މެތިއު.
27 ނޮވެމްބަރ 2020 - 19:08
ބެލުންތެރިންގެ މެދުގައި ފަނޑުވުމެއް ނާންނަ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" އިން ވިދާލި އެކްޓަރު މެތިއު ޕެރީ އުމުރުން 51 އަހަރުގައި ލޯބިވެރިޔާއާ އެންގޭޖްވެއްޖެ އެވެ.
"ފްރެންޑްސް" ގައި ޝޭންޑްލާ ބިންގްގެ ރޯލް ކުޅުނު އެކްޓަރު އެންޖޭގްވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރުވެފައިވާ މޮލީ ހާވިޒް، 29، އާ އެވެ. އެންގޭމަންޓް އިއުލާންކޮށް މެތިއު ބުނީ އޭނާގެ މިހާރުގެ ބައިވެރިޔާ އަކީ މި ވަގުތު ދުނިޔެއިން ލިބޭނެ އެންމެ ރަނގަޅު އަންހެނާ ކަމަށެވެ.
މޮލީ އަކީ ލައިބްރަރީ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ. އޭނާ އާއި މެތިއު ލޯބީގެ ގޮތުން ގުޅުނީ 2018 ގަ އެވެ.
އެމެރިކާ އަށް އުފަން އެކްޓަރު މޮލީއާ އެންގޭޖްވުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ބަތަލާ ލިޒީ ކެޕްލާން، 38، އާ އެވެ. ދެހާސް ހައެއްގައި އުފެދުނު އެ ގުޅުމުގައި ސިއްކަ ޖެހުނީ 2012 ގަ އެވެ.
މޮލީ އާއި މެތިއު.
ލިޒީ އަކީ "އެކްސްޓިންކްޝަން" އާއި "ނައު ޔޫ ސީ މީ 2" އާއި "މީން ގާލްސް" ފަދަ ފިލްމުތަކުގެ ބަތަލާ އެވެ.
މެތިއުގެ އެންގޭޖްމަންޓް އިއުލާންކުރި އިރު، މި އަހަރު "ފްރެންޑްސް" ގެ ރިޔުނިއަނެއް ގެނެސްދޭން މަސައްކަތްކުރި އެވެ. އެކަމަކު ކޮވިޑް-19އާ ހެދި އެކަން ފަސްކޮށް، ރިޔުނިއަންގެ ޝޫޓިން އަންނަ އަހަރުގެ މާޗް މަހަށް މިހާރު ވަނީ ފަސްކޮށްގަ އެވެ.
މެތިއުއާ އެކު "ފްރެންޑްސް" އިން ވިދައިލި ތަރިންގެ ތެރޭގައި ޖެނިފާ އެނިސްޓަނާއި ލީޒާ ކުޑްރޯ، 57، އާއި ޑޭވިޑް ޝްވިމާ، 54، އާއި ކޯޓްނީ ކޮކްސް، 56، އާއި މެޓް ލިބްލޭންކް، 53، ހިމެނެ އެވެ. އެ ސިލްސިލާ އަކީ 1994-2004 އަށް ގެނެސްދިން އެއްޗެކެވެ. "ފްރެންޑްސް" ގެ ކާސްޓުންގެ ތެރެއިން މިހާތަނަށް ކައިވެނި ނުކޮށް ހުރީ މެތިއު އެކަންޏެވެ. އަދި ބައެއް ތަރިން އެއް ކައިވެންޏަށް ވުރެ ގިނަ ކައިވެނިކޮށްފައިވާ ދަރިން ވެސް ލިބިފައިވެ އެވެ.
އެކަމަކު އެނިސްޓަން، 51، ކުރި ދެ ކައިވެނި ވެސް ވަނީ ރޫޅިފަ އެވެ. އޭނާ ކައިވެނިކުރީ ބްރެޑް ޕިޓާއި ޖަސްޓިން ތެރޯޒްއާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy