ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1000 އާއި 1800 އަކަފޫޓުގެ 76 ގޯތި ވިއްކަން ހުޅުވާލައިފި

ހުޅުމާލޭގައި އަލަށް ހިއްކި ދެވަނަ ފިޔަވަހިން 76 ބިން ވިއްކަން މިއަދު ހުޅުވާލައިފި އެވެ.


ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނި ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކުން 1000-1800 އަކަފޫޓުގެ 76 ބިމެވެ. އެއީ ބީޗު ފްރަންޓުން ވިއްކާ 38 ޕްލޮޓާއި ބީޗު ސައިޑުން ވިއްކާ 38 ޕްލޮޓެވެ.

މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ މީހުންނަށެވެ. ބީލަން ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަކަފޫޓަކަށް 3000ރ. ގެ ރޭޓުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެއްގަމު ތޮށިލުމުގެ މަސައްކަތްކުރަނީ. ދެވަނަ ފިޔަވަހިން ގޯތި ދޫކުރާނީ ބީޗާ ކައިރިން. ފޮޓޯ: އެޗްޑީސީ

އެޗްޑީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ބިންވެރިކުރުމާއި ގެދޮރުވެރިކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އަދި އެއީ ހުޅުމާލޭގެ ތަރައްގީ އަށް އިސްކަން ދީގެން ކުރާ މަސައްކަތުގެ އެއްބައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ސޯޝަލް ހައުސިން ޕްރޮޖެކްޓްތަކެއް އަންނަ ފަދައިން މިޑްލް ރޭޓް ލަގްޒަރީ ހައުސިން ޕްރޮޖެކްޓްތަކެއް މާކެޓަށް އަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިމަން ވިދާޅުވި ގޮތުގައި ބިން ދޫކުރާނީ ދެވަނަ ފިޔަވަހީގެ ނެއިބާހުޑް އެކަކުންނެވެ. އެއީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދާ ޖެހިގެން އޮންނަ މޫދާ ކުރިމަތިވާ ގޮތަށާއި ގޮނޑުދޮށް ސަރަހައްދާ ކައިރީގައި އޮންނަ ބިމެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން މިއަށް ވުރެ ބޮޑެތި ބިންތައް ވެސް ވިއްކަން ހުޅުވާލާނެ ކަމަށް ސައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިން ވިއްކުމަށް އެޗްޑީސީން ވާން ޖެހޭ ތައްޔާރީތައްވެ ނިމިފައިވާ ކަމަށާއި ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ހުރިހާ އެއްޗެއް އަންނަ މަހުގެ 18 އިން ފެށިގެން ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ފުރަތަމަ ގޯތި ދޫކުރާ ސަރަހައްދުތައް ރަތް ކުލައިގައި. - ފޮޓޯ: އެޗްޑީސީ

ބިން ގަތުމަށްޓަކައި ލޯނު ނެގުމުގެ ޒިންމާ އެ މީހަކު އަމިއްލައަށް ނަގަން ވާނެ ކަމަށާއި ފައިސާ ދެއްކުމުގައި އެޗްޑީސީން އެއްވެސް އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޭންކާ އެ މީހަކު ވާހަކަ ދައްކައިގެން ބޭންކުން އެ ލިބޭ އޮފާއަކުން ލޯނު ހަމަޖައްސައިގެން އެބޭފުޅުން ބޭނުންވާ އަގެއް އެޗްޑީސީ އަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެ މީހެއްގެ ޒިންމާއެއް،" އޭނާ ވިދާޅުވި އެވެ.

ސައިމަން ވިދާޅުވި ގޮތުގައި ހައުސިން ޕްރޮޖެކްޓްތަކެއް މާކެޓަށް ނެރުނަސް، ފައިސާ ދެއްކޭނެ ފަސޭހަ ގޮތްތަކެއް އޮންނަން ޖެހެ އެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ހައުސިން މާކެޓަށް ފައިނޭންސް ކުރުމަށް ވަރަށް ގިނަ ބޭންކުތަކުން ޝައުގުވެރިކަން އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސައިމަން ވާހަކަ ދައްކަވަނީ. ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭން 76 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައި. - ފޮޓޯ: މިހާރު

ހަމައެއާއެކު ޕެންޝަން ފަންޑަށް ގެނެވުނު ބަދަލަކީ ޑައުންޕޭމަންޓް ދެއްކުމަށް ލިބުނު ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި ސައިމަން ފާހަގަކުރެއްވި އެވެ. ގެދޮރު ނުވަތަ ފްލެޓް ގަތުމަށް ޕެންޝަން ފަންޑު މެދުވެރިކޮށް ޑައުން ޕޭމަންޓް ދެއްކޭ ގޮތަށާއި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ވެސް އެ ފައިސާ ދެއްކޭ ގޮތަށް ގަވައިދެއް ދާދި ފަހުން ވަނީ އެކުލަވާލައިފަ އެވެ.

އެޗްޑީސީން ބުނީ އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ވެސް ބިން ގަތުމަށްޓަކައި ބީލަން ހުށަހެޅޭނެ އެވެ. ކޮންމެ މީހަކަށް ވެސް ބީލަން ހުށަހެޅޭނީ ކޮންމެ ކެޓަގަރީއަކުން ގިނަވެގެން ދެ ބިން ކަމަށާއި ބީލަން ހުށަހަޅާ ކޮންމެ ބިމަކަށް ވެސް ބިޑް ސެކިއުރިޓީ ބަހައްޓަން ޖެހޭނެ ކަމަށް އެ ތަނުން ބުންޏެވެ.

ބިމުގެ އަގުގެ އިތުރުން އެކުއިޒިޝަން ފީގެ ގޮތުގައި ބިމުގެ އަގުގެ ފަސް ޕަސަންޓު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ފީ އަކީ އެއްވެސް ސަބަބެއް މެދުވެރިވެގެން ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި އަނބުރާ ރައްދުކޮށްދިނުމަށް ހަމަޖެހިފައިވާ ފީއެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. އަދި އެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި އެނޫންވެސް ތަފާތު ހިދުމަތްތައް ލިބޭ ގޮތަށް އެތަން ތަރައްގީކުރަން އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ.