08 އެޕްރީލް 2020 - 08:24
ކޮރޯނާވައިރަހާ ހެދި މަސައްކަތް ހުއްޓިފައިވާތީ ސަލްމާން ޚާންގެ އާ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ކުރިއަށް އޮތް ފިތުރު އީދުގައި ސިނަމާތަކަށް އައުމުގެ ފުރުސަތު ކުޑަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އެ ފިލްމުގެ ޝޫޓިން ހުއްޓުމަކަށް އައި އިރު، ބާކީ އަދި 8-10 ދުވަހުގެ ޝޫޓިން ނުނެގި އެބައޮތެވެ. ކޮވިޑް-19އާ ހެދި "ރާދޭ" ގެ ތައިލެންޑާއި އާޒަރުބައިޖާނުގެ ޝޫޓިން ޝެޑިއުލްތަކެއް ވެސް ފެބްރުއަރީ މަހުގެ ތެރޭގައި ކެންސަލްކޮށްފައިވެ އެވެ.
އަނެއްކޮޅުން ކޮރޯނާވައިރަހާ ދެކޮޅަށް އިންޑިއާ ކުރަމުން އަންނަ މަސައްކަތުގެ ދަށުން 21 ދުވަހުގެ ލޮކްޑައުންއެއް އިއުލާންކޮށްފައި އޮތުމުން ދަތުރުފަތުރާއި އެ ނޫން ވެސް ގިނަ ކަންކަމަށް ވަނީ ބުރޫ އަރައިފަ އެވެ. އަދި ވައިރަހުގެ ހާލަތު ރަނގަޅުވާނެ އިރެއް ވެސް ނޭނގޭތީ "ރާދޭ" ގެ ބާކީ ހުރި މަންޒަރުތައް ޝޫޓްކުރަން ފެށޭނެ އިރެއް ވެސް ނޭނގެ އެވެ. މި ސަބަބާ ހުރެ ފިތުރު އީދު ނުވަތަ އަންނަ މަހުގެ 22 އާ ހަމައަށް ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމައިނުލެވޭ ކަމަށް ފިލްމުގެ ޓީމްގެ މެންބަރަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުންޏެވެ. އަދި އިންޑިއާގެ ހުރިހާ ސިނަމާތަކެއް ވެސް ބަންދުކޮށްފައިވާތީ، ސިނަމާތައް ވެސް އަލުންް ހުޅުވޭނެ އިރެއް ނޭނގެ އެވެ.
އިންޑިއާގެ ހުރިހާ ސިނަމާތަކެއް ހުރީ ބަންދުކޮށްފައި.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ފިލްމުގެ ޝޫޓިން ހުއްޓުމަކަށް އައިސްފައި އޮތަސް ސަލްމާން އަންނަނީ ގޭގައި "ރާދޭ" ޕޯސްޓް-ޕްރޮޑަކްޝަންގެ ބައެއް މަސައްކަތްތައް ފިލްމުގެ ޓީމާ އެކު ކުރަމުންނެވެ. އެގޮތުން އެޑިޓިން ސީދާ އޭނާގެ ބެލުމުގެ ދަށުން ކުރިއަށްދާ ކަމަށްވެ އެވެ.
ފިތުރު އީދުގައި ފިލްމު ސިނަމާތަކަށް އަންނާނެކަމުގެ އުންމީދެއް ނެތް އަނެއް ސަބަބަކީ މިދިޔަ މަހާއި މި މަހު ރިލީޒްކުރަން ހުރި ހުރިހާ ފިލްމުތަކެއް ވެސް ފަސްކޮށްފައިވާތީ، އަލުން ސިނަމާތައް ހުޅުވާ އިރު އިސްކަން ދޭނީ އެ ފިލްމުތަކަަށް ކަމަށްވާތީ އެވެ. އޭގެ ތެރޭގައި މިދިޔަ މަހުގެ 24 ގައި ގެނެސްދޭން އުޅުނު އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އާއި މި މަހުގެ 10 އަށް ކުރިން ތާވަލުކުރި ރަންވީރު ސިންގްގެ "83" ހިމެނެ އެވެ.
ކޮރޯނާވައިރަހާ އެކު ސަލްމާންގެ "ރާދޭ" ސިނަމާތަކަށް ނުގެނެވޭނެ ނަމަ މި އަހަރުގެ ފިތުރު އީދުވެގެންދާނީ ވައިރަސް އޭނާގެ އީދު ހަރާބުކޮށްލި ފަހަރަކަށެވެ. ސަލްމާނަކީ އާންމުކޮށް ފިތުރު އީދު ހަދިޔާއެއްގެ ގޮތުގައި އޭނާގެ ފިލްމުތައް ގެނެސްދޭން މަޝްހޫރު އެކްޓަރެކެވެ. ނަމަވެސް "ރާދޭ" އަށް ވާން އުޅޭ ގޮތަކާ ބެހޭ ގޮތުން ސަލްމާން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެެވެ.
މި ފިލްމަކީ ޕްރަބޫދާވޭ ޑައިރެކްޓްކޮށް، އަކީ ޑިޝާ ޕަޓާނީ ބަތަލާގެ ރޯލް ކުޅޭ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޢިމް
12 April 2020
އަސްލު ވަރަށް ދެރަ ގޮތެއް، މިހާރު މިހުނަންނީ ސަލްމާންގެ އައު ފިލްމަކަށް އިންތިޒާރު ކޮށްކޮށް! އެންމެ ފަހުން ދަބަންގ 3 ވެސް ނުބެލޭނޭ ހިތާ ހުއްޓާ ޔޫޓިއުބަށް އަނެއް ދުވަހު ލީ، މިހާރު އޭތިވެސް ބެލުނީ ނަސީބަކުން، ދެން ރާދޭ އަންނަންދެން މިހުރީ
ޑރފަލަޑޭ
08 April 2020
ފުރަތަމަ ކަމަކަށް ފިތުރު އީދު އަންނާނެތަ؟