ބޮލީވުޑްގެ ތަރި ކާތިކް އަރްޔަން.
11 ޑިސެމްބަރ 2024 - 06:20
ކިތައްމެ ކާމިޔާބު ވިޔަސް އޭނާއަށް ފިލްމީ ދާއިރާގެ މީހުންގެ ސަޕޯޓް ނުލިބޭ ކަމަށް ބޮލީވުޑްގެ ތަރި ކާތިކް އަރްޔަން ބުނެފި އެވެ.
ކާތިކްގެ އެންމެ ފަހުގެ ފިލްމު "ބޫލް ބުލައްޔާ 3"އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު ޖީކިއު މެގަޒިން އަށް މި ހަފުތާގައި ދިން އިންޓަވިއުއެއްގައި ކާތިކް ވަނީ ވަރަށް އުނދަގޫ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. ސުޕަހިޓް ފިލްމަކަށް ވި "ބޫލް ބުލައްޔާ 3"އަށް ބޮކްސް އޮފީހުގައި ވަނީ ވަރަށް ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
"އަހަންނަކީ އެކަނިވެރި މީހެއް. އަހަރެން މިހާރު ދިރިއުޅޭ ގެ، އެވެސް އަހަރެންގެ އަމިއްލަ މަސައްކަތުން ގަތް ގެޔެއް. މިހާ ހިސާބަށް އާދެވުނީ ވަރަށް އުނދަގުލުން. އަދި މި ހިސާބުން ނިމުނީއެއް ނޫން، އަހަންނަށް އެނގޭ އަހަރެން ކިތައްމެ ވަރަކަށް އުޅުނަސް މި ދާއިރާގެ މީހުންގެ ސަޕޯޓް ނުލިބޭނެކަން. ބޫލް ބުލައްޔާ 3 އަށް ލިބުނު ކާމިޔާބީއަށް ފަހު ވެސް އަހަރެންގެ ފަހަތަށް އަރާނެ މީހަކު ނުވީމަ އެކަން ގަބޫލުކޮށްފިން. ދެން އޮތް ފިލްމަށް ވެސް އަހަންނަށް ޖެހޭނީ މިހެން ގަނަތެޅެން،" ކާތިކް ބުންޏެވެ.
ކާތިކް ބުނީ އޭނާ ނާކާމިޔާބުވާތަން ދެކެން ބޭނުންވާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށެވެ.
"އާނ، އަހަންނަށް އެނގޭ އެހެން ބައެއް މީހުންނަށް ވެސް މިހެން އިހުސާސްވާކަން. މިހެން ބުންޏަސް މި މަސައްކަތުގައި ވަރަށް ރަނގަޅު މީހުންނާ ވެސް ދިމާވި. އެކަމަކު ގިނައީ އަހަންނާ ދެކޮޅު މީހުން. އެ މީހުންގެ ރުހުން ހޯދާކަށް ވެސް ބޭނުމެއް ނޫން. އަހަރެން ހަމައެކަނި ބޭނުންވަނީ އޯޑިއެންސްގެ ތަރުހީބު. އަހަންނަށް ސަޕޯޓްކުރާ ހަމައެކަނި ބަޔަކީ އެއީ ކަމަށް ވާތީ. އެ ނޫން ބަޔެއްގެ ތާއީދެއް ބޭނުމެއް ނުވޭ،" ކާތިކް ބުންޏެވެ.
ކާތިކްގެ "ބޫލް ބުލައްޔާ 3" ރިލީޒްކުރީ ބޮލީވުޑްގެ މަޝްހޫރު އެތައް ސްޓާރުންނެއް ހިމަނައިގެން ގެނެސްދިން "ސިންގަމް އެގެއިން" އާ ހަމަ އެއް ދުވަހެއްގަ އެވެ. ދީޕިކާ ޕަޑުކޯން، ރަންވީރް ސިންގް، އަޖޭ ދޭވްގަން، އަކްޝޭ ކުމާރް، ޓައިގާ ޝްރޮފް އަދި އަރްޖުން ކަޕޫރް ކަހަލަ އެތައް އޭ-ލިސްޓެޑް ސްޓާރުންނެއް ކާސްޓުގައި ހިމެނޭ އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ، އެ ކަހަލަ ވަރުގަދަ ކާސްޓެއް ނެތް "ބޫލް ބުލައްޔާ 3"އަށް ލިބުނު އާމްދަނީއަށް ވުރެ ވެސް ކުޑަ އާމްދަނީއެކެވެ.
އެންމެ 150 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ބޫލް ބުލައްޔާ 3" އަށް ވަނީ ބޮކްސް އޮފީހުގައި 421 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެކަމަކު، 375 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން ހެދި "ސިންގަމް އެގެއިން" އަށް ލިބުނީ އެންމެ 389 ކްރޯޑް ރުޕީސް އެވެ. ފިލްމު ހަދަން ދިޔަ ހަރަދު ލިބުނީ ހަމަ ކިިރިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެންޖޯސް
12 December 2024
ކަރްތިކް ތިޔަ ވާހަކަ ދައްކަނީ ވަރަށް ރީތި، ޗާލު ސާފު ދިވެހި ބަހުން. އާދޭ ރާއްޖެއަށް އަހަރުމެން އަޅާލަނަމޭ ކަރްތިކްއަށް އިނގޭ!
2024
12 December 2024
އާދެ ކާތިކް މޯޑިސްއަށް މިތާ ޓިކްޓޮކް ކުޅެލަނިކޮށްވެސް ތި އެކަނިވެރިކަން ފިލާނެ...... ބޮއިހަލަކޮި
އަބުދުބެއްޔާ
11 December 2024
ފިލްމް ކުޅެން ރާއްޖެ އާދޭ މިތާ އެންމެސް ވަރަށް ސަޕޯރޓް ދޭނެ