ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ފަހިކޮށްދޭ އެކްސްޕޯއެއް

ވަޒީފާ ބޭނުންވާ ޒުވާނުންނަށް އަމާޒުކޮށްގެން "ޔޫތު ކެރިއާ އެކްސްޕޯ 2017" ނަމުގައި 1،000 އަށް ވުރެ ގިނަ ވަޒީފާ އާއި ތައުލީމީ ގިނަ ފުރުސަތުތަކެއް ހިމެނޭ އެކްސްޕޯއެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.


ރެހެންދި ސްކޫލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި އެކްސްޕޯ ހުޅުވައިދެއްވީ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިއަދުގެ ނިޔަލަށް ބާއްވާ އެކްސްޕޯގައި ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ކުންފުނިތަކާއި ބައެއް އަމިއްލަ ކުންފުނިތަކުން ބައިވެރިވެ އެވެ. މިއީ ޒުވާނުންނަށް ހާއްސަކޮށްގެން މިފަދަ އެކްސްޕޯއެއް ހުޅުމާލޭގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

ވަޒީފާ އާއި ތައުލީމުގެ ފުރުސަތުތަކާއި ވިޔަފާރީގެ ދާއިރާ އިން ކުރިއަށް ދެވޭނެ ގޮތްތަކާއި އާ އުފެއްދުންތައް ޕްރޮމޯޓް ކުރުމާއި އިގްތިސާދީ އަދި އިޖްތިމާއީ ފުރުސަތުތަކާ ގުޅޭގޮތުން އެކްސްޕޯގައި މައުލޫމާތު ދޭނެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ އެކްސްޕޯގައި އެންމެ ގިނައިން ހުރީ ހުޅުމާލެއިން ލިބެން ހުރި ވަޒީފާތައް ކަމަށެވެ. އަދި ހުޅުމާލެ އަށް އަންނަ ތަރައްގީއާ އެއްކޮށް ވަޒީފާގެ ފުރުސަތު އިތުރުވަމުން އަންނަ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.

ރެހެންދި ސްކޫލްގައި ޔޫތު ކެރިއާ އެކްސްޕޯ މިއަދު ކުރިއަށް ގެންދަނީ.---- ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ އުފެދުނު ފަހުން މިދިޔަ ދުވަސްތަކަށް ބަލާއިރު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 3-4 ގުނަ ވަޒީފާތައް ވަނީ އިތުރުވެފަ އެވެ. އަދި ވިޔަފާރީގެ ބޭނުމަށް ބޮޑު ސަރަހައްދެއް ހުޅުމާލެ އިން ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިލްސިލާ ގޮތެއްގައި އެކްސްޕޯ ކުރިއަށް ދާނަމަ، ވަޒީފާގެ އަދަދު ކުރިއަށް އޮތް އަހަރުގައި ދެގުނަ ނުވާނެ އެއްވެސް ސަބަބެއް ނެތް،" ސައިމަން ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީންގެ މަސައްކަތްޕުޅަކީ ޒުވާނުންނަށް ފާގަތިކަމާއި ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އަދި އިގްތިސާދުގެ ދުވެލި ހަލުވި ކުރަން ކުރާ މަސައްކަތުގައި މިހާތަނަށް ސަރުކާރުން 64،000 ވަޒީފާ އުފައްދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮން ޒަމާނެއްގައިތޯ އެއްވެސް ވެރިއަކު ޒުވާނުން ބިނާކުރުމަށް މިވަރުގެ މަސައްކަތެއް ކުރެއްވީ؟" ރައީސް ޔާމީނަށް ތައުރީފް ކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެކްސްޕޯގައި ބައިވެރިވާ ތަންތަން:

- އިކޮނޮމިކް މިނިސްޓްރީ، ޔޫތު މިނިސްޓްރީ

- އެއާޕޯޓްސް ކޮމްޕެނީ، ކަސްޓަމްސް

- ހުޅުމާލެ ހޮސްޕިޓަލް، އިމިގްރޭޝަން

- މޯލްޑިވިއަން، ޓްރީ ޓޮޕް ހޮސްޕިޓަލް

- މޯލްޑިވްސް ޕޯޓްސް، ރިސޯޓު އެންޑް ހޮޓެލްސް

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި އެކްސްޕޯ އަކީ ވަޒީފާ ނެތް ޒުވާނުންނަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އެ ގޮތުން ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅައިގެން ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު އެކްސްޕޯއިން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކްސްޕޯގައި ހުރި އުރިދޫގެ ސްޓޯލެއް: ގިނަ އަދަދެއްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެކްސްޕޯއިން ވަނީ ލިބޭނެ.--- ފޮޓޯ: މިހާރު

އެކްސްޕޯގައި ބައިވެރިވާ ތަންތަން:

- އެސްޓީއޯ، އައިލެންޑް އޭވިއޭޝަން

- އެމްޓީސީސީ، ޓިވެޓް އޮތޯރިޓީ

- އެމްޑަބްލިއުއެސްސީ، އެންސިސް ފިޝަރީޒް

- އުރީދޫ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)

- ހުޅުލެ އައިލެންޑް ހޮޓެލް، އަމިން ކޮންސްޓްރަކްޝަން

މި އެކްސްޕޯ ކުރިއަށް ގެންދަނީ މިއަދު ހެނދުނު 10:30 އިން ރޭގަނޑު 10:30 އަށެވެ. އެކްސްޕޯ އަށް ޒިޔާރަތްކުރާ ޒުވާނުންނަށް އެކި އިނާމްތައް ލިބޭއިރު، ބައެއް ކުންފުނިތަކުން އިންޓާންޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.