ސަލްމާން ހާންގެ "ބާރަތު" ގެ ޝޫޓިން ވެސް ފަށައިފައި ވަނިކޮށް، ކުއްލި ގޮތަކަށް ފިލްމްގެ ލީޑް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އެ ފިލްމް ދޫކޮށްލުމުން އެތައް ބަޔަކަށް ލިބުނީ ހައިރާންކަމެވެ. އޭނާ ފިލްމް ދޫކޮށްލި ސަބަބާ ބެހޭ ގޮތުން ނެރޭ ތިއަރީތައް ވެސް ތަފާތެވެ.
އެއް ބަޔަކު ބުނެފައި ވަނީ އެމެރިކާގެ ލޯބިވެރިޔާ އަދި ލަވަކިޔުންތެރިކާ ނިކް ޖޯނަސްއާ "އެންގޭޖްވެފައިވާތީ" ކައިވެންޏަށް ތައްޔާރުވާން ޕްރިޔަންކާ ފިލްމް ދޫކޮށްލީ ކަމަށެވެ.
އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ ފިލްމް ދޫކޮށްލީ އޭނާއަކީ ފިލްމް ލިޑް ބަތަލާއަށް ވެފައި، "ބާރަތު" ގެ ޕޯސްޓަރުގައި، ސަޕޯޓިން ރޯލެއް ކުޅޭ ޑިޝާ ޕަޓްނީ ހިމަނަން ޓީމުން ނިންމާފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ.
ނަމަވެސް ފިލްމް ދޫކޮށްލި ސަބަބެއް އަދި ޕްރިޔަންކާ ހާމައެއް ނުކުރެ އެވެ. "ބާރަތު" ދޫކޮށްލި އިރު އޭނާ ސޮއިކޮށްފައި އޮތް ސޮނާލީ ބޯސްގެ "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން ފެށުމަށް ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ކޮންމެއަކަސް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ ޕްރިޔަންކާގެ ބަދަލުގައި އާ ބަތަލާއެއް ވަރަށް އަވަހަށް ހަމަޖައްސައި އެކަން އިއުލާން ކުރާނެ ކަމަށް ބުނެފަ އެވެ. އަދި "ބާރަތު" ގެ ޓީމުން ވަނީ ފިލްމުން މަގާމެއް ހުސްވެފައިވާތީ ބަތަލާއަކު ހޯދަން ޓްވިޓާގައި މަޖާ "އިއުލާނެއް" ވެސްކޮށްފަ އެވެ.
ފިލްމްގެ މުހިއްމު ރޯލަކަށް ސޮއިކޮށްފައިވާ މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާ (ޑރ. މަޝްހޫރު ގްލާޓީ) އަންހެން ހެދުމެއް އަޅައިގެން ހުންނަ ވީޑިއޯގައި ބުނަނީ އިނގިރޭސީން ވާހަކަ ދައްކާ "ދޭސީ ބޯއި" ފިލްމް ދޫކޮށްލައިވާތީ ބަތަލާއަކު ހޯދަން ބޭނުންވާ ކަމަށެވެ. "ދޭސީ ބޯއި" އޭ ބުނެ އިޝާރާތްކޮށްފައި ވަނީ ޕްރިޔަންކާއަށެވެ.
އޭނާ ކުޅުނު ދޯސްތާނާ (2008) ގެ އެންމެ މަޝްހޫރު އެއް ލަވައަކީ "ދޭސީ ގާލް" އެވެ.
"ބާރަތު" ގެ ބަތަލާއަކަށް ވާނެ ކަމަށް ބެލެވޭ ބަތަލާއިންގެ ލިސްޓެއް މިހާރު އެބަ އޮތެވެ.
އެ ލިސްޓްގެ ކުރީގައި އޮތީ އަލީ މިދިޔަ އަހަރު ސަލްމާނާ އެކު އަލީ ޑައިރެކްޓް ކުރި ކާމިޔާބު ފިލްމް "ޓައިގޭ ޒިންދާ ހޭ" ގެ ވެސް ބަތަލާ ކެޓްރީނާ ކެއިފް އެވެ. ކުރިން ވެސް "ބާރަތު" ގެ ރޯލެއް ކެޓްރީނާ އަށް ހުށަހަޅާފައިވާ ކަމަށް އަޑުތައް އެރި އެވެ. އެކަމަކު ކެޓްރީނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
"ބާރަތު" އަށް އޭނާ ސޮއިކޮށްފި ނަމަ ވާނީ މިއީ ކުރީގެ ލޯބިވެރިޔާއާ އެކު ކުޅޭ 8 ވަނަ ފިލްމަށެވެ.
ލިސްޓްގައި ދެން ހިމެނޭ ބަތަލާއަކީ ދީޕިކާ ޕަދްކޯނެވެ. އޭނާއަކީ މިހާތަނަށް އަދި ސަލްމާނާ އެކު ފިލްމެއް ނުކުޅޭ ބަތަލާއެކެވެ. މި އަހަރު ރިލީޒް ކުރި "ޕަދްމާވަތު" އަށް ފަހު ދީޕިކާ އެއްވެސް ފިލްމަކަށް ރަސްމީކޮށް އަދި ސޮއެއް ނުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާ ފިލްމަކަށް ސޮއި ނުކޮށްގެން އުޅެނީ އަންނަ ނޮވެމްބަރު މަހުގެ 10 ގައި އެކްޓަރު ރަންވީރް ސިންގްއާ އިޓަލީގައި ކައިވެނި ކުރަން ތައްޔާރުވަމުން އަންނާތީ އެކަމަށް ވަގުތު ހުސްކުރުމުގެ ގޮތުންނެވެ.
"ބާރަތު" ގެ ބަތަލާގެ ރޯލަށް އައިސް ދާނެ ކަމަށް ދެން ބެލެވޭ ބަތަލާއަކީ ސަލްމާންގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ ސުލްތާން (2016) ގެ ބަތަލާ އަނުޝްކާ ޝަރްމާ އެވެ. އެ ފިލްމަކީ ވެސް އަލީ ޑައިރެކްޓް ކުރި ފިލްމެކެވެ. "ސުލްތާން" އަކީ ސަލްމާނާއި އަނުޝްކާގެ ޖޯޑު އެކުގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ.
ފެބުރުއަރީ މަހު ރިލީޒް ކުރި "ޕަރީ" އަށް ފަހު، އަނުޝްކާގެ ދެ ފިލްމެއް އަދި މި އަހަތު ރިލީޒްވާން އޮތް އިރު، އެ ފިލްމްތަކުގެ ޝޫޓިން ވެސް ނިމިފައިވާތީ އޭނާ "ބާރަތު" އަށް ވަގުތު ދީފާނެ ކަމަށް ބެލެވެ އެވެ. އެ ދެ ފިލްމަކީ ސެޕްޓެމްބަރު 28 ގައި ރިލީޒް ކުރާ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އާއި ޑިސެމްބަރު 21 ގައި ރިލީޒް ކުރާ "ޒީރޯ" އެވެ.
ކަރީނާ ކަޕޫރަކީ ދެން މި ލިސްޓްގެ ހަތަރު ވަނަ އަށް އަންނަ ނަމެވެ. އޭނާއަކީ ސަލްމާނާ އެކު ވަރަށް ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ބަތަލާއެކެވެ. އެންމެ ފަހުން ދެ ތަރިންނ އެކުގައި ކުޅުނީ 2015 ގެ "ބަޖިރަންގީ ބައިޖާން" އެވެ.
"ބާރަތު" ގެ ޕްރޮޑިއުސަރު އަދި ސަލްމާންގެ ޅިޔަނު އަތުލް އަގްނިހޯތުރީ 2011 ގައި ސަލްމާނާ އެކު ގެނެސް ދިން "ބޮޑީގާޑް" ގެ ބަތަލާއަކީ ވެސް ކަރީނާ އެވެ. މިދިޔަ މަހު ރިލީޒް ކުރި "ވީރޭ ދީ ވެޑިން" އަށް ފަހު، ކަރީނާ ރަސްމީކޮށް އެއްވެސް ފިލްމަކަށް އަދި ސޮއިކޮށްފައި ނުވާތީ "ބާރަތު" އަށް އޭނާ ރުހުން ދީފާނެ ކަމަށް ބެލެވެ އެވެ.
އަންނަ އަހަރުގެ ފިތުރު އީދަށް ތާވަލުކޮށްފައިވާ "ބާރަތު" ގެ ބަތަލާއަކީ ކާކުތޯ ބަލަން މުޅި ބޮލީވުޑް މިހާރު އޮތީ ފާރަލައިގެންނެވެ. ޕްރިޔަންކާ ދޫކޮށްލި ރޯލަށް އެއްބަސް ވާނެ ބަތަލާއަކު ބެލުމުގެ ޝައުގުވެރިކަން ވެސް ބޮޑީ އެވެ.
"ބާރަތު" ގެ އިތުރު ކާސްޓުންގެ ތެރޭގައި ތައްބޫ އާއި ނޯރާ ފަތެހީ ވެސް ހިމެނެ އެވެ.