ބޮލީވުޑްގެ އެކްޓްރެސް ކަލްކީ ކޮޗެލިން.
16 މެއި 2025 - 07:12
އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށްވެ، ބޮލީވުޑް މިހާރު އޮތީ އިގުތިސާދީ އަނދަވަޅެއްގައި ކަމަށް ބޮލީވުޑްގެ އެކްޓްރެސް ކަލްކީ ކޮޗެލިން ބުނެފި އެވެ.
އަލީނާ ޑިސެޓްސްގެ ޕޮޑްކާސްޓުގެ މިދިޔަ ބުދަ ދުވަހު ގެނެސްދިން އެޕިސޯޑުގައި ކަލްކީ ވަނީ ބޮލީވުޑްގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކައިފަ އެވެ. ބޮލީވުޑް މިހާރު އޮތީ އިގުތިސާދީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާލާފައި ކަމަށާއި މި ޑިޖިޓަލް ޒަމާނުގައި ކުރު ވީޑިއޯތަކަށް ލިބޭ ސަމާލުކަން މާ ބޮޑުވުމާ އެކު، ފީޗާ ފިލްމު ހެދުމަށް ގިނަ ގޮންޖެހުންތައް ހުރިކަން އޭނާ ފާހަގަކުރި އެވެ.
"ބޮލީވުޑް މިހާރު އޮތީ ރިސެޝަންގައި؛ އެހެންވެގެން އެ މީހުން މިހާރު ހުރިހާ އެއްޗެއް ރީ-ރިލީޒްކުރަނީ. ކޮންޓެންޓެއް ނެތް. އެކަން ނުވޭ. އެހެންވީމާ، ހުރިހާ މަސައްކަތެއް ހުއްޓިފައި. އެ މީހުންނަށް ވެސް އެނގޭ އެކަމަކު ބިރުގަނޭ. ކޮން އެއްޗެއްކަން މަސައްކަތްކުރަނީ، ކޮން އެއްޗެއްކަން ނުކުރަނީ އެމީހުންނަކަށް ނޭނގޭ. އެހެންވީމާ، މުޅި އިންޑަސްޓްރީ މި އޮތީ ހުއްޓުމަކަށް އައިސްފައި،" ކަލްކީ ބުންޏެވެ.
"ޔޭ ޖަވާނީ ހޭ ދިވާނީ" އާއި "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ކަހަލަ މަޝްހޫރު ފިލްމުތައް ކުޅެފައިވާ ކަލްކީ ބުނީ މިހާރުގެ ކްރިއޭޓިވް ޓީމްތަކުގައި ވެސް މީހުން ޝައުގުވެރިވާ އުފެއްދުންތައް ގެނެސްދިނުމުގެ ގާބިލުކަން ނެތް ކަމަށެވެ. އެ މީހުން ވެސް ތިބީ ވާނުވާގައި ކަމަށް އޭނާ ބުންޏެވެ.
"ކްރިއޭޓިވް ޓީމްތައް ވަޒީފާއިން ވަކިކޮށް، އަލުން ވަޒީފާ ދޭތަން ވެސް އެބަ ފެނޭ. އެމީހުންނަށް ވެސް ނޭނގެނީ މިކަން ނުވެގެން އުޅޭ ސަބަބު. އަދި އެ މީހުންނަށް ނޭނގޭ މި ކްރައިސިސް ހިނގަމުންދާކަން ވެސް. އަހަރެން އެކި ފެންވަރުގެ މީހުންނާއި ވާހަކަދައްކައިފިން. ބައެއް މީހުން ކަރޯޑުން ފައިސާ ހަރަދުކުރިޔަސް، އުފެއްދުންތައް ރިލީޒްކުރާނެ ޕްލެޓްފޯމެއް ނުލިބޭ. އަދި ވަރަށް ގިނަ އެކްޓަރުން އެބަތިބި މަސައްކަތެއް ނުލިބިފައި ދެ އަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް،" ކަލްކީ ބުންޏެވެ.
އާމްދަނީ ހޯދޭނެ އުފެއްދުންތައް ގެނެސްދިނުމުގެ ފެންވަރު ނެތުމާ އެކު، ބޮލީވުޑް މިހާރު އޮތީ އިގުތިސާދީ އަނދަވަޅެއްގައި ކަމަށް އޭނާ ބުންޏެވެ.
ކާލްކީ ބުނީ ބޮލީވުޑްގެ މައްސަލަތަކެއް ހުރިކަން ގަބޫލުކުރަންވީ ވަގުތު ޖެހިއްޖެ ކަމަށާއި މިކަން ހައްލުކުރެވޭނީ އޭރުން ކަމަށެވެ. ފިލްމުތަކަށް އާންމުންގެ ސަމާލުކަން ކުޑަވެފައިވާ ސަބަބާއި ސިނަމާތަކުގައި މީހުން ފޫހިވެފައި ތިބޭ ސަބަބު ބަލައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ނަމަވެސް، މި މައްސަލައަށް ހައްލެއް ހޯދަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރާ
17 May 2025
ކޮންތާކު؟ އޭނާއަށް ފިލްމްކުޅެން ނުލިބޭތީ ހަމަ ބުނާ އެއްޗެއް.