ދިވެހި ސިނަމާގެ ތަރި އައިޝަތު ރިޝްމީ އާއި އިވެންޓް މެނޭޖުމަންޓް ކުންފުނި ޗޮޕާޓުގެ ޑިރެކްޓަރެއް ކަމަށްވާ މިހުސާ އަބްދުއްސައްތާރު (މިހުސޯ) މިއަދު ކައިވެނިކޮށްފި އެވެ. 

އެމީހުން ކައިވެނި ކުރިން ހާމަކުރީ ކައިވެނީގެ ފޮޓޯތަކާ އެކު އިންސްޓަގްރާމްގައި މިހުސޯ ކުރި ޕޯސްޓެއްގަ އެވެ. 

"އޭނާ އަހަރެންގެ އަނބިމީހާއަށް ވެއްޖެ. އަލްހަމްދުﷲ،" ރިޝްމީ ޓެގުކޮށް އެ ޕޯސްޓުގެ ކެޕްޝަންގައި މިހުސޯ ލިޔެފައިވެ އެވެ. 

ރިޝްމީ ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފަ އެވެ. 

ރިޝްމީ އެންމެ ފުރަތަމަ ކައިވެނިކުރީ 2007 ވަނަ އަހަރު ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) އާ އެވެ. އެ ކައިވެނި ރޫޅުނީ 2013 ގަ އެވެ. އަދި އެ ކައިވެންޏަށް އޭނާގެ ފިރިހެން ދަރިއަކު ވެސް ހުރެ އެވެ. 

އޭގެ ފަހުން ރިޝްމީ ކައިވެނިކުރީ ފިލްމީ ތަރި ރަވީ ފާރޫގުއާ އެވެ. ރިޝްމީ އާއި ރަވީ ކައިވެނިކުރީ މާޗު 25، 2019 ގަ އެވެ. ނަމަވެސް، އޭގެ ތިން އަހަރު ފަހުން އެ ކައިވެނި ނިމުމަކަށް ގެނަ އެވެ.