މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ އެކު، އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައި، ރާއްޖެ އަށް އަންނަން ތިބި 30-35 ޕަސެންޓު އައުން ހުއްޓިދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ވިދާޅުވީ، މެދުއިރުމައްޗަކީ ރާއްޖެ އަށް ގިނަ ޓޫރިސްޓުންތަކެއް އައުމަށް ބޭނުން ކުރާ ރޫޓެއް ކަމަށާއި އެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، އިއްޔެ އިން ފެށިގެން މިއަދާ ހަމައަށް މިހާތަނަށް ވިއްސަކަށް ފްލައިޓް ކެންސަލް ވެފައިވާ ކަމަށެވެ. އެއާ އެކު، 1،900 އެއްހާ ޓޫރިސްޓުންނަށް އޭގެ އަސަރު ކޮށްފައިވަ ކަމަށް ތޯރިގް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރުން މިހާރަށް ބަދަލަނީ އޭޝިއާ ސަރަހައްދުން ޓޫރިސްޓުންނަށް ރާއްޖެ އާދޭނެ އިތުރު މާކެޓު ހޯދުމަށްޓަކައި މަސައްކަތް ކުރަން ކަމަށެވެ.
"ސީދާ ރަޝިއާ އިން ވެސް ޓޫރިސްޓުންނަށް އާދެވޭ ގޮތް ހެދިއްޖެ ނަމަ އެއީ ހަމަ އަންނަ ފަރާތްތަކަށް ފަސޭހަވެގެންދާނެ. އެގޮތުން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން، އިންޑަސްޓްރީއާ ވެސް ވާހަކަ ދައްކައިގެން،" އޭނާ ވިދާޅުވި އެވެ.
ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބުރުލެއް މިހާރު ވަނީ އަރައިފަ އެވެ. ރާއްޖެއަކީ ޓޫރިޒަމަށް ބިނާވެފައިވާ އިގްތިސާދެއް އޮތް ގައުމަކަށް ވާއިރު، ޔޫރަޕާއި އެމެރިކާގެ މަންޒިލްތަކުން ވެސް ދުބާއީ އާއި ދޯހާ ކަނެކްޝަން މަންޒިލެއްގެ ގޮތުގައި ބޭނުން ކުރެ އެވެ.