ޒަމާނީ ފެންވަރަށް މިހާރު ހަދަމުން އަންނަ މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަންނަ ހަފުތާގެ ބުދަ ދުވަހު ތާރު އަޅަން ފަށާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ މަގު އާންމުންނަށް ބަންދުކޮށް، ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކޮށް ތަރައްގީކުރަން ފެށީ މިދިޔަ މާޗު މަހުގެ 23 ގަ އެވެ.
އެމްޓީސީސީން ބުނީ އަންނަ ބުދަ ދުވަހު ތާރު އަޅަން ފަށާއިރު އެ މަސައްކަތް ކުރާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެންމެ ފުރަތަމަ ތާރު އަޅާނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހިސާބަށެވެ. އެ މިނިސްޓްރީ ހިންގާ އިމާރާތުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް ސަރަހައްދުގައި ތާރު އަޅަން ފަށާނީ ފުރަތަމަ ބައިގައި އެއްކޮށް ތާރު އަޅައި ނިމުމުންނެވެ.
ތާރު އެޅުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފެށުމުގެ ގޮތުން ހެންވޭރު ޓާމިނަލުން ފެށިގެން ކާނިވާ ޕާކިން ޒޯނަށް ވަންނަ ސަރަހައްދު ވަގުތީގޮތުން ބަންދު ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެެ. މަގު ބަންދުކުރި ނަމަވެސް އެ ޕާކިން ޒޯނުގައި ވެހިކަލް ޕާކުކުރެވޭނެ އެވެ.
އެ މަގު ހެދުމުގެ މަސައްކަތާ ގުޅިގެން މިދިޔަ ހޯމަ ދުވަހު، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ "މިހާރު" އަށް ވިދާޅުވީ އެ މަގުގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ ޖުލައި 26 ގެ ކުރިން އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ފޭސް އެކެއްގެ ނަރުދަމާ އާއި ފެން ލައިނާއި މައި ފެން ހޮޅިލުމުގެ މަސައްކަތާއި ސްޓޯމްވޯޓާ ކެޗްޕިޓު އަދި ކޭބަލް ޖަންކްޝަނުގެ މަސައްކަތް ވެސް އެއްކޮށް ނިމިފައިވާ ކަމަށެވެ.
މަގުގެ ޕޭވްމަންޓުގެ މަސައްކަތުގެ ވެސް އެއްބައި އެއްކޮށް ނިމިފައިވާއިރު މިހާރު ކުރިއަށް ގެންދަނީ ސެގްމެންޓް 2 އަކާއި 3 ގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.