ރެމޯ.
13 ޑިސެމްބަރ 2020 - 07:48
ނެޝަނަލް އެވޯޑް ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު ރެމޯ ޑި ސީޒޫ އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާދޭން ފަށައިފި އެވެ.
ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ރެމޯ އަށް ހާޓްއެޓޭކް ޖެހުމުން މުމްބާއީ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. އަދި ސާޖަރީއެއް ހެދުމަށް ވެސް ނިންމާފައިވާ ކަމަށް ރެމޯގެ ގާތް ބައެއް މީހުން ބުންޏެވެ.
އިންޑިއާގެ އެންމެ ހުނަރުވެރި އަދި ކާމިޔާބު ކޮރިއޮގްރާފަރުންގެ ތެރޭގައި ހިމެނޭ ރެމޯ އަކީ އެތައް ފިލްމަކަށް ނެށުންތައް ތައްޔާރުކޮށް ދިނުމުގެ އިތުރުން ޑައިރެކްޓަރެއް ވެސް މެ އެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި "ސްޓްރީޓް ޑާންސާ" އެވެ. ދެހާސް އެގާރައިގައި ފިލްމު "ފާލްތޫ" އިން ޑައިރެކްޝަނަށް ނުކުތް ރެމޯ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ރޭސް 3" އާއި "އޭބީސީޑީ" އާއި "އޭބީސީޑީ 2" ހިމެނެ އެވެ.
މި އަހަރު ހާޓްއެޓޭކެއް ޖެހިގެން މަރުވި ކޮރިއޮފްރާފަރު ސަރޯޖް ޚާންގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދާނެކަމުގެ އިޝާރާތެއް ވެސް ރެމޯ ދީފައިވެ އެވެ.
ރެމޯ އަކީ އެތައް ޑާންސް ޝޯއެއްގެ ޖަޖްކަން ވެސްކޮށްފައިވާ ފަންނާނެކެވެ.
އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ގެ ޝޫޓިން ހުކުރު ދުވަހު ފަށައިފި އެވެ.
ޝޫޓިން ފެށިކަން ހާމަކޮށް އޭނާ ވަނީ ފިލްމު ގެނެސްދޭ ތާރީހު ވެސް އާންމުކޮށްފަ އެވެ. އެއީ އެޕްރީލް 29، 2022 އެވެ. "މޭޑޭ" ގެ ޝޫޓިން ހައިދަރުއާބާދުގައި ފެށީ އެއްވާނެއްގައި ކުރިއަށް ގެންގޮސް ނިންމައިލާ ގޮތަށެވެ.
މި ފިލްމުގެ ޑައިރެކްޓްކުރުމުގެ އިިތުރުން އަޖޭ މުހިއްމު ރޯލެއް ވެސް ކުޅޭނެ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން އާއި ރަކުލް ޕްރީތު ސިންގް ހިމެނެ އެވެ.
އަޖޭ ކުރިން ޑައިރެކްޓްކުރި ފިލްމުތަކަކީ 2016 ގެ "ޝިވާއޭ" އާއި 2008 ގެ "ޔޫ، މީ އޯރް ހަމް" އެވެ.
ކުރީގެ އެކްޓަރު ރާޖް ކަޕޫރްގެ ހަގު ފިރިހެން ދަރިފުޅު ރާޖިވް ކަޕޫރް "ޕޫލްސިޑާސް ޖޫނިއާސް" ކިޔާ ސްޕޯޓްސ ޑްރާމާއަކުން އަލުން އެކްޓިން އަށް ނުކުންނަން އުޅޭ ވާހަކަ ދެކެވޭތާ ދެ އަހަރު ފަހުން އެ ފިލްމު ރަސްމީކޮށް އިއުލާންކޮށް ޕޯސްޓަރު ދައްކާލައިފި އެވެ.
މިދިޔަ އަހަރު "ޕާނިޕަތު" ގެނެސްދިން ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ އާއި ޓީ ސީރީޒްގެ ބުޝަން ކުމާރު ގުޅިގެން ހަދާ ފިލްމުގެ ކާސްޓްގައި ސަންޖޭ ދަތާއި ވަރުން ބުއްދާދޭވް ވެސް ހިމެނެ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ މިރްދުލް އެވެ.
ރަޖީވް، 58، އަކީ ރަންދީރް ކަޕޫރާއި މި އަހަރު މަރުވި ރިޝީ ކަޕޫރްގެ ކޮއްކޮ އެވެ. އޭނާ ކުރިން ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 1985 ގެ "ރާމް ތޭރީ ގަންގާ މެއިލީ" އެވެ.
މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ އެކްޓަރު އަރުޖުން ރާމްޕާލްގެ އާ ފިލްމު "ދަ ބެޓްލް އޮފް ބީމާ ކޮރެގާއޯން" ގެ ޕޯސްޓަރު ދައްކާލައި އަންނަ އަހަރު ފިލްމު ގެނެސްދޭކަން އިއުލާންކޮށްފި އެވެ.
އެކަމަކު އަދި ފިލްމު ރިލީޒްކުރާނެ ރަސްމީ ތާރީހެއް ނުނިންމަ އެވެ. ފިލްމުގެ ޕޯސްޓަރާ އެކު ލަވައެއްގެ ޓީޒާ ވެސް އާންމުކޮށްފައިވެ އެވެ.
ރަތޭޝް ތީޓޭ ޑައިރެކްޓްކޮށްފައިވާ "ދަ ބެޓްލް އޮފް ބީމާ ކޮރެގާއޯން" ގެ ބަތަލާއިންނަކީ ސަނީ ލިއޯނީ އާއި ޑިގަންގަނާ ސޫރިޔަވަންޝީ އެވެ. "ބިގް ބޮސް 9" ގައި ވެސް ވާދަކުރި ޑިގަންގަނާ، 23، ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޖަލޭބީ" އާއި ގޯވިންދާގެ "ރަންގީލާ ރާޖާ" ހިމެނެ އެވެ.
އަރްޖުން އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2018 ގެ "ޕަލްޓާން" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy