ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަނީ ނާޒުކް ފައްތަރެއްގައި: އައިއެމްއެފް

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަނީ ނާޒުކް ފައްތަރެއްގައި ކަމަށް ބުނެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


ދުނިޔޭގެ އެންމެ ބޮޑު މާލީ އެއް އިދާރާ އިން އިއްޔެ ނެރުނު ރާއްޖެއާ ބެހޭ ރިޕޯޓެއްގައި ބުނީ އެތަނުގެ ވަފްދެއް މިދިޔަ ޖުލައި މަހު ރާއްޖެ އައިސް ހާލަތު ދެނެގަނެފައިވާ ކަމަށެވެ. އަދި ވަފުދަށް ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް ތައްޔާޜުކުރި ރިޕޯޓާ މެދު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން މިދިޔަ އޮކްޓޯބަރު 20 ގައި ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމުގައި ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އޮތީ ވަރަށް ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއް ގައި ކަމަށާއި ނަމަވެސް ރާއްޖޭގެ މަތީ ފަންތީގެ ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ މަޑުމަޑުން ކުރިއަށް ދާ ކަމަށެވެ.

އައިއެމްއެފުން ބުނިގޮތުގައި ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު ކުރިއަރާފައި ވަނީ 3.9 ޕަސެންޓްގަ އެވެ. އަދި ޓޫރިޒަމްގެ ހާލަތު މި އަހަރު ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އިމާރާތް ކުރުމުގެ ދާއިރާ ވަރުގަދަވަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.

އައިއެމްއެފުން ބުނީ ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ ކުރިއެރި ނަމަވެސް އެހެން ދާއިރާތައް ކުރިއަރާ މިންވަރުގެ ފަރަގު ބޮޑު ކަމަށެވެ. އަދި ބުނެފައި ވަނީ ދައުލަތުގެ އާމްދަނީ އަށް ވުރެ ޚަރަދު އިންތިހާ އަށް ބޮޑުވަމުން އަންނަ ކަމަށާއި މިދިޔަ އަހަރު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް އާމްދަނީ ނުލިބޭ ކަމަށެވެ. އެއާއެކު ވެސް ޚަރަދު ކުރުން ދަށްވަމުން ނުދާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި ދައުލަތު ދަރަނި ޖީޑީޕީ 11.5 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އައިއެމްއެފުން ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ ޓޫރިޒަމާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީ މެދު ރާސްތާގައި ކުރިއަރަމުން އަންނަ ކަމަށާއި އެއާއެކު އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ޑިރެކްޓަރުން ފާހަގަކުރި ކަމަށެވެ. ނަމަވެސް ބޭރުގެ ދަރަނި އިތުރުވަމުން އަންނަ މިންވަރު އިންތިހާ އަށް މަތިވުމުން، ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް ވެސް އައިއެމްއެފުން ބުންޏެވެ.

ރާއްޖޭގައި އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގާއިރު ހަމަހަމަ ކަމެއް ގެންގުޅުމަށާއި ޚަރަދު ކުޑަކޮށް އަދި ބޭރުގެ ދަރަނި ކުޑަވާނެ ގޮތަށް މަޝްރޫއުތައް ބައްޓަން ކުރުމަށް ވެސް އައިއެމްއެފްގެ ޑިރެކްޓަރުން ލަފާދެއްވި ކަމަށް ރިޕޯޓުގައި ވެ އެވެ. އަދި ބޭރުގެ ދަރަނިތަކުގެ ހާލަތު ރަނގަޅު ކުރަން ފިޔަވަޅުތަކެއް އަޅައި ހަރަދުތައް ކުޑަކޮށް އަދި ދަރަނި ކުޑަކުރަން މަސައްކަތް ކުރަން ޖެހޭ ކަން ވެސް ފާހަގަކުރި އެވެ.

އައިއެމްއެފުން ބުނެފައި ވަނީ ދައުލަތުގެ މާލީ ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އަހަރުގެ ތެރޭގައި ލޯނު ނަގާނެ ގޮތުގެ ޕްލޭނެއް ވެސް ހަދާފައިވާ ކަމަށެވެ. އެކަމަކު ދަރަނީގެ މިންވަރު ހިފެހެއްޓުމަށް ގޮންޖެހުންތަކެއް ހުރިކަން ބޯޑު ޑިރެކްޓަރުން ފާހަގަކުރެ އެވެ. އަދި ލޯނުތައް ނަގާއިރު ވީހާ ވެސް ހަރަދުކުޑަ ލޯނުތަކަށް އިސްކަން ދޭތީ އެކަމަށް ޑިރެކްޓަރުން ހިތްވަރުދޭ ކަމަށް ވެސް ބުނެފައިވެ އެވެ.