ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނީއާ ގެންދަން އާސެނަލުން ޝައުގުވެރިކަން ފާޅުކުރުމާ އެކު، އޭނާ ކްލަބުގައި ބަހައްޓަން ރެއާލް މެޑްރިޑުން ހުށަހަޅާ އެއްބަސްވުމުގެ އަގު ބޮޑުކޮށްފި އެވެ.
ރެއާލާ އެކު ވިނީ ހަދާފައިވާ ކޮންޓްރެކްޓްގެ އެންމެ ފަހު އަހަރާ ކުރިމަތިލީ އެވެ. އެކަމަކު އޭނާގެ އެއްބަސްވުން، އާ ކުރުމުގެ މަސައްކަތް ރެއާލަށް ކާމިޔާބުވެފައި ނުވަނީ މުސާރައިގެ މައްސަލައާ މެދު އެއްބަސްނުވެވޭތީ އެވެ.
އުމުރުން 26 އަހަރުގެ ވިނީގެ ފަރާތުން އޭނާގެ އެޖެންޓުން ޑިމާންޑް ކުރަނީ، ރެއާލުން ކިލިއަން އެމްބާޕޭ އަށް ދޭ ވަރުގެ މުސާރައެއް ހޯދުމަށެވެ. އެއީ ޓެކުހަށް ކެނޑުމަށް ފަހު އަހަރަކު 30 މިލިއަން ޔޫރޯ އެވެ.
އެކަމަކު ދެވަނަ ކުޅުންތެރިޔަކަށް އެވަރުގެ ބޮޑު މުސާރައެއް ދޭން، ރެއާލުން ބޭނުމެއް ނުވެ އެވެ.
ރެއާލްގެ ޖެނެރަލް ޑިރެކްޓަރު ހޯސޭ އެންހެލް ސަންޗޭޒް އަދި ޗީފް ސްކައުޓް ޖުނީ ކަލަފަޓް، މިއަދު ވަނީ ވިނީގެ ކޭމްޕާ، ބައްދަލުކޮށްފަ އެވެ. އެއީ އޭނާގެ ބައްޕަ އާއި ވިނީ ތަމްސީލުކުރާ އެޖެންޓް ކުންފުނީގެ ދެ އޮފިޝަލުންނެވެ.
ރެއާލްގެ އެތެރޭގެ މަސްދަރަކާ ހަވާލާދީ، ދި އެތުލެޓިކް ނޫހުން ބުނީ ޓީމުގައި ވިނީޝިއުސް ބަހައްޓަން ބޭނުންވާތީވެ އޭނާގެ މުސާރަ ބޮޑުކޮށްދޭން ކްލަބްން މިއަދު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ ސީދާ ވިނީ ޑިމާންޑްކުރާ އަދަދާ އެއްވަރުގެ މުސާރައެއް ކަމެއް ސާފެއް ނުވެ އެވެ.
ޓްރާންސްފާ ޚަބަރުތަކަށް ހާއްސަ ފެބްރިޒިއޯ ރޮމާނޯ ބުނީ ރެއާލްގެ އެ ހުށަހެޅުމާ މެދު ވީނީގެ ކޭމްޕުން ވެސް ހިތްހަމަޖެހޭ ކަމަށެވެ.
މިހާރު ގޮތް ނިންމުން އޮތީ ވިނީޝިއުސްގެ އަތްމަތީގަ އެވެ. އޭނާ އަށް ގޮތް ނިންމަން އޮތް އިހްތިޔާރުތަކަކީ:
- ރެއާލުން ހުށަހަޅާ ކޮންޓްރެކްޓްގައި ސޮއި ކުރުން
- މި ޓްރާންސްފާ ޕީރިއަޑްގައި، ޓްރާންސްފާ ފީއެއްގައި އާސެނަލަށް ބަދަލުވުން
- މިހާރު އޮތް އެއްބަސްވުން ނިމެންދެން ރެއާލްގައި މަޑުކުރުމަށް ފަހު އަންނަ އަހަރު ހިލޭ ޓްރާންސްފާގައި ކްލަބް ބަދަލުކުރުން
އާ ސީޒަނަށް ތައްޔާރުވުމަށް ރެއާލުން ކުރިއަށްގެންދާ ޕްރީ ސީޒަން ޓްރޭނިން ކޭމްޕާ، މިހަފުތާގައި ވިނީޝިއުސް ވަނީ ގުޅިފަ އެވެ.
ދެވަނަ ފަހަރަށް ރެއާލްގެ ކޯޗުކަމާ ހަވާލުވި ހޯޒޭ މޮރޯނިއޯގެ ކޯޗުކަމުގެދަށުން ރެއާލުން ވަނީ ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ވީނީ، ކްލަބް ދޫކޮށްލަފާނެ ހާލަތަކަށް ވެސް ރެއާލުން ވަނީ ތައްޔާރުވެފަ އެވެ. ރެޑްބުލް ލައިޕްޒިގްގެ ޒުވާން ފޯވާޑް ޔާން ޑިއޮމަންޑޭ ސޮއިކުރަން ރެއާލުން ވަނީ ލައިޕްޒިގާ އެކު އެއްބަސްވެފަ އެވެ.
އައިވަރީ ކޯސްޓްގެ ފޯވާޑަކީ، ވިނީ ކުޅެމުންދާ ކަނާތު ވިންގަށް ވެސް ކުޅެވޭ ފޯވާޑެކެވެ.
ސްކޮޑް ވަރުގަދަކުރުމަށް މާކް ކުކުރެޔާ، ބެނާޑޯ ސިލްވާ، އިބްރާހީމާ ކޮނާޓޭ، ޑެންޒެލް ޑަމްފްރީސް އަދި ކާލޯސް އެސްޕީ ރެއާލުން ވަނީ ސޮއި ކުރުވާފަ އެވެ. އަދި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ހެނާންޑޭޒް ސޮއި ކުރުވަން ވެސް މެޑްރިޑްގެ ކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ.