މީގެ ދެ އަހަރު ކުރިން އިއުލާންކުރި، އަޖޭ ދޭވްގަންގެ ތާރީހީ ފިލްމު "ޗަނަކިއާ" ގެ ޝޫޓިން މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޑައިރެކްޓަރު ނީރަޖް ޕާންޑޭ ބުނެފި އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް އޭނާ ބުނީ ފިލްމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. "ޗަނަކިއާ" ވެގެން ދާނީ "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އާއި "ސްޕެޝަލް 26" އަދި "އަ ވެނިޒްޑޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ނީރަޖާ އެކު އަޖޭ މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.

ނީރަޖް ބުނީ އޭނާގެ އަމާޒަކީ "ޗަނަކިއާ" ވަރަށް ވެސް ފުރިހަމަ ފިލްމެއްގެ ގޮތުގައި ގެނެސްދިނުން ކަމަށެވެ.

"އަހަންނާއި އަހަރެންގެ ޓީމް މި ފިލްމަށް އަހަރެމެންގެ ބެސްޓް ދޭނަން. ވަރަށް ބުރަކޮށް ތައްޔާރީތައްވަމުން އަންނަ އިރު، އުންމީދަކީ ބެލުންތެރިން ގަޔާވާ ކަހަލަ ފިލްމެއް ގެނެސްދިނުންް،" އޭނާ ބުންޏެވެ. "އަނެއްކޮޅުން މިއީ އަހަރެން ހަދާ ފުރަތަމަ ޕީރިއަޑް ފިލްމަށްވީމަ ފިލްމުގެ މަސައްކަތް ފެށުމުގެ ގޮތުން ވަރަށް ބޮޑަށް ހޯމްވާކް ވެސް ހަދަން ޖެހޭ. އަދި މި ޕްރޮޖެކްޓާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި މި ހުންނަނީ."

ނީރަޖް ކުރިން ބުނެފައިވާ ގޮތުގައި "ޗަނަކިއާ" ގެނެސްދޭނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެކަމަކު ފިލްމުގެ ފުރަތަމަ ބައި ސިނަމާތަކަށް ގެންނާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

"ޗަނަކިއާ" އަކީ އުސްތާޒެއްގެ ގޮތުގައި މަޝްހޫރުވި 4 ވަނަ ގަރުނުގެ އިލްމުވެރިޔާ ޗަނަކިއާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭނާއަކީ ޕޮލިޓިކަލް ސައިންސާއި އިގުތިސާދީ ދާއިރާގެ ފަންނުވެރިއެއް ވެސް މެ އެވެ. އަދި ޗަނަކިއާ އަކީ މޯރިއާ ރަސްކަމުގެ ފެށުން ކަމަށްވާ ރަސްގެފާނު ޗަންދުރަގުޕްގެ ޝާހީ މުޝީރު ވެސް މެ އެވެ.

"ޗަނަކިއާ" ގެ ރޯލުން އަޖޭ ފެނިގެންދާ އިރު، އޭނާ މި ވަގުތު އަންނަނީ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ މަސައްކަތްކުރަމުންނެވެ.

މިދިޔަ މަހު ރިލީޒްކުރި "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ ބަތަލު މި އަހަރު ފެންނާނެ އިތުރު ފިލްމުތަކުގެ ތެރޭގައި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އާއި "މައިދާން" ހިމެނެ އެވެ. އަދި އަންނަ މަހު ރިލީޒްކުރާ އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" ގެ ހާއްސަ ފެނިލުމަކުން ވެސް އަޖޭ ފެންނާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މިދިޔަ އަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ކައިތީ" ގެ ހިންދީ ރިމެކުން ވެސް ފެންނާނީ އަޖޭ އެވެ.