ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށާއި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރަސްޓްރީ ދަނޑުތަކެއް ހަދަން ދެ މިނިސްޓްރީއަކުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ބުނީ އެ އެއްބަސްވުމުގައި ސޮއިކުރީ އެ މިނިސްޓްރީ އާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީއާ ދެމެދުގައި ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ހޮވާލެވޭ 10 ރަށެއްގައި ގަސްތައް އިންދައި، އެ ތަންތަން އެގްރޯފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ހަދަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގްރޯފޮރެސްޓްރީއަކީ އެއް ބިމެއްގައި ގަސްގަހާގެއްސާއި ދަނޑުވެރިކަމުގެ ބާވަތްތަކާއި ދިރޭތަކެތި ގެންގުޅޭ، ރޭވުންތެރިކަމާ އެކު ބިން ބޭނުންކުރާ ދެމެހެއްޓެނިވި ނިޒާމެކެވެ.
މި ނިޒާމުގެ ސަބަބުން ބިމުގެ މުއްސަނދިކަން އިތުރުވެ، ފަސްގަނޑު ގިރުން ހުއްޓުވައި ތިމާވެށި ހިމާޔަތްކުރުމަށް ބޮޑު އެހީއެއް ލިބެ އެވެ. މީގެ އިތުރުން، އެގްރޯފޮރެސްޓްރީއަކީ އެއް ދަނޑަކުން ތަފާތު ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ އާއި ގަސް ހެއްދުމަށް ބޭނުންވާ މައުދަންތައް ލިބިދޭތީ، ދަނޑުވެރިންނަށް އިގްތިސާދީ ގޮތުންނާއި ކާނާގެ ރައްކާތެރިކަމުގެ ގޮތުން ގިނަގުނަ ފައިދާތަކެއް ކޮށްދޭ ދަނޑުވެރިކަމުގެ ވައްޓަފާޅިއެކެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި ރާއްޖޭގެ އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުލިބޭނެ ކަހަލަ ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން 400،000 ގަސް ސަޕްލައިކޮށްދޭނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން 10 ރަށެއްގައި 10 ނާސަރީ ހަދަން މިހާރު ވެސް ކައުންސިލްތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގައި 1.8 މިލިއަން ގަސް ވަނީ އިންދައިފަ އެވެ. އަދި އެކި ފަރާތްތަކުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް ވައުދުވެފައިވެ އެވެ.