ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: މިހާރު
05 މާޗް 2021 - 15:29
މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް މި އަހަރު ދެ ލައްކައެއްހާ ޓޫރިސްޓުން ރާއްޖެ އައިސްފައި ވާއިރު މި ވަގުތު ރާއްޖޭގައި ތިބި ކޮވިޑަށް ޕޮޒިޓިވް ޓޫރިސްޓުންގެ އަދަދަކީ 75 ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިއީ މުޅި ރާއްޖޭގެ ކޮވިޑް އެކްޓިވް ކޭސްތަކަށް ބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 198،116 ޓޫރިސްޓުންނެވެ. މީގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 0.29 ޕަސެންޓު މީހުންނެވެ. އެއީ 575 ޓޫރިސްޓުންނެވެ.
އެ މިނިސްޓްރީން ބުނީ ޓޫރިސްޓުންގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވް ވަނީ އެނބުރި ގައުމަށް ދިއުމަށް ޓެސްޓު ހަދާއިރު ކަމަށެވެ. ޕޮޒިޓިވްވާ ނިސްބަތް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދަށް ބަލާއިރު ވަރަށް ދަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓްކުރަން ރާއްޖޭގައި އެވްރެޖްކޮށް ދުވާލަކު 5،781 ސާމްޕަލް ނަގާއިރު ޓޫރިސްޓުން އެނބުރި ގައުމަށް ދިއުމުގެ ކުރިން ހަދަންޖެހޭ ކޮވިޑް ޓެސްޓަށް ދުވާލަކު 1،519 ސާމްޕަލް ނަގަ އެވެ.
ރާއްޖެއަށް އަންނަ ކޮންމެ ޓޫރިސްޓަކު ވެސް ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާއެއް ގެންނަން ޖެހެ އެވެ. ރާއްޖެ އައުމަށްފަހު ފުރުމުގެ ކުރިން ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ނުފެންނަ ނަމަ ޓެސްޓު ހަދާކަށް ނުޖެހެ އެވެ. ނަމަވެސް އަލާމާތެއް ފެންނަ ނަމަ އެކަން ކަމާ ބެހޭ ފަރާތްތަކަށް އަންގައި ވަގުތުން ޓެސްޓު ހެދުމަށް އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ.
ރާއްޖޭން މިހާތަނަށް 20,447 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. މީގެ ތެރެއިން 17,712 މީހަކު ރަނގަޅުވެފައި ވާއިރު 64 މީހަކު ވަނީ މަރުވެފަ އެވެ. މި ވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ ޖުމްލަ އަކީ 2,671 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާމު
05 March 2021
ދެން މި 75 މީހުންގެ ފަރާތުން މިބަލި ޖެހުނީ ކިތަށް މީހުންކަން ބުނެބަލަ