ފަސް ދުވަސް ތެރޭ "2.0" އަށް 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް

އިންޑިއާގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން ހެދި، ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމު "2.0" ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް އިންޑިއާ އިން ހޯދައިފި އެވެ.


މި ފިލްމަކީ 543 ކްރޯޑް ރުޕީސް (76 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. މި ފިލްމު ރިލީޒް ކުރުމުގެ ކުރިން ވަނީ އޭގެ ތެރެއިން 370 ކްރޯޑް ރުޕީސް ހޯދައިފަ އެވެ. އެއީ ސެޓެލައިޓް ރައިޓްސް އާއި ޑިސްޓްރިބިއުޝަން ރައިޓްސް ވިއްކާލައިގެންނެވެ.

އެހެންވެ ތިއޭޓަރުގައި ދައްކައިގެން ބޮކްސް އޮފީހުގައި "2.0" އަށް ހޯދަން މަޖުބޫރުވެފައި އޮތީ 173 ކްރޯޑް ރުޕީސް އެވެ. މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކުރި ފިލްމު އިންޑިއާގައި ދައްކައިގެން 100 ކްރޯޑްގެ އާމްދަނީއެއް ހަމަކުރީ ހޯމަ ދުވަހު އެވެ.

މި އަހަރު 100 ކްރޯޑް ހަމަކުރި ފިލްމުތައް.

ދެކުނު އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު އެސް ޝަންކަރު ޑައިރެކްޓްކޮށްފައިވާ "2.0" އަށް އިންޑިއާ އާއި އިންޑިއާގެ ބޭރުގެ މާކެޓްތަކުގައި ލިބުނު ޖުމްލަ އާމްދަނީ ހޯމަ ދުވަހާ ހަމައަށް ވަނީ 400 ކްރޯޑް ރުޕީސް (56 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. އެހެންވެ މިއީ ކުރި ހަރަދު މިހާރު ވެސް ސަލާމަތްވެ، ފިލްމު އުފެއްދި ޓީމްގެ ޖީބު ފުރައިލާނެ ފިލްމެއްކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ރަޖްނީކާންތާއި އަކްޝޭ ކުމާރު އަދި ޒުވާން ބަތަލާ އެމީ ޖެކްސަން މުހިއްމު ރޯލްތަކުން ފެނިގެންދާ "2.0" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ފިލްމާ ބެހޭ ގޮތުން ކްރިޓިކުންގެ ހުރީ މަސްހުނި ހިޔާލުތަކެވެ. އެކަމަކު ގިނަ ކްރިޓިކުން އިއްތިފާގުވެފައިވާ ގޮތުގައި މި ފިލްމުގެ ސްކްރީންޕްލޭ ވަރަށް ޝައުގުވެރި އެވެ. "2.0" ގެ މައިގަނޑު ވާހައަކީ މޮބައިލް ފޯނާއި މުވާސަލަތީ ހިދުމަތް ދޭން ބޭނުން ކުރާ ޓަވަރުތަކުގެ ނުރައްކާތެރި ރޭޑިއަންޝަންތަކުގެ ސަބަބުން ގުދުރަތީ ވަސީލަތްތަކަށް ލިބޭ ގެއްލުމުގެ ވާހަކަ އެވެ.

ތަރަން ވަނީ ފިލްމަށް ފަސް ތަރީގެ ރޭޓިންއެއް ދީފައި.

އެގޮތުން ގުދުރަތުގެ ދިފާއުގައި އަކްޝޭ ކުމާރު ހަނގުރާމަ ކުރާ އިރު، އޭނާގެ ތުރާތަކުން ސަލާމަތްވާން ރަޖްނީކާންތާއި އޭނާގެ ރޮބޮޓް ލަޝްކަރުގެ މެދުގައި ހިނގާ ކުރިމަތިލުންތައް ފިލްމުގައި ވަރަށް ފުރިހަމަ އަށް ދައްކުވައި ދީފައިވެ އެވެ.

މަޝްހޫރު ފިލްމު ކްރިޓިކު ތަރަން އަދާޝް ވަނީ "2.0" އަށް ވަރަށް ބޮޑަށް ތައުރީފުކޮށް މި ފިލްމަށް ފަސް ތަރީގެ ފުލް ރޭޓިންއެއް ދީފަ އެވެ. އޭނާ ބުނި ގޮތުގައި މި ފިލްމަކީ ފެށުނީއްސުރެ ނިމެންދެން ބެލުންތެރިން ފޫހިކޮށްލާނެ އެންމެ ހިނދުކޮޅެއް ވެސް ނާންނަ ފިލްމެކެވެ. އަދި "2.0" ގެ ފަހު 30 މިނިޓަކީ އިންޑިއާގެ ސިނަމާ އިން މިހާތަނަށް ތަޖުރިބާކޮށްލަން ނުލިބޭ ކަހަލަ މޮޅު ވީއެފްއެކްސް (ސްޕެޝަލް އިފެކްޓްސް) ފެނިގެންދާ ފިލްމެއް ކަމަށާއި ފިލްމުގެ ނިމުން ވެސް ވަރަށް ފުރިހަމަ ކަމަށް ތަރަން ބުންޏެވެ.

"2.0" ގެ ޓްރެއިލާ.

"2.0" ދައްކައިގެން އިންޑިއާ އިން ލިބުނު އާމްދަނީ 100 ކްރޯޑް ފަހަނައަޅައި ދިޔަ އިރު، މިއީ މި އަހަރު 100 ކްރޯޑްގެ އާމްދަނީއެއް ކަަށަވަރު ކުރި 12 ވަނަ ފިލްމެވެ.

މި ލިސްޓްގައި ދެން ހިމެނެނީ އިންޑިއާގައި ދެވަނަ އަށް އެންމެ ބޮޑު ބަޖެޓަކުން ހެދި އާމިރު ހާންގެ "ތަގްސް އޮފް ހިންދުސްތާން"، އަޔޫޝްމަން ކުރާނާގެ "ބަދާއީ ހޯ"، ރާޖްކުމާރު ރާއޯގެ "އިސްތުރީ"، އަކްޝޭގެ "ގޯލްޑް"، ރަންބީރު ކަޕޫރުގެ "ސަންޖޫ"، ސަލްމާން ހާންގެ "ރޭސް 3"، އާލިއާ ބަޓްގެ "ރާޒީ"، ޓައިގާ ޝްރޮފްގެ "ބާގީ 2"، އަޖޭ ދޭވްގަންގެ "ރެއިޑް"، ކާތިިކް އަރިޔަންގެ "ސޯނޫ ކޭ ޓިޓޫ ކޭ ސްވީޓީ"ގެ އިތުރުން ދީޕިކާ ޕަދްކޯންގެ "ޕަދުމާވަތު" އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކީ ރާޖްކުމާރު ހިރާނީ ޑައިރެކްޓް ކުރި ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާ "ސަންޖޫ" އެވެ. ސަތޭކަ ކްރޯޑް (14 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 586.85 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.