އެމެރިކާ އިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ އަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާތީ ސަރުކާރުުގެ އެހީތެރިކަމަށް އެ އިންޑަސްޓްރީން އެދުމުން، އެހީތެރިކަން ދެވޭނެ ގޮތެއް ސަރުކާރުން ބަލަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ހަފުތާ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ހަނގުރާމައާ ހެދި ޓޫރިޒަމް އިންޑަސްޓްރީ އަށް ލިބުނު ގެއްލުން ހަނގުރާމައާ ގުޅޭ ގޮތުން އުފައްދާފައިވާ މިނިސްޓީރިއަލް ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ. ކޮމިޓީން އެކަމުގައި އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އޭރުން [ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކޮށް، ބެލުމުން] އަޅުގަނޑުމެންނަށް އެނގޭނީ ކުރެވޭނެ ކަންކަމަކީ. އެހެންވީމާ މިނިސްޓްރީއަލް ކޮމިޓީން އެކަމަށް މިހާރު ދަނީ މަސައްކަތް ކުރަމުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މާޗު މަހުން ފެށިގެން ޓޫރިޒަމް ދާއިރާ އަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައާ އެކު، މިދިޔަ މާޗު އަދި އޭޕްރީލް މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފަ އެވެ. އެ ދެ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ ދެ މަހަށް ވުރެ 15-20 ޕަސެންޓާ ދެމެދަށް ދަށްވެފައިވެ އެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނާއި މަޓާޓޯގެ ބަޔާނުގައިވާ ގޮތުން ޓޫރިސްޓުން އަންނަ މުހިއްމު މާކެޓްތަކުގެ ތެރެއިން ކުރިއަށް ލަފާ ކުރެވޭ ބުކިންތައް ދަށްވުމުގެ ފުރުސަތު އެބައޮތެވެ. އޭގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އަދި މުހިއްމު ދައުރެއް އަދާކުރާ މީހުންނަށް ވިޔަފާރި ކުރިއަށް ގެންދިއުމަށާއި ހިދުމަތް ދިނުމުގައި މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.

އެ ދެ ޖަމިއްޔާއިން ބުނީ، ޓޫރިޒަމް ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ލޯކަލް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގެސްޓް ހައުސްތަކާއި ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ކުދި ވިޔަފާރިތައް މާލީ ގޮތުން ބަލިކަށިވެ، ވިޔަފާރިތައް ހުއްޓާލަންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"މަޓާޓޯ އާއި އެންއެޗްޖީއޭއެމް ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، މާލީ އިދާރާތަކާއި އަދި ފަތުރުވެރިކަމުގެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ގޮވާލަނީ ސިނާއަތް ހަމައަކަށް އެޅުވުމަށާއި ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރުމަށް އަވަސް ކުރުމާއި ކާރިސާއެއް ކުރުމަތި ވުމުގެ ކުރިން، އަވަސް ފިޔަވަޅު އެޅުމާއި ވިޔަފާރިތަކަށް އަވަހަށް އެހީތެރިވެދޭނެ ގޮތްތަކެއް ރާވާ ތައާރަފްކުރުމަށެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނާއި މަޓާޓޯ އިން ބުނީ، މިހާރު މި އޮތް ހާލަތު ރަނގަޅު ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން އިންޓަރެސްޓް ފްރީ މޮރޮޓޯރިއަމް ލޯން ދިނުމާއި މިހާރު ހުރި ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވެދީ، ޓެކްސް ދެއްކުން ފަސްކޮށްދިނުމާއި ފީތައް އަދި ކޯޓާފީ މައާފު ކޮއްދިނުމަށް ސަރުކާރާއި މާލީ އިދާރާތަކުން ވީ އެންމެ އަވަހަށް އެހީތެރިވާން ޖެހޭ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.