް އެނގޭނީ ސިޓީ އަށް ދިމާވެފައިވާ ކޮވިޑް-19ގެ ކޭސްތަކުގެ ހާލަތު ބަދަލުވާ ގޮތަކުންނެވެ. ލީގުގައި ރޭ އެވަޓަން އާއި ސިޓީ ކުޅެން ޝެޑިއުލްކޮށްފައި އޮތް މެޗު ފަށަން ހަތަރު ގަޑިއިރަށް ވެފައި ވަނިކޮށް އެ މެޗު ފަސްކުރަން ނިންމީ ސިޓީގެ ކޮވިޑް ކޭސްތަކުގެ ސީދާ އަދަދެއް ކަށަވަރުވުމުގައި ދަތިތަކެއް ހުރުމުންނެވެ. ސިޓީގެ ގަބްރިއެލް ޖީސޫސް އާއި ކައިލް ވޯކާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނިކޮށް ރޭގެ މެޗުގެ ކުރިން ހެދި ޓެސްޓުގައި ބައެއް އިތުރު ސްޓާފުންނާއި ކުޅުންތެރިން ޕޮޒިޓިވްވި ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ސިޓީ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުމުގެ އިތުރުން ލީގު ކަޕްގެ ސެމީ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާ ކުޅޭ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެެވެ. އެ މެޗުތަކަށް ވާނެ ގޮތެއް ކަނޑައަޅާނީ ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސް ތެރޭ ހާލަތު ބަދަލުވާ ގޮތްތަކަށް ބެލުމަށް ފަހު އެވެ.
ލީގުގައި ރޭ ލެސްޓާ ސިޓީ ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ 1-1 އިން އެއްވަރުވެފަ އެވެ. ލެސްޓާ މި ވަގުތު ދެ ވަނައިގައި އޮތް ނަމަވެސް މިރޭ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ދެ ވަނަ އަށް އެރޭނެ އެވެ.