އެމްއޭސީއެލްގެ އެމްޑީ ޝަރީފު "މިހާރު" ގެ ނޫސްވެރިންނާ އެކު މިއަދު ވީއައިއޭގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
23 ޖުލައި 2025 - 17:28
އަންނަ ހޮނިހިރު ދުވަހުގެ ރޭ ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލަށް އަންނަ ސެޕްޓެމްބަރު މަހު ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަންތައް ބަދަލުކުރެވޭނެ ކަަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އޮރާޓް ކޮންސަލްޓެންޓް މޮޑަލިސް ކޮންސަލްޓެންސީގެ އެހީގައި އެކި މަރުހަލާތަކަށް ބަހާލައިގެން އާ ޓާމިނަލް ބޭނުންކުރަން ފަށާއިރު، އެންމެ ފުރަތަމަ ފުރުސަތު ދޭނީ "ނެރޯ ބޮޑީ" ގެ މަތިންދާބޯޓުތައް ގެންގުޅޭ އެއާލައިންތަކަށް ކަމަށެވެ.
"އެހެންވީމާ މުޅި ޓާމިނަލަށް [އެއާލައިންތަކުގެ އޮޕަރޭޝަންތައް] ބަދަލުކުރުމުގެ މަސައްކަތަކީ ވިސްނުންތެރިކަމާ އެކު، ކޮންސަލްޓެންޓުގެ ލަފަ އާއި އިރުޝާދުގެ ދަށުން ކުރާ ކަމެއް،" އެމްޑީ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވިގޮތުގައި، ހައި އެންޑް އެއާލައިންތަކުން އާ ޓާމިނަލް ބޭނުންކުރަން ފަށާނީ ވެސް އެ މީހުންގެ ހާއްސަ އޮޑިޓެއް ހެދުމަށް ފަހު އެވެ.
"ޔަގީންކަމާ އެކު ދެންނެވިދާނެ، ސެޕްޓެމްބަރަށް ހުރިހާ އެއާލައިނެއްގެ ސާވިސް އާ ޓާމިނަލުން ލިބެން ފަށާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މައި އެއާޕޯޓަށް މި ވަގުތު 34 އެއާލައިނެއްގެ މަތިންދާބޯޓު ޖައްސަ އެވެ.
އެމްއޭސީއެލްގެ އެމްޑީ ޝަރީފު "މިހާރު" ގެ ޓީމާ އެކު މިއަދު ވީއައިއޭގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ކުލަގަދަ ރަސްމިއްޔާތުގައި އާ އެއާޕޯޓު ހުޅުވުމާ އެކު، އެ ތަނުގައި ފުރަތަމަ ހިދުމަތް ދޭން ނިންމާފައި ވަނީ މޯލްޑިވިއަންގެ މަތިންދާބޯޓުތަކަށެވެ.
ޝަރީފު ވިދާޅުވީ، އާ ޓާމިނަލާ އެކު، އެއާޕޯޓު އޮޕަރޭޝަނަށް އަންނާނެ އެންމެ މުހިއްމު އެއް ބަދަލަކީ ބެގޭޖު ހޭންޑްލިން ސިސްޓަމެއް ބޭނުން ކުރަން ފެށުން ކަމަށެވެ. އެއާ އެކު، ލަގޭޖުތައް ސޯޓްއައުޓް ކުރުމުގެ ހުރިހާ ކަމެއް ހިންގާނީ އޮޓަމެޓިކް ސިސްޓަމުންް ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިން އެއީ މެނުއަލްކޮށް ކުރި މަސައްކަތްތަކެވެ.
"ބޯޓުފަހަރަށް ލަގޭޖު ލޯޑު ކުރަން އަވަސް ވެގެން ދާނެ. އަދި އަންނަ ފްލައިޓުގެ ޓާން އެރައުންޑް ޓައިމް އަވަސް ވާނެ،" އެމްޑީ ވިދާޅުވި އެވެ.
އާ ޓާމިނަލާ އެކު، އެއާލައިންތަކަށް ވެސް ފަސޭހަ، ފަސިންޖަރުންނަށް އަވަސް އަދި މިހާރަށް ވުރެ ކުންފުނީގެ ހިދުމަތްތަކެއް ފެންވަރު ވެސް ރަނގަޅުވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
އާ ޓާމިނަލް ހެދުމަށް 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އެ ޓާމިނަލްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2016 ވަނަ އަހަރު އެވެ. އެކަމަކު އެކި ސަބަބުތަކާ ހެދި ޓާމިނަލްގެ މަސައްކަތްތައް ލަސްވި އެވެ.
އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ތަނުގައި 47 ޗެކިން ކައުންޓަރު ހުންނާނެ އެވެ. އަދި ސެލްފް ޗެކިން ހަ ކިއޯސްކް ވަނީ ގާއިމްކޮށްފަ އެވެ. އޭގެ އިތުރަށް ވެސް، ހިދުމަތް ދިނުމުގައި ކުރީގެ ޓާމިނަލަށް ވުރެ 30 ޕަސެންޓަށް ވުރެ އަވަސް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޝާ
24 July 2025
ހާދަ ލަހުން..
އަބްލޯ
23 July 2025
އާން ދެން މިމަހު ހުޅުވާލާނީ ދޯ ހަމަ އެކަނި.
ދެބޯޓޮއް
23 July 2025
ފޮޓޯގަ ތިޔަ ފެންނަ ގޮނޑިތަކުގަ ދެފަރާތުގަ އިށީނީމަ ދެބޯ ޓޮއް. ޢެރޭންޖްމަންޓް ބަދަލު ނުކޮއްފިއްޔާ ތިޔޮއް އަރާމު ގޮނޑިތައް ވޭނަކަށް ވާނީ. ކުޑަކޮން ވިސްނާލައްޗޭ އެމް.ޑީ.
ކުރަނގިދެލޯ
23 July 2025
ޓަރމިނަލް އެއްކޮން ނުނިމެނީސް ކިހިނެއްތޯ ހުރިހާ އެއަރލައިންތަކެއްގެ އޮޕަރޭޝަން އާ ޓާމިނަލަށް ބަދަލުކުރާނީ. އަދި %30 ތިޔަ ހުޅުވާލަނީ. އެންމެ އޭރޯބްރިޖެއް ހުޅުވަނީ. މުޅި ޓާމިނަލް އެއްކޮން ނިމޭނީ 2026 ގެ މެދުތެރޭގަ. މިއަންނަ އަހަރުގެ ސެޕްޓެންބަރަށް ތިކަން ވެދާނެ.
ސަހަރޯއޭ
23 July 2025
7 ބިލިއަން ރުފިޔާއޭ!!! ވިސްނާލީމަ ހީބިހި ނަގައިގެން ދިޔައީ
އޮނަރަބްލް އަފީފު ދީދީ
23 July 2025
މިނިވަންކަމަށް 60 އަހަރު ފުރިއްޖެއޭ ކިޔާއިރު ވޭތުވެދިޔަ 60 އަހަރު ދައުލަތުގެ ޚަޒާނާއާއި ދައުލަތަށްލިބުނު ހުރިހާ އެހީތަކާއި ދައުލަތްދަރަނިކޮށް ނެގި އެތައްބިލިޔަން ޑޮލަރުގެ ލޯނު ކ.އަތޮޅުމާލެއަށާއި އެރަށު އެއަރޕޯޓް ތަރައްޤީކުރުމަށާއި އެއަތޮޅުގެ ކަނޑު ފަޅުހިއްކައި "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެދަށުން" އެރަށުމީހުނަށް އަގުބޮޑު ބިންތައް ހިލޭބެހުމާއި، ފުލެޓްދިނުން ފަދަކަންކަން ކުރިއިރު ރާއްޖޭގެ އެހެންރަށްތަކުގެ ހާލުވެސް މާލޭސަރުކާރުން ބަލާނުލާ.
އޮޅު އަލަ
23 July 2025
ހާދަ ރޭސިސްޓު މީހެކޭ މިއީ
ޖުނާ.
24 July 2025
ކަންއޮތްގޮތުގެ ވާހަކަ ދެއްކީމަވެސް ރޭސިްޓްވީ އަފީފު ދޯ ؟
އަފްރާސިޔާބު
23 July 2025
ބަލަ އެމަނިކުފާނުގެ ހިކުމަތު އަމަލީ ފެއިލްވީތަ؟ ނޫނީ ނުނިމެނީސް ބަޑިކުޅި އަރުވަނީތަ؟ ތިޔަ ތަން އެހިސާބަށް ލަސްކޮށްލިޔަކަސް އެމަނިކުފާނުގެ ދައުރުގައި ހުޅުވީމާ ހުރިހާ މެޑެއްޔެއް އެ މަނިކުފާނަށްތާ؟
ސަކީނާއްތަ
23 July 2025
މިފަހަރު އެއަރޕޯޓް އަލަށް ހުޅުވޭއިރު 'މާލޭ އިންޓަރނޭޝަނަލް އެއަޕޯރޓް' ގެ ނަން ދީފަ ދެ ޓަރމިނަލް އަށް ވަކިން ނަންދޭންފެނޭ. ޓާމިނަލް 1 ޔާމީން، ޓަރމިނަލް 2 އަށް އައްނި.
ކެނެރީ
23 July 2025
އެހެންތަ؟ ޖީ.އެމް.އާރ އަށް އެއަރޕޯޓް ވިއްކާލީތީ އަންނިގެ ނަން ދޭންވީ؟
ލެއްގިކޮމިޝަނަރ
23 July 2025
ކީައްވެ އަންނިގެ ނަމުން ނަންދޭންޖެހެނީ. ތިއެއާޕޯޓް ތަރައްގީކުރުމަށް މުހައްމަދު ނަޝީދުގެ ސަރުކާރުން ކިރި އެއްކަމެއްވެސް ނޯންނާނެ. އޭނާގެ ވެރިކަމުގަ ކުރިހާވެސް ކަމަކީ ގައުމުގެ މައިދޮރުއަށީ ޖީއެމްއާރަށް ދިނުން. މިކަމުގެ ސަބަބުން އެއާޕޯޓަށާއި ދައުލަތަށް ލިބުނީ ފޫނުބެދޭވަރުގެ ގެއްލުން. ހުރިފާ ފައިދާއެއް ލިބުނީ އިންޑިއާގެ ޖީއެމްއާރަށް. ދރންލިބުނު ފައިދާއެއްވީޔާ ލިބުނީ އެމްޑީޕީއަށް. އެލާރި ޙަރަދުކުރީ މެމްބަރުން ގަތުމާއި ކެމްޕެއިން ކެމްޕެއިންތަކަށް.
ބުލްބަލް
23 July 2025
"މާލޭ އިންޓަރނޭޝަނަލް އެއަޕޯރޓް" އެއްނޫން. "ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރު"