މި މަހުގެ އެކެއްގައި ކައިވެނިކޮށްފައިވާތީ ހަނީމޫނަށް ދިވެހިރާއްޖެ އަށް ދާން ޕްލޭންކޮށްފައި ނެތްތޯ ސުވާލުކުރުން، ރާއްޖޭން އަހަރަކު ތިން ހަތަރު ދަތުރު ހިލޭ ލިބޭ ކަމަށް ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަން ބުނެފި އެވެ.

ސޮނީ ޓީވީން މިހާރު ގެނެސްދޭން ފަށާފައިވާ "އިންޑިއަން އައިޑޮލް" ސީޒަން 12 ގެ ހޯސްޓާ ރާއްޖެއާ ބެހޭ ގޮތުން ބޮލީވުޑް ހަންގާމާ އިން ސުވާލުކުރުމުން ބުނީ ހަނީމޫނަށް މި ވަގުތު އިންޑިއާ އިން ބޭރަށް ދެވެން ނެތް ކަމަށެވެ. އެއީ އައިޑޮލްގެ ޝޫޓިންތަކާ ހެދި އެވެ.

އެހެންވެ ހަނީމޫންގެ ފުރަތަމަ ދުވަސްތައް އަންހެނުން ޝްވޭތާ އަގަރްވާލާ އެކު ހޭދަކުރާނީ އިންޑިއާގެ ޝިއްލިމް އާއި ސުލާ ވައިން ޔާޑްގެ އިތުރުން ގުލްމަރްގްގައި ކަމަށް އަދިތިޔާ ބުންޏެވެ.

"ރާއްޖެ އަށް މި ވަގުތު ހަނީމޫނަށް ދެވެން ނެތަސް އެތަނުން އަހަންނަށް އަހަރަކު ތިން ހަތަރު ޗުއްޓީ ދަތުރު ލިބޭ. އަހަންނަކީ ރާއްޖޭގެ ނުރަސްމީ [ޓޫރިޒަމް] އެމްބެސެޑަރު،" އޭނާ ބުންޏެވެ.

މަޝްހޫރު ލަވަކިތުންތެރިޔާ އުދިތު ނާރަޔަންގެ ދަރިފުޅު އަދިތިޔާގެ ދެ ވީޑިއޯ ލަވައެއް ވެސް ރާއްޖޭގައި ޝޫޓްކޮށްފައިވާ އިރު، މިދިޔަ އަހަރުގެ ބޮޑު އީދުގައި އޭނާ ވަނީ ފުވައްމުލަކުގައި ޝޯ ވެސް ދީފަ އެވެ.

އަދިތިޔާ ކައިވެނިކުރި ޝްވޭތާ އަކީ އެ ދެ މީހުން އެކީގައި 2010 ގައި ކުޅުނު ފިލްމު "ޝާޕިތު" ގެ ބަތަލާ އެވެ. ލަވަކިޔުންތެރިއެއްގެ ގޮތުގައި އަދި މާ ބޮޑު މަޝްހޫރުކަމެއް އަދިތިޔާ އަށް ލިބިފައި ނުވާ އިރު، އަލަތު ފިލްމުގެ ފަހުން އޭނާ އަށް ކުޅޭނެ ފިލްމެއް ވެސް ނުލިބެ އެވެ.

އަދިތިޔާ، 33، ބޮޑަށް ފެންނަނީ ޓީވީ ހޯސްޓެއްގެ ގޮތުގަ އެވެ. އޭނާ ހޯސްޓްކޮށްފައިވާ ޝޯތަކުގެ ތެރޭގައި "އިންޑިއަން އައިޑޮލްގެ އިތުރުން ޒީ ޓީވީގެ "ސާރެގަމާޕާ" އާއި ކަލާޒްގެ "ރައިޒިން ސްޓާ" ފަދަ ޝޯތައް ހިމެނެ އެވެ.

މިހާރަކަށް އައިސް އިންޑިއާގެ ވަރަށް ގިނަ ތަރިން ރާއްޖެ އަށް ޗުއްޓީ އަށް އަންނާތީ އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެހާ ގިނަ އަދަދެއްގެ ތަރިން ރާއްޖެ ދަނީ ހިލޭ ދަތުރާއި ދަތުރުގެ ހަރަދު ބޮޑު ބައެއް ރާއްޖޭގެ ރިސޯޓްތަކުން އުނިކޮށްދޭތީ ކަމަށެވެ. އަދި އެގޮތަށް ހަމަޖައްސައި ދެނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށްދޭ މަތިން ކަމަށް ވެސް ބުނެ އެވެ.