މިއީ ޓޫރިޒަމަށް އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ފަހަރަށް ވާނެ: ގައިސަރު

ކޮވިޑް-19 އަކީ މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއުލާންކޮށް، އަދި ރާއްޖެ އިން ވެސް އެ ބަލީގެ އަށް މީހުން ފެންނަމުން ދާތީ މިއީ ރާއްޖޭގެ ޓޫރިޒަމަށް މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ވެދާނެ ފަހަރަށް ވާނެ ކަމަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.


ވިލާގެ ފަސް ރިސޯޓުގެ ތެރެއިން ޕެރެޑައިސް އައިލެންޑު ރިސޯޓު ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި ގައިސަރު އެހެން ވިދާޅުވިއިރު، މި ދުވަސްވަރު ޓޫރިސްޓުން އައުން މަދުވުމުން ލިބޭ އާމްދަނީ ދަށްވާތީ، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ދަށްކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ގައިސަރު "މިހާރު" އަށް ވިދާޅުވީ ޗައިނާ އާއި އިޓަލީގެ އިތުރުން އިންޑިޔާ އިން ވެސް މީހުން އައުން ވަރަށް ބޮޑަށް މަދު ވެއްޖެ ކަމަށެވެ. ބުކިން ކެންސަލް ކުރާ ވަރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސުނާމީގައި ވީ ގެއްލުމަށް ވުރެ މާ ބޮޑު ގެއްލުމެއް ލިބޭނެ. ރާއްޖޭގެ ޓޫރިޒަމްގެ ހަޔާތުގައި އެންމެ ބޮޑު ގެއްލުމެއް ލިބޭ ފަހަރަށް މިފަހަރު ވާނެ،" ގައިސަރު

"ޕެރެޑައިސްގެ އޮކިއުޕެންސީ މި ވަގުތު އުޅެނީ 60 ޕަސެންޓުގައި. އާންމުކޮށް މި ދުވަސްވަރަކީ އޮކިއުޕެންސީ 95 ޕަސެންޓުގައި ހުންނަ ދުވަސްވަރެއް،" ގައިސަރު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކަށް މިވަގުތު އޮތް އެންމެ ބޮޑު ބިރަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގެ ހާލަތަށް އަންނާނެ ބަދަލުތައް ފޯކާސްޓް ކުރަން އުނދަގޫވުމެވެ. އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލުމާއި ގައުމުތަކުން އެހެން ގައުމުތަކަށް ނުދެވޭނެ ގޮތަށް އަޅާ ފިޔަވަޅުތަކުގެ އަސަރު، މުޅި ދުނިޔޭގެ ޓޫރިޒަމަށް ވެސް ބޮޑެވެ.

ޕެރެޑައިސް ރިސޯޓުގެ ޖީއެމް ގައިސަރު: އެ ރިސޯޓުގެ އޮކިއުޕަންސީ ވަރަށް ބޮޑަށް ދަށްވެ، މިހާރު ހުރީ 60 ޕަސެންޓުގައި ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: މިހާރު

"ސުނާމީގައި ވީ ގެއްލުމަށް ވުރެ މާ ބޮޑު ގެއްލުމެއް ލިބޭނެ. ރާއްޖޭގެ ޓޫރިޒަމްގެ ހަޔާތުގައި އެންމެ ބޮޑު ގެއްލުމެއް ލިބޭ ފަހަރަށް މިފަހަރު ވާނެ،" އިންޑިއާ ކަނޑުގައި 2004 ގައި އުފެދުނު ސުނާމީ ކާރިސާއަށް އިޝާރަތްކުރައްވާ ގައިސަރު ވިދާޅުވި އެވެ.

ސުނާމީއާ ގުޅިގެން މުޅި ދުނިޔޭގެ ދަތުރުފަތުރަށް ނުވަތަ އިގުތިސާދަށް އެއްވެސް އަސަރެއް ނުކުރެ އެވެ. އެކަމަކު މިހާރު ދުނިޔޭގެ ދަތުރުފަތުރުގެ ހަރަކާތްތައް ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.

ކޮރޯނާވައިރަސްގެ މައްސަލަ ދިގުދެމިގެން ދާ ނަމަ ރާއްޖޭގެ ރިސޯޓުތަކަށް އެތައް މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް، އިންޑަސްޓްރީގެ ތަޖުރިބާކާރުން ލަފާކުރެ އެވެ.

ގައިސަރު ވިދާޅުވީ މުވައްޒަފުން މަދުކުރުމާއި މުސާރަ ކުޑަކުރުމުގެ ފިޔަވަޅުތައް އެހެން ރިސޯޓުތަކުން ވެސް އަޅާނެ ކަމަށެވެ.