16 އެޕްރީލް 2020 - 09:00
މި އަހަރުގެ ޑިސެމްބަރުގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް އަޖޭ ދޭވްގަންގެ ކުޅިވަރު ފިލްމު "މައިދާން" ކޮރޯނާވައިރަހާ ހެދި ހުއްޓުމަކަށް އައިސްފައިވާތީ ފިލްމު ޝޫޓްކުރަން ހެދި ބޮޑު ސެޓެއް ބޭނުން ނުކުރެވި 7 ކްރޯޑް ރުޕީސްގެ ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އިންޑިއާ ލޮކްޑައުންއެއްގައި އޮތުމާއި ފިލްމީ މަސައްކަތްތައް ވެސް ހުއްޓުމަކަށް އައިސްފައިވާތީ "މައިދާން" ގެ ސެޓް ބޭކާރުވެ، އަލުން ޝޫޓިން ފެށޭނެ އިރެއް ނޭނގޭތީ، އެ ސެޓް ހަލާކުވުމުގެ ބިރުވެސް އެބަ އޮތް ކަމަށެވެ.
ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ ފިލްމަށް މުމްބާއީގައި ޖެނުއަރީ މަހުގެ ތެރޭގައި ހެދި އަގު ބޮޑު ސެޓަކީ ފިލްމުގައި ނަގަން ޖެހޭ ފުޓްްބޯޅައިގެ މަންޒަރުތަކަކަށް ހާއްސަކޮށްގެން ހެދި ސްޓޭޑިއަމް ސެޓެކެވެ.
“Badlav lane ke liye ek akela bhi kafi hota hai”#Maidaan@Priyamani6 @raogajraj @boneykapoor @iAmitRSharma @freshlimefilms @saiwynQ @actorrudranil @writish @saregamaglobal @zeestudios_ @zeestudiosint @BayViewProjOffl @MaidaanOfficial pic.twitter.com/YQTMPCaVXR
— Ajay Devgn (@ajaydevgn) January 30, 2020
ކުރިން ރާވާފައި އޮތީ މިދިޔަ މަހުގެ 21 ގައި އެތަނުގައި މަންޒަރުތައް ނަގާށެވެ. ނަމަވެސް ލޮކްޑައުނާ އެކު އެ މަސައްކަތް ހުއްޓި، އަންނަ މަހުގެ 3 އާ ހަމައަށް ލޮކްޑައުން މިހާރު އިތުރުކޮށްފައިވާތީ ޝޫޓިން ފެށޭނެ އިރެއް ނޭނގެ އެވެ. އަދި ޖޫން މަހަކީ ވިއްސާރައިގެ މޫސުމަކަށްވާތީ އޭގެ ކުރިން "މައިދާން" ގެ ޝޫޓިން ސެޓްގައި ނުނެގިއްޖެ މުޅި ސެޓް ބޭކާރުވެގެން ދާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަމިތު ޝަރުމާއާ ހަވާލާދީ ނޫސްތަކުން ބުންޏެވެ.
މީގެ އިތުރުން "މައިދާން" އަކީ ބޭރުގެ ކާސްޓުންތަކެއް ވެސް އެކުލެވޭ ފިލްމަކަށްވެފައި، މީގެ މަސައްކަތް އަލުން ނުފެށި ދިގުލައިގެންދާ ނަމަ މުޅި ފިލްމުގައި މަސައްކަތްކުރާ ކާސްޓަށް ވެސް ވަގުތު ދޭން ދަތިވެ، ފިލްމަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ. ލޮކްޑައުނާ އެކު އިންޑިއާގެ ދަތުރުފަތުރުގެ ހިދުމަތް ވެސް ހުއްޓިފައި އޮތުމަކީ މަސައްކަތަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ.
"މައިދާން" ގެ ޝޫޓިން މިދިޔަ އަހަރުގެ މެދު ފަށައި، ފިލްމުގެ ވަރަށް ބޮޑު ބައި އޮތީ ޝޫޓްކޮށް ނިންމައިފަ އެވެ. ކުރިން މި އަހަރުގެ ނޮވެމްބަރު 27 ގައި ގެނެސްދޭން ނިންމި ފިލްމު މިހާރު ތާވަލުކޮށްފައި އޮތީ ޑިސެމްބަރު 11 އަށެވެ.
"މައިދާން" އަކީ އިންޑިއާގެ މި ޒަނާނުގެ ފުޓަބޯޅައިގެ ބައްޕަ ސައީދު އަބްދުލް ރަހީމްގެ ވާހަކަ ކިޔައިދޭ ބައޮޕިކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝީޒާ
17 April 2020
އަދިވެސް ޝޫޓް ނުކުރެވިގެން.