ސަލްމާން ހާނާ އެކު ޕްރިޔަންކާ ޗޯޕްޅާ ކުޅެން ސޮއިކުރި ފިލްމް ބާރަތު" ގެ ޝޫޓިން ވެސް ފަށައިފައި ވަނިކޮށް ހޮލީވުޑްގައި މިހާރު މަސައްކަތް ކުރާ ބަތަލާ އެ ފިލްމް ދޫކޮށްލައިފި އެވެ.

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކުރި ޓްވީޓެއްގައި ވެސް ވަނީ ޕްރިޔަންކާ ފިލްމުން ވަކިވިކަން ކަށަވަރުކޮށްދީފަ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ ކުއްލި ގޮތަކަށް ފިލްމުން ވަކިވާން ނިންމީ އޭނާ މިހާރު ހިތާވެގެން އުޅޭ، އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ވަަރަށް އަވަހަށް ކައިވެނި ކުރަން ނިންމާފައިވާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ނިކް މިހާރު އެންގޭޖް ވެސް ވެފައިވާ އިރު އަންނަ މަހު ކައިވެނި ކުރާނެ އެވެ. އަލީ ކުރި ޓްވީޓްގައި ވެސް "ނިކް" އެ ބަސް ބޭނުންކޮށްފައިވުމާއި އެ ޓްވީޓްގެ ބަސްމަގު ހުރި ގޮތުން އެ ދެ ތަރިންގެ ގުޅުން ވަރަށް ސީރިއަސް ހިސާބަކަށް ގޮސްފައިވާ ކަމަށް ގަބޫލު ކުރެވެ އެވެ.

އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ "ބާރަތު" ގެ އިތުރުން ހިންދީ އެހެން ފިލްމަކަށް ވެސް ޕްރިޔަންކާ ސޮއިކޮށްފައިވާ ކަމެވެ. އެއީ އަންނަ މަހުގެ 8 ގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ ސޮނާލީ ބޯސްގެ "ދަ ސްކައި އިޒް ޕިންކް" އެވެ.

"ބާރަތު" އަކީ 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އަށް ފަހު ޕްރިޔަންކާ ސޮއި ކުރި ފުރަތަމަ ހިންދީ ފިލްމެވެ. އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޑިޝާ ޕަޓްނީ، ތައްބޫ، ނޯރާ ފަތެހީ އަދި ސުނިލް ގްރޯވާ ހިމެނެ އެވެ.

ޕްރިޔަންކާ "ބާރަތު" އިން ވަކިވި އިރު، މި ފިލްމްގެ ޝޫޓިން ރަސްމީކޮށް ފެށީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އަދި އޭނާ ފިލްމަށް ސޮއި ކުރީ 12 ކްރޯޑް ރުޕީސް އަށް ކަމަށް ކުރިން އަޑުތައް އެރި ނަމަވެސް، މީޑިއާތަކުން ފަހުން ރިޕޯޓްކޮށްފައި ވަނީ "ބާރަތު" ކުޅެން ޕްރިޔަންކާ އެއްވެސް އަގެއް ނުނަގާ ކަމަށެވެ.

އޭނާ ފިލްމުން ވަކިވުމާ އެކު، މީޑިއާތަކުން މިހާރު ބުނަނީ ދެން ފިލްމާ ގުޅޭނީ ކެޓްރީނާ ކެއިފް ކަމަށެވެ. ކުރިން ވެސް "ބާރަތު" އިން އޭނާ ފެންނާނެ ކަމަށް އަޑުތައް އެރި ނަމަވެސް، ކެޓްރީނާ ވަނީ ފިލްމުން ނުފެންނާނެ ކަމަށް ބުނެފަ އެވެ.

އަލީ މިދިޔަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ޓައިގާ ޒިންދާ ހޭ" ގައި ވެސް ސަލްމާނާ އެކު ބަތަލާގެ ރޯލް ކުޅުނީ ކެޓްރީނާ އެވެ.

ޕްރިޔަންކާ ކުރިން ވެސް ވަނީ އަލީއާ އެކު 2014 ގެ "ގުންޑޭ" ގައި މަސައްކަތްކޮށްފަ އެވެ.

އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފެބްރުއަރީ، 14، 2019 ގައި ރިލީޒް ކުރާ ހޮލީވުޑް ފިލްމް "އިޒިންޓް އިޓް ރޮމޭންޓިކް" އިންނެވެ.

ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި "އަ ކިޑް ލައިކް ޖޭކް" އެވެ.