އިންޓެލިޖެންސް އޮފިސަރުންގެ ސިއްރުކަން ދަމަހައްޓައި އެ މީހުންގެ ހެކިބަސް ރައްކާތެރިކުރުމަށް ސުޕްރީމް ކޯޓުން މުހިންމު ނިންމުމެއް ނިންމައިފި އެވެ. 

ޓެރަރިޒަމްގެ ދައުވާ ލިބޭ ތިން މީހެއްގެ ޝަރީއަތުގައި އިންޓެލިޖެންސް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި އޮފިސަރުގެ ހެކިބަސް ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އޮފިސަރަކީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނަގަންޖެހޭ އެކަށީގެންވާ ސަބަބެއް ދައުލަތަށް ދެއްކިފައި ނެތް ކަމަށް ކަނޑައަޅައި، އެ އަމުރު ނެރެނުދިނެވެ. 

ކްރިމިނަލް ކޯޓުގެ އެ ނިންމުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމުން ދައުލަތުން ސުޕްރީމް ކޯޓަށް ދިޔައީ އެވެ. 

މައްސަލައިގައި ހެކިބަސް ދޭން ހުރި ފުލުހުންގެ އިންޓެލިޖެންސް އޮފިސަރަކީ ކާކުކަން ހާވަމުމުގެ ސަބަބުން އެ އޮފިސަރު އެހެން ޑެސްކް ޖޮބަކަށް ބަދަލުކުރަން ޖެހުނު ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ. 

ރާއްޖޭގައި ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރަނީ ނިސްބަތުން މަދު ބައެއް ކަމަށް ވާއިރު އެ މީހުންގެ ވަނަވަރު ހާމަވުމަކީ ދައުލަތުން ބުނި ގޮތުގައި އިންޓެލިޖެންސް އަދި ތަހުގީގީ އޮޕަރޭޝަންތަކަށް އަަސަރު ކުރާނެ ކަމެކެވެ. 

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އިއްވެވި ހުކުމްގައި ބުނީ، އިންޓެލިޖެންސް އޮފިސަރުންގެ ވަނަވަރު ހާމަވެއްޖެ ނަމަ އެކަށީގެންވާ ނުރައްކަލެއް އޮތް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. 

ނުރައްކާ އޮތްކަން އަނގައިދިނުމަށް ދައުލަތުން ހުށަހެޅި ސަބަބަކީ ޖަމައީކޮށް، އެ އޮފިސަރުންނަކީ އެއް ހާލަތެއްގައި ތިބި ފަރާތްތަކަކަށް ވުމުން ނުރައްކަލެއްގެ ފުރުސަތު އޮތް ކަމަށް ހުށަހެޅި ސަބަބެވެ. 

މި ހާލަތުގައި ވަކިވަކި އޮފިސަރުންނަށް ވަކިވަކި ސަބަބުތަކެއް ހުށަހެޅުން ލާޒިމް ނޫން ކަމަށް ހުކުމްގައިވެ އެވެ. ނަމަވެސް، އެ ސަބަބަކީ ހެކިބަސް ދޭން ތިބި އިންޓެލިޖެންސް އޮފިސަރުންނަށް އޮތް ނުރައްކަލެއް ކަން އަންގައިދޭ ސަބަބެއް ކަމަށް ވުމުން ފުދޭނެ ކަމަށް ހުކުމްގައި ބުންޏެވެ.