މިފަހަރުގެ ވޯލްޑް ކަޕްގައި، އިންގްލެންޑްގެ އަސްލު ކުޅުން އަދި ނުފެންނަކަމަށާއި އެކަމަކު މިރޭ އެ ޓީމުގެ އެންމެ މޮޅު ކުޅުން ފެންނާނެ ކަމަށް، ކޯޗު ތޯމަސް ޓޫހުލް ބުނެފި އެވެ.
ވޯލްޑް ކަޕް ސެމީ ފައިނަލުގައި މިރޭ އިންގްލެންޑުން ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.
މިއީ، އެ ދެ ގައުމުގެ ވެސް މިހާރު ކުޅުންތެރިންގެ ޖީލުން އެއް ޓީމު އަނެއް ޓީމާ ދެކޮޅަށް ނުކުންނަ ފުރަތަމަ މެޗެވެ.
ޓޫހުލް ބުނީ މި ކުރިމަތިލުމުގެ ހާއްސަކަން ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް އެނގޭނެ ކަމަށެވެ. އާޖެންޓީނާ އާއި އިންގްލެންޑް ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ފަސް ފަހަރު ވާދަކޮށްފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގޮތުން ވެސް ބޮޑު ވާދަވެރިކަމެއް މީގެ ކުރިން އޮތެވެ. އެ ތާރީހާ ގުޅުވައި އެ ދެ ގައުމުގެ ފުޓްބޯޅައިގައި ވެސް ވާދަވެރިކަން އޮތީ އުފައްދާފަ އެވެ.
ޓޫހުލް ބުނީ އެ ހުރިހާ ކަމެއް ހުއްޓަސް، ވަކި ޕްރެޝަރެއް އޭނާ އަށް ނެތް ކަމަށެވެ
"އަހަންނަކަށް އެއްވެސް ބުރައެއް އިހުސާސެއް ނުވޭ. އަހަރެމެންނަށް އެ ފޯރި އާއި ނުތަނަވަސްކަން އިހުސާސްކުރެވޭނެ. އެކަމަކު އެއީ އާދައިގެ ކަމެއް،" ޓޫހުލް ބުންޏެވެ.
"އަހަރެން އެންމެ ގަޔާވާ ކަމަކީ ކުޅުންތެރިން މި މެޗު ކުޅެން ބޭނުންވެފައި ތިބި މިންވަރު، ޓީމުތެރޭގައި އޮތް ވާދަވެރިކަން."
ޓޫހުލް ބުނިގޮތުގައި އާޖެންޓީނާގެ ޓީމުގެ ފަރާތުން ވެސް އޭނާ އުއްމީދު ކުރަނީ، މި މުބާރާތުގައި އެ ޓީމުން މެޗެއްގައި ދައްކާނެ އެ ގައުމުގެ އެންމެ ވަރުގަދަ ކުޅުން ފެނުމަށެވެ.
ދެން އޭނާ ބުނީ އިންގްލެންޑްގެ އެންމެ ވަރުގަދަ ކުޅުން މިފަހަރުގެ މުބާރާތުގައި އަދި ނުދެއްކޭ ކަމަށެވެ.
"އަހަރެމެން ތައްޔާރުވާނީ އާޖެންޓީނާގެ އެންމެ ރަނގަޅު ކުޅުން ފެންނާނެކަން އެނގިގެން. އަހަރެމެން އުންމީދުކުރާ އަދި ޑިމާންޑް ކުރަނީ އަހަރެމެންގެ ފަރާތުން ވެސް އެންމެ ރަނގަޅު ކުޅުން ފެންނަން،" ޓޫހުލް ބުންޏެވެ.
“އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން އަދި ނުދެއްކޭ. ނަމަވެސް މި މެޗުން އަހަރެމެންގެ އެންމެ މޮޅު ކުޅުން ދެއްކޭނެ. އަދި އަހަރެމެން މިތިބީ އެ ފޯރީގައި.”