ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ނޭޝަނަލް އޮއިލް ރިޒާވް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ސްޓޯރޭޖު ހެދުމަށް މާލެ ކައިރިން ދެ ފަޅެއް ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް، ނޭޝަނަލް އޮއިލް ރިޒާވް ގާއިމްކުރުމުގެ މަސައްކަތުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފިއުލް ސްޓޯރޭޖެއް ހަދަނީ މާލެ ކައިރީގައި ކަމަށާއި މިހާރު ކުރަމުން އަންނީ ތަނެއް ކަނޑައެޅުމުގެ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ނޭޝަނަލް އޮއިލް ރިޒާވް ގާއިމް ކުރާނެ ތަނެއް ކަނޑައެޅުމުގައި، އެކި މޫސުންތަކުގައި ބޮޑެތި އުޅަނދުފަހަރަށް ލަފާފުރުމުގެ ދަތިކަން ކުރިމަތި ނުވާނެ ތަންތަނަށް ބަލާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"މިހާރު ރޭވިފައި އޮތީ ތިން ފޭސްއަކަށް ބަހާލައިގެން ގެންދަން. ފުރަތަމަ ފޭސްގައި މާލެ ކައިރި ސަރަހައްދުން، މިވަގުތު އެސްޓީއޯ އިން ދެ ފަޅެއްގެ، ދެ ރަށެއްގެ ކައިރީގައި އޮތް ފަޅުގެ ސަރަހައްދު ބަލަމުން އެބަދޭ. އެތަނުން ކުރަން ޖެހޭނެ ސާވޭ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭ ހަފުތާ ހިސާބުގައި، ސާވޭ ކުރުމުގެ ކަންތައް ކުރިއަށް ދާނެ. މިހާރު މެޕް ބަލައިގެން އައިޑެންޓިފައި ކޮށްފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
އެ ސްޓޯރޭޖުގެ ޑިޒައިނާއި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތާއި އޭގެ ފީސިބިލީޓީގެ މަސައްކަތް ކުރާނެ ގޮތް ވެސް ރާވައި، ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލައި ނިންމައި ރައީސް މުއިއްޒަށް ހުށަހަޅާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް ތެޔޮ އިމްޕޯޓްކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީން ޒަމީރު މިއަދު ވެސް ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެސްޓީއޯގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ތެލުގެ އާ ޝިޕްމަންޓްތައް ރާއްޖެއަށް އިމްޕޯޓްކުރަން އަލުން ވަނީ ފަށައިފަ އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުރުރާސްތާ އަށް ވިސްނައިގެން އަޅައި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، މިދިޔަ މަހު 23 ގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.