މާލޭގައި ކަރަންޓު އުފަައްދާ މިންވަރު އިތުރުކުރަން ސްޓެލްކޯއިން އަލަށް ބަހައްޓާ 8.9 މެގަވޮޓްގެ ޖަނަރޭޓަރުން މިމަހު ކަރަންޓު އުފައްދަން ފަށާނެ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.

ކަރަންޓުގެ ހިދުމަތްދޭ ސަރުކާރު ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ރައޫފް ވިދާޅުވީ އަލަށް ބެހެއްޓި ޖަނަރޭޓަރު މިމަހުގެ 15 ވަނަ ދުވަހު ސްޓާޓް ކުރެވޭނެ ކަމަށެވެ. އަދި އޭގެ ފަހުން ކަރަންޓް އުފައްދައި ގްރިޑަށް ދޫކުރަން ފަށާނީ ދިހަ ވަރަކަށް ދުވަހު ޓެސްޓްކުރުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖަނަރޭޓަރު ޓެސްޓްކުރަން ފަށަން ތައްޔާރުވަމުން މިދަނީ. މިހާރު ކުރަމުން ދަނީ އެއަށް ބޭނުންވާ ޕައިޕް ލައިންއާއި ޕެނަލް އާއި ކޭބަލް އެޅުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

ރައޫފް ވިދާޅުވީ އަލަށް ބޭނުންކުރަން ފަށާ ޖަނަރޭޓަރާއެކު މާލޭގެ ކަރަންޓުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"މިހާރު ދިމާވެފައިވާ ޝޯޓޭޖަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. މިހާރު އަޅުގަނޑުމެންނަށް މަރާމާތަށް އެންމެ އިންޖީނެއް ނިއްވާލުމަކީ ވެސް ވަރަށް އުނދަގޫ ކަމެއް. މި ޖަނަރޭޓަރު ބޭނުންކުރަން ފެށުމާއެކު ބައެއް ޖަނަރޭޓަރުތައް ނިއްވާލައިގެން މަރާމާތުކުރަން ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނީ މިދިޔަ ޖެނުއަރީ މަހު މާލެ ގެނައި ޖަނަރޭޓަރާއެކު މާލޭގެ ކަރަންޓް ކެޕޭސިޓީ 70 މެގަވޮޓަށް ވުރެ އިތުރުވާނެ ކަމަށެވެ. އަދި މާލޭގައި ކަރަންޓް އުފައްދަން ޖުމްލަ 27 ޖަނަރޭޓަރު ބޭނުންކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްރީ ލަންކާގެ އެލްޓީއެލް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގާ 8.7 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން އެ ކުންފުނިން ގެނެސްފައި ވަނީ ފިންލެންޑްގެ "ވަޓްސިލާ" ބްރޭންޑްގެ ޖަނަރޭޓަރެކެވެ. ސްޓެލްކޯ އިން ވަނީ 2012 ވަނަ އަހަރު ޖަރުމަނުގެ މޭން ކުންފުނިން 8.9 މެގަވޮޓްގެ ދެ ޖަނަރޭޓަރު ގެނެސް ހިދުމަތް ދޭން ފަށައިފަ އެވެ.