ބޮލީވުޑްގެ ތަރި ރަންވީރު ސިންގުގެ ފިލްމު "ދުރަންދަރު"އަށް އޮތް ތަރުހީބު އިންޑިއާގައި އާދަޔާ ހިލާފަށް ބޮޑުވެ، އެކައުންޓްސް އިމްތިހާނެއްގައި އެ ފިލްމުގެ ކެރެކްޓާސްތަކާ ގުޅުވައި ސުވާލެއް ހިމަނައިފި އެވެ.
އިންޑިއާގެ ސްކޫލެއްގެ އެކައުންޓްސް އިމްތިހާނު ކަރުދާހެއްގައި "ދުރަންދަރު"ގެ ކެރެކްޓާސްއާ ގުޅުވައި ކޮށްފައިވާ ސުވާލެއް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިފަ އެވެ.
އެ ސުވާލު ލިޔެފައި ވަނީ ފިލްމުގައި ހިމެނޭ "ރަހުމާން ޑަކައިތު" އާއި "ހަމްޒާ" އަދި "ޖަމީލް ޖަމާލީ" ފަދަ ނަންތައް ބޭނުންކޮށްގެންނެވެ.
އެއް ސުވާލެއްގައި "ޖަމީލް ޖަމާލީ" އާއި "އެސްޕީ ޗައުދަރީ އަސްލަމް" އަދި "ޔަލީނާ ޖަމާލީ" އަކީ އެއްވަރަކަށް ފައިދާ އާއި ގެއްލުން ބަހާ ޕާޓްނަރުން ކަމަށް ބުނެފައިވެ އެވެ. އަދި އެސްޕީ ޗައުދަރީ ރިޓަޔާވުމުން އާ "ޕްރޮފިޓް ޝެއަރިން ރޭޝިއޯ" ހޯދުމަށް ބުނެފައިވެ އެވެ.
"އަޖޭ ސަންޔާލް" އާއި "ސުޝާންތު ބަންސާލް" ޕާޓްނަރުންގެ ގޮތުގައި ތިއްބާ "މުހައްމަދު އާލަމް"އާ ޕާޓްނަރެއްގެ ގޮތުގައި އިތުރުވުމުން ހަދަން ޖެހޭ "ޖާނަލް އެންޓްރީ"ތައް އުފެއްދުމަށް ވެސް ސުވާލުކޮށްފައިވެ އެވެ.
އެ ސުވާލު ކޮށްފައި އޮތީ ފިލްމުގެ ވާހަކައާ ގުޅުވައިގެން، ވަކި ތާރީހެއްގައި "ރަހުމާން ޑަކައިތު" މަރުވި ކަމަށް ބުނެ އެކައުންޓްތައް ނިންމަން ޖެހޭ ގޮތަށެވެ.
މި ސުވާލުތަކުގައި ބޭނުންކޮށްފައިވާ ބެލެންސް ޝީޓްގެ އައިޓަމްތަކުގައި ވެސް ފިލްމުގެ ކެރެކްޓާސްތަކުގެ ނަންތައް ބޭނުންކޮށްފައިވެ އެވެ.
މި ކަރުދާހުގެ ފޮޓޯތައް އިންޓަނެޓުގައި ވައިރަލްވުމާ އެކު، ގިނަ ބަޔަކު އަންނަނީ މިއީ ދަރިވަރުން ފޫހިވާ މާއްދާތަކަށް ޝައުގުވެރިކުރުވުމަށް ޓީޗަރުން ގެންގުޅޭ އުފެއްދުންތެރި ކަމުގެ އުކުޅެއްގެ ގޮތުގައި ސިފަކުރަމުންނެވެ. އަދި ބައެއް މީހުން ބުނި ގޮތުގައި، މިއީ މި ފިލްމު މީހުންގެ މެދުގައި މަގުބޫލުވެފައިވާ މިންވަރު ވެސް ހާމަކޮށްދޭ ކަމެކެވެ.
"ދުރަންދަރު 2" ރިލީޒްކުރިތާ ހަފުތާއެއްގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 1,000 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައި، އިންޑިއާގެ ސިނަމާގެ އާ ރެކޯޑެއް ހަދައިފަ އެވެ.