ބޮލީވުޑުން ބޭރުގެ ލަވަތައް ކޮޕީކުރާ ވާހަކަ އަކީ އަބަދު ވެސް ދެކެވެ އެވެ. އެކަމަކު އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގެ ވަރުގަދަކަމުން، އިންޑިއާގެ މިއުޒިޝަނުން ބޭރު ގައުމުތަކުގެ ލަވަތައް ކޮޕީކޮށްގެން އަމިއްލަ ފާޑުވެރިކަން ގެނެސްގެން ނެރުނަސް ލަވަތަކަށް ލިބޭ މަގުބޫލުކަން ވަރަށް ބޮޑުވެ އެވެ.

މިހާރު ސޯޝަލް މީޑިއާގައި ދެކެވަނީ އެތައް އަހަރެއް ކުރިން، މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނޫ މަލިކް މިއުޒިކް ހެދި ލަވައެއްގެ ވާހަކަ އެވެ. މި ލަވައިގެ ވާހަކަ ތިލަވެފައި މި ވަނީ ޖަޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި އިރްޒޭލުން ހޯދި ރަން މެޑަލާ އެކު އެތަނުގެ "ގައުމީ ސަލާން" ގިނަ ބައެއްގެ ސަމާލުކަމަށް އައިސްގެންނެވެ.

ޓްވިޓާގައި ގިނަ ބަޔަކު ތުހުމަތުކުރަމުންދާ ގޮތުގައި އަނޫ މަލިކް މިއުޒިކް ހެދި އަޖޭ ދޭވްގަންގެ 1996 ގެ ފިލްމު "ދިލް ޖަލޭ" ގެ ލަވަ "މޭރާ މުލްކު މޭރާ ދޭޝް" އަކީ އިޒްރޭލުގެ ގައުމީ ސަލާން ކޮޕީކޮށްގެން ހަދާފައި އޮތް އެއްޗެކެވެ.

"ދިލް ޖަލޭ" ގައި އެ ލަވައިގެ ތިން ވާޝަނެއް ހިމެނެ އެވެ. އެއީ ކުމާރު ސާނޫ ކިޔާފައިވާ ލަވަ އާއި ކަވީތާ ކްރިޝްމަމުރްތީ ކިޔާފައިވާ (ސޭޑް) ވާޝަނުގެ އިތުރުން ސާނޫ އާއި އުދިތު ނާޔަރަން ކިޔާފައިވާ ލަވަ އެވެ.

"މޭރާ މުލްކު މޭރާ ދޭޝް" ގެ ދެ ވާޝަނަށް ބަލާ އިރު ދެ ލަވައިގެ ޓޯން ގާތްގަނޑަކަށް އެއްގޮތެވެ.

ދެ ލަވަ އެއްގޮތްކޮށް އަނޫ އަށް ފާޑުކީ ބައެއް މީހުން ބުނީ އޭނާ ކޮށްފައި އޮތް މަސައްކަތަކީ ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދިނުން ކަމަށާއި މިއީ "ޑިޕްލޮމަސީ" ކަމަށެވެ. ބައެއް މީހުން ބުނީ އޭނާ އަކީ ކުރިން ވެސް އަވަށްޓެރި ޕާކިސްތާނުގެ މިއުޒިކް ކޮޕީކުރާ މީހެއް ކަމަށާއި މިހާރު އެއަށް ވުރެ ދުރަށް ދިޔައީ ކަމަށެވެ.

ހަރީ ބަވޭޖާ ޑައިރެޓްކޮށް ގެނެސްދިން ކާމިޔާބު ފިލްމު "ދިލް ޖަލޭ" އަކީ އަޖޭ އާއި ސޮނާލީ ބެންޑްރޭ އާއި މަދޫ އަދި އަމްރިޝް ޕޫރީ މައިގަނޑު ރޯލުތައް ކުޅުނު ފިލްމެކެވެ. އެ ފިލްމުގެ ހުރިހާ ލަވައެއްގެ މިއުޒިކް ހެދީ ވެސް އަނޫ އެވެ. އަށް ލަވަ ހިމެނޭ ފިލްމުން އެންމެ މަޝްހޫރުވި ލަވަ އަކީ އުދިތު ކިޔާފައި އޮތް "ހޯ ނެހީ ސަކްތާ" އެވެ.

އަނޫގެ އަށް މި ތުހުމަތު އަޔަސް އޭނާ އަކީ މުޅި އިންޑިއާ ފަހުރުވެރިވާ ފަދަ ލަވައެއް ގެނެސްދިން ފަންނާނެކެވެ. އެއީ 1997 ގެ ފިލްމު "ބޯޑާ" ގެ ގައުމީ ލަވަ "ސަދޭސޭ އާތޭ ހޭ" އެވެ. ޖާވިދު އަހުތަރު ލިޔުނު އެ ލަވަކީ އެންމެ މޮޅު ޅެމުގެ ނެޝަނަލް އެވޯޑް ވެސް ލިބުނު ލަވައެކެވެ. އެ ލަވަ އަކީ އަޑު އަހާ މީހުން ވަރަށް ބޮޑަށް ޖަޒުބާތީކުރުވާ ލަވައެކެވެ.