އަފީފް: ޓޫރިޒަމް މަޑުމަޑުން ހަމަޔަކަށް އެޅޭނެ

ބައްޔަކާ ހެދި ރާއްޖޭގެ ޓޫރިޒަމް ދާއިރާ މުޅިން ހުއްޓި، ރިސޯޓްތައް ބަންދުކުރަން ޖެހިދާނެ ކަމަށް، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް އިންވެސްޓަރު، ޗަމްޕާ ހުސެއިން އަފީފުގެ ހިތްޕުޅަށް ވެސް ދުވަހަކު އަރާފައެއް ނުވެ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިއަދު މި އޮތީ އެ ހިތްދަތި ދުވަސް ކުރިމަތިވެފަ އެވެ.


މިއީ މުޅި އިންޑަސްޓްރީއަށް ވެސް ކުރިމަތިވި ވަރަށް ބޮޑު ވެއްޓުމެކެވެ. ނަމަވެސް މިދިއަ 50 އަހަރު ރާއްޖޭ ޓޫރިޒަމްގެ ހުރިހާ ތަރައްގީއެއް އެންމެ ކައިރިން ދެކެވަޑައިގެންނެވި އަދި ދާއިރާގެ އެންމެ ބޮޑު އެއް ތަޖުރިބާކާރު ހުންނެވީ މާޔޫސްވެވަޑައެއްފައެއް ނޫނެވެ. އޭނާ ވިދާޅުވަނީ ޖުލައި މަހު ބޯޑަރުތައް ހުޅުވާލާ ނަމަ، ރިސޯޓުތައް ވެސް އެކަމަށް ތައްޔާރުވާނެ ކަމަށެވެ. އަދި ބޯޑަރުތައް ހުޅުވާލިހާ އަވަހަކަށް ދާއިރާ ކޮޅަށް ޖަހަން މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާގެ ބޮޑު ހިއްސާއެއް އޮންނަ އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ ކްރައުން އެންޑް ޗަމްޕާ ގްރޫޕްގެ މުވައްޒަފުންގެ އަދަދު 3،000 އަށް އަރަ އެވެ. ކުޑަދޫ މޯލްޑިވްސް، ހުރަވަޅި، ވެލިގަނޑު އައިލެންޑް ރިސޯޓް، ކޮމަންޑޫ، ކުރެއްދޫ، ވިލަމެންދޫ، މީރު އަދި އިންނަހުރާ ފަދަ ރިސޯޓްތައް ހިންގަނީ އެ ކުންފުނިންނެވެ.

"ލިބޭ ހުރިހާ ފައިސާއެއް ހުންނަނީ އެކައުންޓް ކޮށްފައެއް ނޫން. ބޮޑު ރިސްކެއް ނަގައިގެން އެ ފައިސާ ގިނަ ފަހަރަށް މި އިންވެސްޓް ކުރަނީ،" އަފީފް

އަފީފް ވިދާޅުވީ މި ދަތި، އުނދަގޫ ހާލަތުގައި ވެސް ކުންފުނިން މަސައްކަތްކުރަނީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް ގޮވައިގެން އުޅުމަށް ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި ވާނީ ޖޫން މަހުގެ ނިޔަލަށް ހުރިހާ މުވައްޒަފުން ވެސް ގެންގުޅެން. އެންމެ ދަށް މުސާރަ ލިބޭ މީހުންނަށް ވެސް 5،000ރ. އަންނަނީ ދެމުން. ޖޫން މަހަށް ފަހު އަނެއްކާވެސް ހާލަތު ރިވިއު ކުރާނީ،" އޭނާ ވިދާޅުވި އެވެ.

ދާދި ފަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުގައި މިވަގުތަށް އޮތް އެންމެ ރަނގަޅު "ސިނޭރިއޯ" ގައި ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެނީ ޖުލައި ހިސާބުގަ އެވެ. މީގެ އިތުރުން ދެވަނަ އަށް ލަފާކުރާ "ސިނޭރިއޯ" ގައި ރާއްޖެ ޓޫރިޒަމަށް ހުޅުވައިލާނެ ކަމަށް ބެލެވެނީ، އޮކްޓޫބަރު މަހު އެވެ. އެހެންކަމުން އަމާޒަކީ ޖުލައި އާއި އޮކްޓޫބަރާ ދެމެދު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ޓޫރިސްޓުން ގެނައުމެވެ.

އަފީފު ވިދާޅުވީ މި ހާލަތުގައި ރާއްޖެ އަންނަން ޓޫރިސްޓުންގެ ފަރާތުން ވަކި ހާއްސަ ރިކުއެސްޓްތަކެއް ނުލިބޭ ކަމަށެވެ. ނަމަވެސް މީގެ ކުރިން ހައްދާފައި ހުރި ބައެއް ބުކިންތައް ޖުލައި މަހު ވެސް އެބަ ހުރި ކަމަށް ވިދާޅުވި އެވެ.

ބޯޑަރުތައް ހުޅުވާލުމާ އެކު ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ ރިސޯޓްތަކުގައި ކަރަންޓީނު ވާން ބޭނުން ވެގެން ބޭރުގެ ބައެއް މަހުޖަނުން ރާއްޖެ އަންނަން އެދެ އެވެ.

ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ހިއްސާދާރުން ކަމަށް ވާ ހުސައިން އަފީފް އާއި އޭނާގެ ބޭބެ މުހައްމަދު މޫސާ --ފޮޓޯތައް: ހުސައިން ވަހީދު/މިހާރު

ޔޫރަޕްގެ ބޯޑަރުތައް ހުޅުވާލުމަކީ ރަނގަޅު ފާލެއް

އަފީފު ވިދާޅުވީ މިހާރު ވެސް ޔޫރަޕްގެ ބައެއް ގައުމުތަކުން ބޯޑަރުތައް ހުޅުވާލަމުން ދިއުމަކީ، މީހުން ދަތުރު ކުރަން ފަށާނެ ސަބަބެއް ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން އިޓަލީ އާއި ޖަރުމަނާއި ސްޕެއިން ފަދަ ގައުމުތަކުން ވަނީ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ގެނެސް، އެތެރޭގެ ދަތުރު ފަތުރަށް ހުޅުވާލައިފަ އެވެ.

"އެތެރޭގެ ދަތުރުތައް އެގޮތަށް ކުރާ ނަމަ ފިނި މޫސުމުގައި ގައުމުން ބޭރަށް ވެސް ދަތުރު ކުރާނެ ކަމަށް މި ބެލެވެނީ،" އަފީފް ވިދާޅުވި އެވެ.

ޓޫރިސްޓުން ރާއްޖެ އަންނާނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާ އިރު، އެހެން ގައުމުތަކުގެ ވެސް ބޯޑަރުތައް ހުޅުވިފައި އޮތުމުންނެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުގެ އިގްތިސާދު ވެސް ދަށަށް ގޮސްފައިވާ މި ހާލަތުގައި އަލުން އިގްތިސާދު ދިރުވަން އެ ގައުމުތަކުން ވެސް ވަނީ ތަފާތު ހަރަކާތްތައް ފަށައިފަ އެވެ.

އަފީފު އަންދާޒާކުރައްވާ ގޮތުގައި މި އަޑިގަނޑުން އަރައިގަންނަން ވަގުތު ބޭނުންވެ އެވެ. ސަބަބަކީ ދަތުރު ކުރުމުގައި އޮންނަ ރައްކާތެރިކަން ކަށަވަރުވާން ވެސް ދުވަސް ނަގާނެތީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުއްލިއަކަށް އެތައް ބައިވަރު ބަޔަކު އެއް ފަހަރާ އައުމުގެ ބަދަލުގައި، ބެލެވެނީ މީހުން އިތުރުވަމުން އިތުރުވަމުން ގޮސް ޓޫރިޒަމް ދާއިރާ ހަމަޔަކަށް އެޅުމެވެ. މިކަމަށްޓަކައި ކޮވިޑް-19 ބަލި ކޮންޓްރޯލު ކުރުމާ އެކު، އަންނަ ޓޫރިސްޓުންނަކީ ވެސް ބަލިން ރައްކާތެރިވެފައިވާ ބައެއް ކަން ކަށަވަރު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓު އޯނަރުންގެ ބޮޑެތި ލޯނުތައް އެބަހުރި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ޓޫރިޒަމް ވިޔަފާރިކުރާ ބައެއް ފަރާތްތަކުން މުވައްޒަފުން ނޯ ޕޭ އަށް ދޮނުވާލައި އަދި ބައެއް ކުންފުނިތަކުން ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުން ގެންދާތީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

އަފީފު ވިދާޅުވީ މި ހާލަތުގައި ޓޫރިޒަމް ދާއިރާގެ ގިނަ ވިޔަފާރިތައް ސަލާމަތްކުރަން އުނދަގޫވާނެ ކަމަށެވެ. ރިސޯޓުތައް ތަރައްގީކުރަނީ، ބޭންކްތަކުން ބޮޑެތި ލޯނު ނަގައިގެން ކަމަށްވާ އިރު، ކޮންމެ ރިސޯޓަކީ ވެސް ބޮޑު ރިސްކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އޭނާ ވިދާޅުވި ގޮތުގައި، އާމްދަނީ ނުލިބޭ ހާލަތަކަށް ދިއުމުން ބޮޑެތި ވިޔަފާރިތަކަށް ވެސް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ އެވެ.

"ލިބޭ ހުރިހާ ފައިސާއެއް ހުންނަނީ އެކައުންޓް ކޮށްފައެއް ނޫން. ބޮޑު ރިސްކެއް ނަގައިގެން އެ ފައިސާ ގިނަ ފަހަރަށް މި އިންވެސްޓް ކުރަނީ،" އަފީފް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ކްރައުން ކޮމްޕެނީގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް މުސާރަ ދީގެން ގެންގުޅެން ވިސްނާފައި އޮތަސް ރިސޯޓުތައް ހިންގާ ހުރިހާ ކުންފުނިތަކަށް އެހެން ކުރިއަށް ދާން ދަތިތައް ހުންނާނެ އެވެ.

މިހާރު މި އޮތީ ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ އިރަކަށް ތައްޔާރުވުމުގެ ވަގުތެވެ. ޓޫރިޒަމް ވިޔަފާރިވެރިން ތިބީ އެކަމަށް ބަލަބަލަ އެވެ. ބަލި ކޮންޓްރޯލްކޮށް، ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކޮށް، ރިސޯޓްތައް ހުޅުވައިގެން ނޫނީ ގައުމުގެ އިގުތިސާދީ އިންޖީނު ވެސް ހިނގައެއް ނުގަންނާނެ އެވެ.