ބޮލީވުޑްގެ ބަތަލާ ވިދިއާ ބާލަންގެ އާ ފިލްމު "ޝޭރުނީ" އަންނަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި އޭގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

އަންނަ މަހު ފިލްމު ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ވިދިއާގެ އެެންމެ ފަހުގެ ފިލްމު މިދިޔަ އަހަރުގެ "ޝަކުންތަލާ ދޭވީ" އަކީ ވެސް އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ފިލްމެކެވެ.

"ޝޭރުނީ" އަކީ އިންޑިއާ އިން 2018 ގެ އޮސްކާގެ ބޭރު ފީޗާ ފިލްމަށް ފޮނުވި ރާޖްކުމާރު ރާއޯގެ "ނިއުޓަން" ގެ ޑައިރެކްޓަރު އަމިތު މަސޫރުކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި ވިދިއާ ކުޅެފައި ވަނީ ފޮރެސްޓް އޮފިސަރެއްގެ ރޯލެވެ.

"ޝޭރްނީ" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ވިކްރަމް މަލްއުތުރާގެ އަބުންދަންތިއާ އެންޓަޓައިންމަންޓް ގުޅިގެން ހަދާފައިވާ ފިލްމެކެވެ. ފިލްމު އަންނަ މަހު ގެނެސްދޭން ނިންމާފައިވާތީ ވަރަށް އަވަހަށް މީގެ ޓްރެއިލާ އާންމުކުރާނެ އެވެ.

"ޝޭރުނީ" އަކީ ނެޝަނަލް އެވޯޑް ހޯދާފައިވާށ ވިދިއާގެ ވަރަށް ތަފާތު ރޯލެއް އަނެއްކާ ވެސް ބެލުންތެރިންނަށް ބަލައިލަން ލިބޭނެ ފިލްމަކަށް ވާނެ އެވެ. މިހާތަނަށް އަދި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު މީގެ މުހިއްމު ރޯލަކުން ވިޖޭ ރާޒް ފެންނާނެ އެވެ.

މިދިޔަ އަހަރު މީގެ ޝޫޓިން އަށް ކުރިއަށް ދަނިކޮށް އޭނާ ކްރޫ މެމްބަރަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވި އެވެ.

"ޝޭރުނީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އިލާ އަރޫން، ނީރަޖް ކަބީ، ބްރިޖެންދުރަ ކާލާ، މުކުލް ޗައްޑާ، ޝަރަތު ސަކްސޭނާ އަދި އަޝްވިނީ ލަޑޭކަރް ހިމެނެ އެވެ.