14 ޖޫން 2017 - 07:59
ރޯދަ ވީއްލަން ދާނެ ތަންތަން ބައިވަރެވެ. އެކަމަކު ތަފާތު މާހައުލެއްގައި ހިތްފަސޭހަކަމާ އެކު އެތައް ބައިވަރު ރަހަޔަކަށް އިންސާފުކުރެވޭނެ ތަނެއް މާލޭގައި ނެތޭ ބުނާހާ މަދެވެ. އާއިލާ އާއި އެކުވެރިންނާ އެކު ރޯދަ ވީއްލުމުގެ އުފާވެރިކަން ހޯދަން މާލޭގެ ހަލަބޮލިކަމުގެ ތެރެއިން ނިކުމެ މި އަރަނީ ހުޅުމާލެއަށެވެ.
މިއީ މިހާތަނަށް ރާއްޖޭގެ ގެސްޓް ހައުސްއަކުން ބައިނަލްއަގުވާމީ ފެންވަރުގައި ހޯދާފައިވާ އެންމެ ޝަރަފްވެރި މަގާމު މިދިޔަ އަހަރު ފަހުކޮޅު ހޯދި މަޝްހޫރު ހޮޓެލް އޯޝަން ގްރޭންޑް އެވެ. ހުޅުމާލޭގައި ހުންނަ މިތަނުން ރޯދަ ވީއްލަން ދާ ފަރާތްތަކަށް ހާއްސަކޮށްފައި ވަނީ އެތަނުގެ ކުރިމަތިން އޮންނަ ބީޗެވެ.
އާއިލާއާ އެކު ދާ ނަމަ ކުޑަކުދިން ކުޅެން ރީތި ދޮންވެއްޔާއި ގޮނޑުދޮށެވެ. ރޯދަ ވީއްލުމުގެ ކުރިން ވެސް ހައިކަން ހަނދާން ނެތޭހާ ހިތްގައިމު އަތިރިމައްޗެކެވެ. އިރު އޮއްސުމުން ފެންނަނީ ފާނޫޒާއި ފަނޑު އަލީގެ ބޮކިތަކުން މުޅި ތަން ޒީނަތްތެރިކޮށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްފައި ވަނިކޮށެވެ. ނަން ހުސްކޮށް ހުރި ކާތަކެތީގެ ރަހަޔަށް މި ހިތްގައިމުކަން އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ. އެ ދުވަހެއްގެ މެނޫ އާ ގުޅޭ ތަފާތު ވައްތަރުގެ ވަރަށް ގިނަ އައިޓަމްތަކާއި އެއާ ގުޅޭ އެކިއެކި ސައިޑް ޑިޝްތަކުން ބޭނުން ވައްތަރެއްގެ ކާ އެއްޗެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބެ އެވެ. ރިސޯޓުތަކުން ލިބެން ހުންނަ ކެއުމެކޭ ރަހައިގެ ގޮތުން އެއްވެސް ތަފާތެއް ނެތެވެ. އޯޝަން ގްރޭންޑްގައި ހުރެފައި އޮންލައިން ބުކިން ސައިޓްތަކުގައި ކޮމެންޓް ކޮށްފައިވާ ޔޫރަޕްގެ އެތައް ގެސްޓުންގެ ކޮމެންޓްތަކުން ވެސް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ.
އޯޝަން ގްރޭންޑުގެ ރޯދަ ވީއްލުން ބީޗްގައި ތައްޔާރުކޮށްފައި. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
"އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި ގިނައީ ރިޕީޓްކޮށް (ތަކުރާރުކޮށް) މިތަނަށް އަންނަ ފަރާތްތައް. އެންމެ ގިނައިން މީހުން މި އަންނަނީ މާލެއިން. އާއިލާތަކާއި ކުންފުނިތަކުންނާއި އޮފީސްތަކުން ވެސް ވަރަށް ގިނައިން އާދޭ. ކުޑަކުދިންނަށް ވެސް މިއީ ވަރަށް ކަމުދާ ތަނެއް،" އަތިރިމަތީގައި ވެއްޔާ ކުޅެ ދުވަން އުޅުނު ކުޑަކުދިންތަކަކަށް އިޝާރާތް ކުރައްވަމުން، އޯޝަން ގްރޭންޑްގެ ރެސިޑެންޓް މެނޭޖަ ހަސީބް ޝަރީފް ވިދާޅުވި އެވެ.
މިތަނުގައި ރޯދަ ވީއްލުމަށް ކޮންމެ ދުވަހަކަށް އޮންނަނީ ތަފާތު މެނޫއެކެވެ. އަދި ހަފުތާ ބަންދަން ވަކިން ހާއްސަ އެވެ. ޑިމާންޑް ބޮޑުވާ މި ދުވަސްތަކަށް ރަހަތައް މާބޮޑަށް ވެސް އިތުރުކުރެ އެވެ. އެއްކޮޅުން އަނެއް ކޮޅަށް އޮތް ބުފޭގައި ހުރި ހުރިހާ އެއްޗެއްގެ ރަހަ ބެލޭވަރަށް ވުރެ ގިނަ އެވެ؛ ބާވަތްތައް އެހައި ގިނަ އެވެ.
"އާންމުކޮށް މީހުން ބޭނުންވާ ހުރިހާ އެއްޗެއް ވެސް ހުންނާނެ. މަސްހުނި ކަހަލަ ދިވެހި އެއްޗެހި ހަދާފައި މި ހުރީ ދިވެހި ތަޖުރިބާކާރު ޝެފުންގެ ފަރާތުން ފުރިހަމައަށް ތަމްރީން ދީފައި ތިބި، ބޭރުގެ ތަޖުރިބާކާރު ޝެފުން. ވެއިޓަރުންނަށް އުޅޭނީ އެންމެ މަދުވެގެން ތިން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވާ، ތަޢުލީމީ ޕްރޮފެޝަނަލް މީހުން. އެހެންވެ އިރާދަކުރެއްވިއްޔާ ހިދުމަތުގެ ފެންވަރު ދަށްވެގެން ޝަކުވާއެއް އައުން ވަރަށް މަދު،" ހަސީބު ވިދާޅުވި އެވެ.
ހަސީބު ވިދާޅުވި ގޮތުގައި ޢާއިލާތަކާއި ގްރޫޕްތަކުގެ އިތުރުން، މަތީ ފެންވަރުގެ ވަރަށް ގިނަ ރިސޯޓްތަކާއ އެކި ކުންފުނި ތަކާއި ތަފާތު އޮފީސްތަކުން ކޮންމެ އަހަރަކު ވެސް އޯޝަން ގްރޭންޑުގައި ރޯދަ ވީއްލުން ބާއްވަ އެވެ. އަދި މިފަދަ ވަރަށް ގިނަ ފަރާތްތަކުން ބީޗްގައި ޕްރައިވެޓް ފަންކްޝަން ބާއްވައިދޭން އެދެމުންދެއެވެ. އެހެންވެ، ކޯޕަރޭޓް ފަންކްޝަންތަކަށް ހާއްސަކަމެއް ދީގެން ރޯދަމަހަށް ފަހުވެސް ޕްރއަިވެޓް ޑިނަރ އާއި އަދި ޢާއިލާތަކާއި ގްރޫޕްތަކަށް ސަމާލުކަންދީގެން އެކި މެނޫތަކަށް ޑިނަރ އިންތިޒާމް ކޮށްދޭ ގޮތަށް މިހާރު ވަނީ ރާވާފަ އެވެ.
"މި އަހަރު ވެސް ވަރަށް ގިނަ އޮފީސްތަކުން މިތަނުގައި ރޯދަ ވީއްލުން ބާއްވައިފި. ވަރަށް ގިނަ ބުކިންސްތައް މިހާރުވެސް ދަނީ ލިބެމުން އެހެންވެ ކޯޕަރޭޓް ފަންކްޝަންތަކަށާއި ޕްރައިވެޓް ނުވަތަ އާއިލީ ރިކުއެސްޓްތަކަށް ރޯދަމަސް ނިމުމަށްފަހު ވެސް ކޭޓާ ކުރުމަށް މިހާރު ހުރިހާ އިންތިޒާމްތައް ހުންނާނީ ހަމަޖެހިފައި. ފެންވަރު ރަނގަޅު ހިދުމަތަކާ، ރަގަޅު ކޭޓަރިން އެއް މި ހިތްގައިމު މާހއުލުގައި ދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް،” ހަސީބު ވިދާޅުވިއެވެ.
ހަސީބުގެ އެ ވާހަކަ، މި މާހައުލުން ފެނުނު މަންޒަރުން ކަށަވަރުވެ އެވެ. ރޯދަ ވީއްލަން ގޮސް ތިބި މީހުން ގިނަޔަސް މީހުން ތޮއްޖެހިގެންނެން ނޫޅެ އެވެ. އެންމެންވެސް އެމީހެއްގެ ޢާޢިލާ ނުވަތަ އެކުވެރީންނާ އެކީ ހޭދަކުރާތަން ފެނުނީ ވަރަށް އުފާވެރި ހިތްގައިމު ވަގުތުކޮޅެކެވެ. ވެއިޓަރެއްގެ އެހީ ހޯދަން ދެ ފަހަރަކު އެއްވެސް މީހަކު ގޮވަންޖެހޭ ތަނެއް ނުފެނެ އެވެ. ހުރިހާ ވެއިޓަރުންނާއި، ސުޕަވައިޒަރުން ވެސް ހިނިތުންވުމަކާ އެކު އަވަދިނެތި އުޅުނީ ރޯދަވީއްލަން އައިސްފައިވާ މެހެމާނުންނަށް ޚިދުމަތް ކޮށްދިނުމުގަ އެވެ. އެމީހުންގެ މޫނުމަތިން އެއްވެސް އުދާސްކަމެއް ނުވަތަ ބުރަ ކަމެއް ނުފެނެ އެވެ. މުޅި މާހައުލު ފެނުނީ ވަރަށް އިންތިޒާމްކޮށެވެ.
އޯޝަން ގްރޭންޑަށް ލިބިފައިވާ ބައެއް އެވޯޑްތައް
މި ތަނުގެ ފެންވަރު ކަށަވަރުވާ އަނެއް ކަމަކީ، ކުރިން ފާހަގަކުރިހެން ، ޓޫރިޒަމް ދާއިރާގައި ދޭ އެންމެ މަގުބޫލު އަދި އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ގެސްޓްހައުސްގެ އެވޯޑު އޯޝަން ގްރޭންޑަށް މިދިޔަ އަހަރު ލިބިފައިވުމެވެ. ގަތަރުގެ ސެންޓް ރީޖިސް ހޮޓަލުގައި އޮތް އެ ބޮޑު ހަފްލާގައި ބައިވެރިވެ މި އެވޯޑާ ހަވާލުވި ހަސީބު ވިދާޅުވި ގޮތުގައި، ވުޖޫދަށް އައިތާ އެންމެ ދެ އަހަރުތެރޭ މިފަދަ ހާއްސަ އެވޯޑެއް ލިބުމުން އޯޝަން ގްރޭންޑުން ވިސްނީ، މުސްތަގުބަލުގައި ވެސް އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް އެތަނުގެ ހުރިހާ ކަސްޓަމަރުންނަށް ދިނުމުގައި ކުޑަކޮށްވެސް ފަސޭހަކޮށް ނުލުމަށެވެ. ބޭރު ގެސްޓަކާއި ދިވެހި ކަސްޓަމަރަކަށް ދޭ ޚިދުމަތް އެއްވެސް ވަރަކަށް ތަފާތު ކުރުމެއްނެތި އެންމެ ފުރިހަމައަށް ދިނުމަށެވެ.
ކުރެވުނު ތަޖުރިބާއަށް ބަލާއިރު އެކަމާ ދެބަސްވެވޭކަށް ނެތެވެ. މާހައުލަށް ބެލިއަސް، ތައްޔާރުކޮށްފައިވާ ތަފާތު ވައްތަރުގެ ކާތަކެއްޗަށް ބެލިއަސް، އަދި ލިބެމުންދިޔަ ޚިދުމަތަށް ބެލިޔަސް އޯޝަން ގްރޭންޑު އުޅެނީ އެންމެ ކުރީގަ އެވެ. ހުޅުމާލޭގެ ބެންޗްމާކަކަށް މިތަން ވާނެ އެވެ. މިއީ ކޮންމެހެން ވެސް ޒިޔާރަތްކޮށްލަން ވާނެ ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭޝަރަމް
14 June 2017
ނޫހުގަ އިސްތިހާރުކޮށްލީމާ މީހުން ދާނެ! އިސްތިހާރަކީ އެކަހަލަ އެއްޗެއް! ކޮންމެ މީހަކުވެސް އެމީހަކަށް ލިބޭ އެއްޗަކީ މީރުއެއްޗެއް ކަމުގައި ދެކިގެން އެއިން ރޯދަ ވީއްލައިގެން މިންވަރަށް އީމާންވެގެން އުޅުން މޮޅު އިތުރުވެގެންވޭ! 50 ރުފިޔާއަށް ރޯދަ ވީއްލާފަ، އަނެއް 250 ރުފިޔާ ސަދަގާތް ކުރިޔަސް ހަމަ ރަނގަޚުވާނެ!
އަހްމަދު
14 June 2017
ވަރަށްވެސް ފުރިހަމަ...ކާއެއްޗެހި ވަރަށް މީރު
ހިލްމީ
14 June 2017
މި ރޯދަމަހު 2 ފަހަރު ތިތަނަށް ދިޔާން. ވަރަށް މީރު ކާއެއްޗެހި.
ކަޑަ
14 June 2017
ތިހާ ގަދަ ތަނަކުން ޕުލާސްޓިކް ތަށި ބަހައްޓާފައި ހުރީމަ ވަރަށް ކަޑަ
ަަައިދުރީސް
14 June 2017
ހުޅުމާލޭގަ އުޅޭމީހެއްގެ ހައިސިއްޔަތުން، މިގޮތަށް ހުރިހާގެސްޓްހައުސް އަކުންވެސް ބީޗް ރީކޮށް ގެންގުޅެންޔާ އެއްމެނަށްވެސް ރީތިވާނެ. ވަރަށްވެސް ފުރިހަމަ.
އަހުމަދު މޫސާ
14 June 2017
އަސްލުވެސް އަޅުގަޑު މިހަަރު 2 އަހަރު ތަޖުރިބާ ކޮށްފިން ހަމަބުނެވޭނީ މިސަރަހައްދުގެ އެއްވަނައޭ!
ސަޅި
14 June 2017
ހީވޭ ރަގަޅުވާނެން ފޮޓޮއަށް ބަލާފަ.
ދިވެހި
14 June 2017
ބަލަ ބާނަގާ.. އިންޓަވިއު ދީފައިވާ ރެސިޑެންޓް މެނޭޖަރަކީވެސް ދިވެއްސެއް. ރޯދަވިޔަސް ތީ ބޮޑުވަރު..ކެކެކެކެ
މާކުންބެ
14 June 2017
ވެރައިޓީ މާގިނަ، 3ރޮށި ކެވޭނީ. ދެންނިމުނީ، އެކަމަކު ވަރަށް ކާހިއްވާ ވައްތަރު ޖައްސާފަ އެބަހުރި.
ރަހަ
14 June 2017
ފޮޓޮތަކަށް ބަލާފަ ކޮމެންތެއް ކޮއްލަނަޔާ، ތިވަރުގެ ތަނަވަސް ބޮޑު، ރީތި، ބުފޭއެއް ހުޅުމާލެއިނަ ހިޔެއް ނުވޭ ހުނާނެހެން. ވަރެއްވެސް ހިއްގަަތްމު. މަސްއްކަތްތެރިކަމުގެ އެބަހުރި ހުނަރު.