ރަންވީރު ސިންގްގެ ކުރިއަށް އޮތް ފިލްމު "ޕްރަލޭ"އާ ބެހޭ ގޮތުން ޕްރޮޑިއުސަރު ހަންސަލް މެހެތާ މައުލޫމާތު ހިއްސާކޮށްފި އެވެ. 

ރަންވީރުގެ ކާމިޔާބު ފިލްމު "ދުރަންދަރު" އަށް ފަހު ދެން އޭނާ ފެންނަނީ ވަރަށް ތަފާތު ޖޯންރާއެއްގެ ފިލްމަކުންނެވެ. "ޕްރަލޭ:ގެ ނަމުން ނަންދީފައިވާ އެ ފިލްމަކީ ޕޯސްޓް-އެޕޮކަލިޕްޓިކް (ދުނިޔެ ހަލާކުވެފައިވާ ދުވަސްވަރެއްގެ) ޒޮމްބީ ތުރިލާއެކެވެ.

އެ ފިލްމާ ގުޅޭ ގޮތުން ޕްރޮޑިއުސަރު ހަންސަލް މެހެތާ ވަނީ މުހިންމު ތަފްސީލުތަކެއް މީޑިއާއާ ހިއްސާކޮށްފަ އެވެ.

އެ ފިލްމު ޑައިރެކްޓް ކުރާނީ ހަންސަލްގެ ދަރިފުޅު ޖޭ މެހެތާ އެވެ. މިއީ އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމު އުފައްދަނީ ގާތްގަނޑަކަށް 300 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުންނެވެ.

ރަންވީރާ އެކު އަންހެން ލީޑު ރޯލު ކުޅޭނީ ދެކުނު އިންޑިއާގެ މަޝްހޫރު ބަތަލާ ކަލްޔާނީ ޕްރިޔާދަރްޝަން އެވެ. އެއީ އިންޑިއާގެ މަޝްހޫރު ކޮމެޑީ ޑައިރެކްޓަރު ޕްރިޔާދަރްޝަންގެ ދަރިފުޅެވެ.

މިއީ ޒޮމްބީންގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ނާމާން ހާލަތެއް ދައްކާ ފިލްމެކެވެ. މިއީ އެއްވެސް ފޮތަކުން ނުވަތަ އެހެން ފިލްމަކުން ނަކަލުކޮށްފައިވާ ވާހަކައެއް ނޫން ކަމަށް ހަންސަލް ބުންޏެވެ.

ހަންސަލް މެހެތާ ހާމަކުރި ގޮތުގައި، އެ ފިލްމުގެ ވާހަކައަކީ ޖޭ ވަރަށް ކުރީއްސުރެ ގެންގުޅޭ ހިޔާލެކެވެ. ރަންވީރަށް ޖޭގެ މަސައްކަތްތައް ފެނިގެން، ރަންވީރު އަމިއްލައަށް އިސްނަގައިގެން ޖޭއާ ބައްދަލުކޮށް، އެ ފިލްމާ ގުޅޭ ގޮތުން ވާހަކަ ވެސް ދެއްކި އެވެ.

އެ ފިލްމުގެ ސްކްރިޕްޓް ކިޔައިދިނުމުން ރަންވީރު ވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "މާ ގަސަމް ފިލްމްސް"ގެ ދަށުން އެ ފިލްމު ކޯ-ޕްރޮޑިއުސް ކުރުމަށް ވެސް ނިންމާފައި ކަމަށް ހަންސަލް ބުންޏެވެ.

"ޕްރަލޭ"ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މެދުތެރޭގަ އެވެ. މިހާރު ކުރިއަށް ގެންދަނީ ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތަކާއި ސެޓުތަކުގެ މަސައްކަތްތަކެވެ. އެ ފިލްމުގައި ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑު ކްރޫއެއް މަސައްކަތް ކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ. 

މިއީ އިންޑިއާގައި މިހާ ބޮޑު ބަޖެޓަކުން އުފައްދާ ފުރަތަމަ ޒޮމްބީ ފިލްމަށް ވާނެތީ، ގިނަ ބަޔަކު މިހާރު ވެސް އަންނަނީ މި ފިލްމަށް އިންތިޒާރު ކުރަމުންނެވެ.