ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހު ރިލީޒްކުރާ ފިލްމު "ކަލަންކް" ގެ ޓައިޓްލް ލަވަ ދައްކާލައިފި އެވެ.


މި ލަވަަ ކިޔާފައި ވަނީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު ފިރިހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަރިޖިތު ސިިންގެވެ. ލަވައިގެ މިއުޒިކް ޕްރިތަމް ހަދާފައިވާ އިރު ޅެން ލިޔެފައި ވަނީ އަމީތާބް ބަޓަޗަރިއާ އެވެ.

"ކަލަންކް" ލަވައިން ފިލްމުގެ މައިގަނޑު ހަ ތަރިން ފެނިގެން ދެ އެވެ. އެއީ އާލިއާ ބަޓާއި ވަރުން ދަވަން، ސޮނާކްޝީ ސިންހާ އާއި އަދިތިޔާ ރޯއި ކަޕޫރް އަދި ސަންޖޭ ދަތާއި މަދޫރީ ޑިކްސިޓެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރުމަން ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 1940 ގައި ހިނގާ ހާދިސާތަކެއް ކިޔައި ދޭނެ ފިލްމެކެވެ.

"ކަލަންކް" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. އަދި މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ވެސް މެ އެވެ.

"ކަލަންކް" ގެ ޓައިޓްލް ލަވަ ދައްކައިލި އިރު މީގެ ކުރިން ވަނީ ފިލްމުގެ އިތުރު ދެ ލަވައެއް ވެސް ދައްކާލައިފަ އެވެ. އެއީ "ފަސްޓް ކްލާސް" އާއި "ގަރް މޯރޭ ޕަރުދޭސިޔާ" އެވެ.

ކާތިކްގެ ބައްޕަގެ ރޯލަށް ސައިފް

ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާނާއި ކާތިކް އާރިޔަން މިހާރު ކުޅެމުން އަންނަ ފިލްމުގައި ސައިފް، ކާތިކްގެ ބައްޕަގެ ރޯލުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން އަޑުތައް އަރާފައިވާ ގޮތުން ސައިފް ކުޅޭނީ ސާރާގެ ބައްޕަގެ ރޯލެވެ. ނަމަވެސް ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "އާޖް ކަލް" ގެ ނަން ދީފައިވާ ކަމަށް ބެލެވޭ ފިލްމުގައި ސައިފް ކުޅޭނީ ކާތިކްގެ ބައްޕަގެ ރޯލެވެ. އެކަމަކު ޑައިރެކްޓަރު އިމްތިއާޒް އަލީ މިކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

"އާޖް ކަލް" އަކީ ސައިފާއި ދީޕިކާ ޕަދްކޯން 2009 ގައި ކުޅުނު ފިލްމު "ލަވް އާޖް ކަލް" ގެ ދެވަނަ ބައި ކަމަށްވެ އެވެ.

ރަންދީޕް ހޫޑާ ވެސް ރޯލަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް އަންނާނީ ފެބްރުއަރީ، 14، 2020 ގަ އެވެ.

"ސޫރިޔާވަންޝީ" ގެ ބަތަލާ މި ހަފުތާގައި އެނގޭނެ

އަންނަ މެއި މަހު ރަސްމީކޮށް ޝޫޓިން ފަށާ އަކްޝޭ ކުމާރުގެ ޕޮލިސް ޑްރާމާ "ސޫރިޔާވަންޝީ" ގެ ބަތަލާއަކީ ކާކުކަން މި ހަފުތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ.

އޭނާ ބުނީ ކުރިއަށް ދެތިން ދުވަސްތެރޭގައި ބަތަލާއަކީ ކާކުކަން ކަށަވަރުވެގެން ދާނެ ކަމަށެވެ. ކުރިން އަޑު އަރާފައިވާ ގޮތުން ފިލްމު ކެޓްރީނާ ކެއިފާއި ޖެކްލިން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭ އަށް ހުށަހަޅާފައިވެ އެވެ.

"ސޫރިޔާވަންޝީ" އަކީ މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި ރަންވީރު ސިންގްގެ "ސިމްބާ" އަށް ފަހު، ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ރޯހިތު ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.

"ކަބީރު ސިންގް" ގެ ޝޫޓިން ނިންމާލައިފި

ޝާހިދު ކަޕޫރާއި ކިއާރާ އަދްވާނީ ލީޑް ރޯލް ކުޅޭ ފިލްމު "ކަބީރު ސިންގް" ގެ ޝޫޓިން ނިންމާލައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި މި ފިލްމަކީ 2017 ގައި ރިލީޒް ކުރި ކާމިޔާބު ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ރިމެކެވެ. ހިންދީ ފިލްމު ވެސް ޑައިރެކްޓް ކުރަނީ ތެލެގޫ ވެސް ޑައިރެކްޓް ކުރި ސަންދީޕް ވަންގާ އެވެ.

"ކަބީރު ސިންގް" ގެ ޝޫޓިން ނިންމައިލިކަން ކިއާރާ ވަނީ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފަ އެވެ. ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޖޫން މަހުގެ 21 ގަ އެވެ.