ޕޮޕް ލަވަކިޔުންތެރިޔާ ޖޯޖް މައިކަލް މަރުވެއްޖެ

ދުނިޔޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނުނު ޕޮޕް ސުޕަސްޓާ ޖޯޖް މައިކަލް އުމުރުން 53 އަހަރުގައި މަރުވެއްޖެ އެވެ.


ލަވަކިޔުންތެރިއެއްގެ އިތުރުން ލަވަލިޔުމުގައި އަދި މިއުޒިކް ޕްރޮޑިއުސަރެއްގެ ގޮތުގައި ހޭދަކުރި ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި 100 މިލިއަނަށް ވުރެ ގިނަ އަލްބަމް ވިއްކާފައިވާ މައިކަލް މަރުވީ އިނގިރޭސިވިލާތުގެ އޮކްސްފަޑްޝަޔާގައި އޭނާ ދިރިއުޅޭ ގޭގަ އެވެ. ފުލުހުން ބުނެފައިވަނީ އެއީ ގޮތް ނޭނގޭ މަރެއް ކަމަށާއި އެކަމަކު ޝައްކުކުރެވޭ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. މައިކަލް މަރުވި ސަބަބު ހޯދަން ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމައިފަ އެވެ.

އެކުގައި ކިޔަވަން އުޅުނު ރަހުމަތްތެރިއެއް ކަމަށްވާ އެންޑްރޫ ރިޖްލީއާ އެކު "ވޭމް!"ގެ ނަމުގައި ބޭންޑެއް ހަދައިގެން މައިކަލްގެ ކެރިއަރު ފެށީ 1980ގެ އަހަރުތަކުގެ ތެރޭގަ އެވެ. އނގިރޭސި ސިންގަލްސް ޗާޓްތަކުގެ އެއްވަނަ ހަތަރު ފަހަރު ހޯދުމަށް ފަހު ނެރެން ފެށި ސޯލޯ އަލްބަމްތަކާ އެކު ބޮޑެތި ކާމިޔާބީތަކެއް އޭނާ ވަނީ ހޯދައިފަ އެވެ. އޭގެ ތެރޭގައި 1987 ވަނަ އަހަރު ނެރުނު "ފެއިތު" އަލްބަމް ހިމެނެ އެވެ. އެއާ ޖެހިގެން ރިލީޒްކުރި "ލިސްން ވިތައުޓް ޕްރެޖުޑިސް ވޮލިއުމް 1" އަދި މާ ގިނައިން ވިކުނެވެ.

ސޯލޯ އާޓިސްޓެއްގެ ގޮތުގައި މައިކަލް ވަނީ އިތުރު ހަތް ލަވަޔަކުން އިނިގިރޭސި ޗާޓުތަކުގެ އެއްވަނަ ހޯދައިފަ އެވެ. އޭގެ ތެރޭގައި "ކެއާލެސް ވިސްޕާ" އާއި "ފާސްޓް ލަވް" ހިމެނެ އެވެ. "ވޭމް!"ގެ "ލާސްޓް ކްރިސްމަސް"އަކީ ވެސް ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދި ލަވައެކެވެ.

ފަހުން މައިކަލް އަށް މީޑިއާގެ ސަމާލުކަން ލިބެން ފެށީ އެކި މައްސަލަތަކާ ހެދި އެވެ. މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވައިގެން ހައްޔަރުކޮށް، އެއް ފަހަރަކު ޖަލުގައި އަށް ހަފްތާ ހޭދަކުރަން ވެސް ޖެހުނެވެ.

މިއުޒިކް ޕްރޮޑިއުސަރު ނޯޓީ ބޯއި މައިކަލްއާ އެކު އާ އަލްބަމެއްގެ މަސައްކަތްކުރަމުންދާ ކަން މި މަހު އިއުލާންކޮށްފައިވެ އެވެ. އަދި އަންނަ މާޗް މަހު "ފްރީޑަމް"ގެ ނަމުގައި އޭނާއާ ބެހޭ ޑޮކިއުމެންޓްރީ ފިލްމެއް ނެރެން ވެސް ނިންމާފައިވެ އެވެ.

ނިއުމޯނިއާ އަށް ފަރުވާ ހޯދަން ޖެހިގެން 2011 ވަނަ އަހަރު މައިކަލްގެ ކޮންސަޓްތަކެއް ކެންސަލްކުރަން ޖެހުނެވެ. ވިއެނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ކުރި އޮޕަރޭޝަނަކަށް ފަހު ދޫކޮށްލުމުން، ލަންޑަންގައި ހުންނަ އޭނާގެ ގޭގެ ބޭރުގައި ފެންކަޅިވެފައި ހުރެ ނޫސްވެރިންނާ ވާހަކަދެއްކި އެވެ. މައިކަލް ބުނެފައި ވަނީ އޭނާގެ ފުރާނަ އަށް ނުރައްކާވާ ވަރަށް ބަލި ހާލު ގޯސްވެފައިވާ ކަމަށެވެ.

ޖޯޖް މައިކަލްގެ "ކެއާލެސް ވިސްޕާ"