މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު ރިލީޒްކުރުން ހުއްޓުވައި ދޭން އެދި ކޯޓަށް

އިންޑިއާގެ އާންމު އިންތިހާބު ބޯމަތިވެފައި ވަނިކޮށް، މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ނެރުމަކީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް އެ ފިލްމު ރިލީޒް ކުރުން ހުއްޓުވައި ދޭން މުމްބާއީގެ ކޯޓަކަށް ހުށަހަޅައިފި އެވެ.


ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަންނަ މަހުގެ 5 ގައި ރިލީޒް ކުރާ ފިލްމު ރިލީޒް ކުރުން ހުއްޓުވައި ދޭން އެދި ހުށަހެޅީ އެކްޓިވިސްޓެކެވެ. އެކަމަކު އޭނާގެ ނަމެއް ހާމައެއް ނުކުރެ އެވެ. އަދި މިފަދަ މައްސަލައެއް ފިލްމާ ދެކޮޅަށް ކޯޓަށް ވެއްދި އިރު، އިދިކޮޅު ކޮންގްރެސް ޕާޓީން ވެސް ވަނީ މޯދީގެ ފިލްމަކީ އިންތިހާބާ ދިމާކޮށް ހިންގާ ޕްރޮޕޮގެންޑާއެއްގެ ގޮތުގައި ސިފަކޮށް، އެ ފިލްމު ރިލީޒް ކުރުން ހުއްޓުވައި ދޭން އިންޑިއާގެ އިލެކްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.

އޮމަންގް ކުމާރު ޑައިރެކްޓްކޮށްފައިވާ "ޕީއެމް ނަރެންދުރަ މޯދީ" ކުރިން ރިލީޒް ކުރާ ގޮތަށް އޮތީ އާންމު އިންތިހާބު ފަށާ ދުވަސް ކަމަށްވާ އެޕްރީލް މަހުގެ 11 ގެ އެއް ދުވަސް ފަހުން އެ މަހުގެ 12 ގަ އެވެ. އެކަމަކު މިހާރު ފިލްމު ރިލީޒް ކުރަން ނިންމާފައި ވަނީ އިންތިހާބު ބޭއްވުމުގެ ހަ ދުވަސް ކުރިންނެވެ.

އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި އެ ފިލްމަކީ މޯދީއަށާއި ބީޖޭޕީ އަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް މި ދަނޑިވަޅުގައި ބީޖޭޕީ އާއި މޯދީ އަޑީގައި ހުންނަވައިގެން ހިންގާ ޕްރޮޕެގެންޑާއެކެވެ. އެހެންވެ ފިލްމު މި ދަނޑިވަޅު ރިލީޒް ކުރުން ހުއްޓުވައި ދިނުމަށް ފަހު، އިންތިހާބުގެ ފަހުގެ މަރުހަލާއެއްގައި ފިލްމު ގެނެސް ދިނުމަކީ މައްސަލައެެއް ނޫން ކަމަށް ބުނެފައިވެ އެވެ.

"ޕީއެމް ނަރެންދުރަ މޯދީ" ގެ ޓްރެއިލާ.

ކޮންގްރެސްގެ އިތުރުން މަހާރަޝްތުރާ ނަވްނިރްމަން ސޭނާ (އެމްއެންއެސް) ޕާޓީން ވެސް ފިލްމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އެ ޕާޓީން ބުނި ގޮތުގައި އަންނަ މަހުގެ 5 ގައި މަހާރަޝްތުރާ ސްޓޭޓްގައި ފިލްމު ރިލީޒް ކުރާ ނަމަ އެކަމާ ދެކޮޅަށް ހަރަކާތްތައް ހިންގާނެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން "ޕީއެމް ނަރެންދުރަ މޯދީ" ގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެ ފިލްމުގައި މޯދީގެ ރޯލް ކުޅެފައި ވަނީ ވިވެކް އޮބެރޯއީ އެވެ. އަދި ފިލްމުގެ ޓްރެއިލާ ވެސް މިދިޔަ ހަފުތާގައި ވަނީ ދައްކާލައިފަ އެވެ.