އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް ކުޅެން ވިވެކް ތައްޔާރުވެއްޖެ

އިންޑިއާގެ މިހާރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތާ ބެހޭ ފިލްމެއް ހަދާ ވާހަކަ ދެކެވޭތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. ކުރިން އަޑުތައް އަރާފައިވާ ގޮތުން މޯދީގެ ރޯލުން ބޮޑު ސްކްރީނުގައި ކުޅޭނީ ދުވަސްވީ އެކްޓަރުން ކަމަށްވާ ޕަރޭޝް ރާވަލް ނޫނީ ޝަތުރަގަން ސިންހާ އެވެ. އެ ދެ އެކްޓަރުންނަކީ ވެސް މިހާރު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ދެ މީހުންނެވެ.


ނަމަވެސް މޯދީގެ ރޯލް މުޅިން ތަފާތު އެކްޓަރަކާ އެކު ޑައިރެކްޓަރު އޮމަންގް ކުމާރު މިހާރު ވަނީ އިއުލާންކޮށްފަ އެވެ. "ޕީއެމް ނަރެންދުރަ މޯދީ" ގެ ނަން ދީފައިވާ ފިލްމުގައި މޯދީގެ ރޯލް ކުޅޭނީ ވިވެކް އޮބެރޯއީ އެވެ.

މި ފިލްމުގެ ޝޫޓިން މި މަހުގެ މެދު ތެރޭގައި ފަށަން ނިންމާފައިވާ އިރު، މޯދީގެ ގޮތުގައި ވިވެކް ދައްކައިލާ ފުރަތަމަ ޕޯސްޓަރު އަންނަ ހޯމަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.

މި ފަހުން ބޮލީވުޑުން މާ ރަނގަޅު ފުރުސުތަކެއް ލިބެމުން ނުދާ ވިވެކްގެ ކެރިއަރު މިހާރު ބޮޑަށް ފޯކަސްވެފައި އޮތީ އިންޑިއާގެ ސައުތުގެ ފިލްމުތަކަށެވެ. އެގޮތުން އޭނާ އަންނަނީ ތެލެގޫ އާއި ކަންނާޑާ އަދި މަލަޔަޅާމް ބަހުން ހަދާ ފިލްމުތަކަށް ވަގުތު ދެމުންނެވެ.

ރާމް ގޯޕާލް ވަރުމާގެ "ކޮމްޕެނީ" އިން 2002 ގައި ބޮލީވުޑަށް ނުކުތް ވިކެކް ކުޅެފައިވާ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކަކީ ސާތިޔާ (2002)، މަސްތު (2004) ކްރިޝް 3 (2013) އެވެ. އޭނާ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ 2017 ގައި ރިލީޒް ކުރި "ބޭންކް ޗޯރް" އެވެ.

ވިވެކް، 42، މޯދީ، 68، ގެ ރޯލް ކުޅޭ ފިލްމުގެ ޑައިރެކްޓަރު އޮމަންގްއަކީ ޒީވީން ގެނެސްދޭ "އިންޑިއާސް ބެސްޓް ޑްރާމޭބާޒް" ޝޯގައި ވިވެކްއާ އެކު ޖަޖްގެ ޕެނަލުން ފެންނަ ފަންނާނެކެވެ. އޭނާ އެންމެ ފަހުން ޑައިރެޓްކޮށް ގެނެސް ދިން ފިލްމަކީ 2017 ގައި ރިލީޒް ކުރި ސަންޖޭ ދަތުގެ "ބޫމީ" އެވެ.

ވިވެކް (ވ) ޑައިރެކްޓަރު އޮމަންގްއާ އެކު.

އޮމަންގް ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމުތަކަކީ އައިޝްވާރިޔާ ރާއީ 2016 ގައި ކުޅުނު "ސަރަބްޖީތު" އާއި ޕްރިޔަންކާ ޗޯޕްޅާ 2015 ގައި ކުޅުނު "މޭރީ ކޮމް" އެވެ. ކާމިޔާބު އެ ދެ ފިލްމަކީ ވެސް ބައޮގްރަފިކަލް ޑްރާމާތަކެކެވެ.

އެހެންވެ މޯދީގެ ބައޮޕިކް އޮމަންގް ގެނެސް ދިނުމަކީ ވެސް ފިލްމާ ދޭތެރޭ ކުރެވޭ އުންމީދުތައް ބޮޑުވެގެން ދާނެ ކަމެކެވެ.

ނަމަވެސް މޯދީގެ ރޯލް ކުޅެން ވިކެކް ނެގުމުން ބައެއް މީހުން ދަނީ ޓްވިޓާގައި އެކަމަށް ފާޑު ކިޔަމުންނެވެ. އެގޮތުން މޯދީގެ ރޯލް ކުޅެން ވިކެވް އެކަށީގެން ނުވާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.