ޕެރަޑައިސް ހުޅުވާނީ އަންނަ މަހުގެ 15 ގައި، ވިލާގެ އެހެން ރިސޯޓުތައް އޮގަސްޓުގައި

ވިލާ ހޮޓެލްސް އެންޑް ރެޒޯޓްސް އިން ހިންގާ ރިސޯޓުތަކުގެ ތެރެއިން ޕެރެޑައިސް އައިލެންޑް ރިސޯޓު ޖުލައި 15 ގައި ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.


ވިލާ އިން ހިންގާ އިތުރު ރިސޯޓުތަކުގެ ތެރެއިން ސަން އައިލެންޑް، ފަން އައިލެންޑް އަދި ރޯޔަލް އައިލެންޑް ހުޅުވަން ހަމަޖެހިފައި ވަނީ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެންނެވެ. އެ ކުންފުނިން ވަނީ ޕެރެޑައިސް ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ހާއްސަ އޮފާތަކެއް ވެސް ތައާރަފު ކޮށްފަ އެވެ.

ވިލާގެ ރިސޯޓުތަކަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ ތެރެއިން ޖުލައި 15ގެ ކުރިން ބުކިން ހައްދާފައިވާ ޓޫރިސްޓުންނަށް އިތުރު ޗާޖަކާ ނުލައި ތާރީހު ބަދަލު ކުރެވޭނެ އެވެ. އަދި މި ވަގުތު ދަތުރުކުރަން ބޭނުން ނުވާ މީހުންނަށް އެއްވެސް ޗާޖަކާ ނުލައި ބުކިން ކެންސަލް ކުރެވޭނެ ކަމަށް ވެސް ވިލާ އިން ބުންޏެވެ.

ވިލާ ކުންފުނިން ހިންގާ ސަން އައިލެންޑުގެ ސްޕާއެއް--ފޮޓޯ:މިހާރު

ވިލާ އިން ވަނީ ރިސޯޓުތަކުގެ މުވައްޒަފުންނާ ޓޫރިސްޓުންގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މީގެ ތެރޭގައި ޓޫރިސްޓުންގެ ހުން ބެލުމާއި ވިލާތަކާއި ލައުންޖުތައް ޑިސްއިންފެކްޓު ކުރުމާއި މުވައްޒަފުންނާއި ޓޫރިސްޓުންނާ ދެމެދު ސޯޝަލް ޑިސްޓެންސިން ބެހެއްޓުން ހިމެނެ އެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށް ޓޫރިސްޓުން އަމަލު ކުރަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19ގެ އަލާމާތްތައް ފެންނަ ޓޫރިސްޓުންގެ ޓެސްޓު ހަދާނެ އެވެ. އަދި ނަތީޖާ ޕޮޒިޓިވްވެއްޖެ ނަމަ ރިސޯޓުގައި ނުވަތަ އެޗްޕީއޭ އިން ކަނޑައަޅާ ތަނެއްގައި އައިސޮލޭޓު ކުރާނެ އެވެ.

އަލާމަތްތައް ފެންނަ ޓޫރިސްޓުންގެ ޓެސްޓުގެ ހަރަދާއި އެ މީހަކު އައިސޮލޭޝަންގައި ހުންނައިރު ހިނގާ ހުރިހާ ހަރަދެއް ބަލަހައްޓަން ޖެހޭނީ ޓޫރިސްޓް އަމިއްލަ އަށް ނުވަތަ ރިސޯޓުންނެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް މަޑުޖެހިފައި އޮތް ނަމަވެސް ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.