ފުރަތަމަ ހަ މަސް ދުވަހުގެ ރިކަރަންޓް ހަރަދަށް އެއް ބިލިއަން ރުފިޔާ އިތުރު

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު، ދައުލަތުން ރިކަރަންޓް ހަރަދަށް ހޭދަކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ އިތުރުވެއްޖެ އެވެ.


ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރިކަރަންޓް ހަރަދުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހު ނުވަ ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެކަމަމު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައި ވަނީ 8.3 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު މުސާރަ އާއި އިނާޔަތްތަކައް ހޭދަކުރި މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މި އަހަރު ފުރަތަމަ ހަ މަހު 4.8 ބިލިއަން ރުފިޔާ ހަރަދު ކުރި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މުސާރައާއި އިނާޔަތްތަކަށް ހޭދަވީ 4.5 ބިލިއަން ރުފިޔާ އެވެ.

އިދާރީ ހަރަދުތަކަށް މި އަހަރު 3.8 ބިލިއަން ހަރަދު ކުރި އިރު މިދިޔަ އަހަރުގެ ހޭދަ އަކީ 3.7 ބިލިއަން ރުފިޔާ އެވެ. ދަތުރުފަތުރާއި ސަބްސިޑީ އާއި މެއިންޓަނަންސަށް ކުރި ހޭދަވެސް މި އަހަރުގެ ފުރަތަމަ ހަ މަހު ބޮޑެވެ. މިދިޔަ އަހަރު ދަތުރުފަތުރަށް 77 މިލިއަން ރުފިޔާ ހޭދަކުރި އިރު މިއަހަރު ވަނީ 91 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ދައުލަތުން ސަބްސިޑީތައް ދިނުމަށް ކުރި ހޭދަ ވެސް މި އަހަރު ވަނީ 100 މިލިއަން ރުފިޔާ ބޮޑުވެފަ އެވެ. އަދި މެއިންޓަނަންސަށް ކުރި ހޭދަ 81 މިލިއަން ރުފިޔާ އިތުރެވެ.

ރިކަރަންޓް ހަރަދު ބޮޑުވި ނަމަވެސް މި އަހަރުގެ މިހާތަނަށް ސަރުކާރުން ހޭދަކުރި މިންވަރު މިދިޔަ އަހަރަށް ވުރެ ކުޑަ އެވެ. އެގޮތުން، ފުރަތަމަ ހަ މަހު މި އަހަރު 11.7 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު މިދިޔަ އަހަރު ހަރަދު ކުރީ 12.7 ބިލިއަން ރުފިޔާ އެވެ. މީގެ މައިގަނޑު ސަބަބަކީ މަޝްރޫއުތަކަށް ހޭދަކޮށްފައިވާ މިންވަރު ދަށްވުމެވެ. މިދިޔަ އަހަރު މަޝްރޫއުތަކަށް ކުރި ހޭދަ 4.4 ބިލިއަން ރުފިޔާގައި އުޅޭ އިރު މިއަހަރުގެ ފުރަތަމަ ހަ މަހު ހޭދަކުރި ވަރު އުޅެނީ 2.6 ބިލިއަންގަ އެވެ. އެހެން ކަމުން މިދިޔަ އަހަރަށް ވުރެ މި އަހަރު މަޝްރޫއުތަކަށް ހޭދަކުރި މިންވަރު ގާތްގަނޑަކަށް ދެ ގުނަ ދަށެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ސަރުކާރުން މަޝްރޫއުތައް ފެށުން ލަސްވަނީ، ކުރަން ޖެހޭ ދިރާސާތައްކޮށް، މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ކަންކަމަށް ވަގުތު ނަގާތީ އެވެ. މިއީ، ވެރިކަމާ ހަވާލުވެ ފުރަތަމަ އަހަރު އެންމެ ގިނަ މަސައްކަތްތައް ކުރި ސަރުކާރަކަށް ވާނެ ކަމަށް ފިނޭންސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.