މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ބައޮގްރަފީ އަންނަ އަހަރު ނެރޭނެ ކަމަށް ބުނެފި އެވެ.

އެމެރިކާގެ ޕަބްލިޝިން ހައުސް ރޭމްޑަމް ހައުސްއާ ގުޅިގެން ގެނެސްދޭ ބައޮގްރަފީ އަށް ދީފައިވާ ނަމަކީ "އަންފިނިޝްޑް" އެވެ. ޕްރިޔަންކާގެ ފޮތް ގެނެސްދޭކަން އެ ކުންފުނިން ކުރި ޓްވީޓެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

"އަންފިނިޝްޑް" ލިޔަނީ ވެސް ސީދާ ޕްރިޔަންކާ އަމިއްލައަށެވެ.

އޭނާ ބުނި ގޮތުގައި ބައޮގްރަފީގައި ކެރިއަރުގެ ވާހަކަތަކުގެ އިތުރުން އޭނާގެ ވަރަށް ޒާތީ ވާހަކަތައް ވެސް ކިޔުންތެރިންނާ ވަރަށް ތަފުސީލުކޮށް ހިއްސާ ކުރާނެ އެވެ.

އުމުރުން 35 އަހަރުގެ ބަތަލާ ސިފަކުރި ގޮތުގައި "އަންފިނިޝްޑް" އަކީ އޭނާ ފަދައިން ވަރަށް "ބޯލްޑް" އެއްޗަކަށް ވާނެ އެވެ.

"އަހަންނަކީ އަބަދު ވެސް ވަރަށް ޖެހިލުން ކުޑަ އަދި އެހާމެ ބިރު ވެސް ކުޑަ މީހެއް. ރިސްކް ނެގުމަކީ އަހަރެން އަބަދު ވެސް ވަރަށް ގަޔާވާ ކަމެއް. ކާމިޔާބު މީހަކަށްވާން ކުރަން ޖެހޭ މަސައްކަތަކީ ފަސޭހަ ކަމަކަށް ނުވާނެ،" އުމުރުން 17 އަހަރުގައި 2000 ގައި މިސް ވޯލްޑްގެ ތާޖު ހާސިލުކުރި ޕްރިޔަންކާ ބުންޏެވެ. "އަހަންނަކީ އަބަދު ވެސް ކަންކަމާ ދޭތެރޭ ވަރަށް ސީރިއަސްކޮށް އަދި ވަރަށް ޕޮޒިޓިވްކޮށް ވިސްނާ މީހެއް. އެހެންވެ އަހަރެން އަމިއްލަ އަށް ގަބޫލުކުރަނީ އަހަންނަކީ ވަރަށް ބޯލްޑް މީހެއްގެ ގޮތުގައި. އަހަރެންގެ ބައޮގްރީން އެކަން މާ ބޮޑަށް ވެސް ސާފުވެގެން ދާނެ. މިއަށް އިންތިޒާރުކޮށްލާށޭ ބުނެވޭނީ. ވަކިން ހާއްސަކޮށް އަންހެނުންނަށް މި ފޮތް ހާއްސަ."

"އަންފިނިޝްޑް" އަންނަ އަހަރު ނެރެން ނިންމި ނަމަވެސް ހަރުގަނޑުތަކަށް އެ ފޮތް އަރާނެ ތާރީހެއް އަދި ނުނިންމަ އެވެ.

ބޮލީވުޑްގައި 50 ވަރަކަށް ފިލްމް ކުޅެ، ނެޝަނަލް އެވޯޑްގެ އިތުރުން ވެސް އެތަކެއް އެވޯޑެއް ހޯދުމަށް ފަހު، ޕްރިޔަންކާ ވަނީ 2015 ވަނަ އަހަރު ހޮލީވުޑަށް ހިޖުރަކޮށްފަ އެވެ. އަދި ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިިން ހޯދި ބޮޑު މަޝްހޫރުކަމާ އެކު، އޭނާއަކީ މިހާރު ހޮލީވުޑްގެ ނުފޫޒު ގަދަ ބަތަލާއެކެވެ.

ބަތަލާއެއްގެ އިތުރުން ޕްރިޔަންކާއަކީ މިހާރު ޕްރޮޑިއުސަރެއް ވެސް މެ އެވެ. ޕާޕަލް ޕެބްލް ޕިކްޗާ (ޕީޕީޕީ) ގެ ނަމުގައި އަމިއްލަ ފިލްމް ކުންފުންޏެއް އުފައްދައި އޭނާ އަންނަނީ އިންޑިއާގެ އެކި ބަހުރުތަކުން ފިލްމް ވެސް އުފައްދަމުންނެވެ.

ހަމަމިއާ އެކު ޕްރިޔަންކާއަކީ ޔުނިސެފްގެ ގުޑްވިލް އެމްސެޑަރެއް ވެސް މެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ މިހާރު އަންނަނީ އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ޑޭޓް ކުރަަމުންނެވެ. އަދި މި ދެ މީހުން ވަރަށް އަވަހަށް ކައިވެނި ވެސް ކޮށްފާނެ ކަމަށްވެ އެވެ.