އެކްޓަރު ސިދާންތު ޗަތުރަވެދީގެ ފުރަތަމަ ސިންގަލް ނެރެފި އެވެ.
މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ގަލީ ބޯއި" ގައި ރެޕާއެއްގެ ރޯލުން ބޮލީވުޑަށް ތައާރަފުވި 29 އަހަރުގެ އެކްޓަރުގެ ލަވައިގެ ނަމަކީ "ދޫޕް" އެވެ. ވީޑިއޯއާ އެކު ވެސް ނެރުނު ލަވައިގެ ޅެން ވެސް ހަދާފައި ވަނީ އުންމީދީ އެކްޓަރެވެ.
"ދޫޕް" ގެނެސްދީފައި ވަނީ ޑޯގީކުން ޕްރޮޑިއުސްކޮށްގެންނެވެ.
"ގަލީ ބޯއި" ގައި ދައްކުވައިދިން އެކްޓިންއާ އެކު ސިދާތަށް ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ އިރު، ދެން އެންމެ އަވަހަށް ރިލީޒްވާނެ އޭނާގެ ފިލްމަކީ "ބަންޓީ އޯރް ބަބްލީ 2" އެވެ. މި ފިލްމުގެ ކާސްޓްގައި ޝަރުވާރީ އާއި ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާން ވެސް ހިމެނެ އެވެ.
"ރާދޭ" ގައި ސާޖިދު-ވާޖިދުގެ ދެ ލަވައެއް
މިދިޔަ ހޯމަ ދުވަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި ވާޖިދު ޚާނާއި އޭނާގެ ބޭބެ ސާޖިދު ޚާނާ އެކު ހިއްސާވެގެން ހަދާފައިވާ ދެ ލަވައެއް ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ރާދޭ" ގައި ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ޖުމްލަ ފަސް ލަވަ ހިމެނޭ ފިލްމަށް ސާޖީދު-ވާޖިދު ހަދައިދިން ދެ ލަވައިގެ ތެރެއިން އެއް ލަވަ އަކީ "ރާދޭ" ގެ ޓައިޓްލް ލަވަ އެވެ. އަނެއް ލަވަ އަކީ ލޯބީގެ ލަވައެކެވެ.
މި ފިލްމުވެގެން ދާނީ ވާޖިދު ހިއްސާވާ މިއުޒިކެއް ފިލްމަކުން އިވޭނެ ފަހު ފިލްމަށެވެ. އޭނާ އާއި ބޭބެ ސާޖިދަކީ އެކީގައި މަސައްކަތްކުރަމުން ދިޔަ ދެ މިއުޒިކް ޑައިރެކްޓަރުންނެވެ. އެގޮތުން ވަރަށް ގިނަ ފިލްމުތަކަށް މިހާތަނަށް ރީތި އެތައް ލަވައެއް ހަދައި ދީފައިވެ އެވެ.
ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ރާދޭ" އަކީ ކުރިން މިދިޔަ ފިތުރު އީދުގައި ގެނެސްދޭން އޮތް ފިލްމެކެވެ. އެކަމަކު ލޮކްޑައުންއާ ހެދި އެކަން ވާ ގޮތް އޮތީ ނުވެފަ އެވެ.
މަނޫޝީ "އެޑިޑާސް" ގެ އެމްބެސެޑެރަކަށް
ކުޅިވަރު ސާމާނު އުފައްދާ މަޝްހޫރު ކުންފުނި "އެޑިޑާސް" ގެ ބްރޭންޑް އެމްބެސެޑަރުކަން 2017 ގައި މިސް ވޯލްޑްގެ މަގާމު ހޯދި އިންޑިއާގެ މަނޫޝީ ޗިލާރަށް ލިބިއްޖެ އެވެ.
އޭނާ ވަނީ އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.
މަނޫޝީ ވަނީ އޭނާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ޕްރިތުވީރާޖް" ގެ މަސައްކަތް ވެސް ފަށައިފަ އެވެ. ނަމަވެސް ލޮކްޑައުނާ ހެދި އޭގެ ޝޫޓިން އޮތީ މަޑުޖެހިފަ އެވެ.
އަކްޝޭ ކުމާރު ބަތަލުގެ ރޯލް ކުޅޭ އެ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާ ފިލްމެކެވެ. "ޕްރިތުވީރާޖް" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ނޮވެމްބަރު 13 ގަ އެވެ.
"އެޑިޑާސް" ގެ ބްރޭންޑް އެމްބެސެޑަރުކަން ލިބުނު އިރު މަނޫޝީ އަކީ މިހާރު ވެސް ބައެއް އެހެން ބްރޭންޑްތައް އެންޑޯޒްކޮށް ދީފައިވާ ފަންނާނެކެވެ.
ޅެންވެރިޔާ އަންވަރު މަރުވެއްޖެ
ހިންދީ ސިނަމާގެ އެތައް ފިލްމަކަށް އަސަރު ގަދަ އެތައް ލަވައެއްގެ ޅެން ހަދާފައިވާ ޅެންވެރިޔާ އަންވަރު ސާގަރް މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ 70 އަހަރުން މައްޗަށް ގޮސްފައިވާ ޅެންވެރިޔާ މަރުވީ ބަލިވެގެން މުމްބާއީގެ ކޮކިލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 3 ވަނަ ދުވަހު ކަމަށެވެ.
އަންވަރު ޅެން ލިޔުނު ލަވަތަކުގެ ތެރޭގައި "ކިލާޅީ" އާއި "ދިލް ކާ ކިޔާ ކަސޫރް" އާއި "ޔާރާނާ"، "ވިޖޭޕަތު" އަދި "ސަޕްނޭ ސާޖަން ކީ" ފަދަ ފިލްމުތައް ހިމެނެ އެވެ.