މިދިޔަ އަހަރާ އަޅާބަލާ އިރު އިރުމަތީ ޔޫރަޕްގެ ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 69 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޮވިޑްގެ ހާލަތަށް ފަހުގައި ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުންނެވެ. މީގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޔޫރަޕްގެ ހުޅަނގުގެ ގައުމުތަކުންނެވެ. އިނގިރޭސިވިލާތާއި އިޓަލީ އާއި ޖަރުމަނު އާއި ސްޕެއިން ފަދަ ގައުމުތަކުން ޓޫރިސްޓުން ވަރަށް ގިނައިން އާދެ އެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން އަދިވެސް މި ގައުމުތަކުން އެހެން ގައުމުތަކަށް ދަތުރު ކުރުމުގައި ބޮޑެތި ހުރަސްތައް އެބަހުއްޓެވެ.
އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން މިވަގުތު ރާއްޖެއަށް ޓޫރިސްޓުން އަންނަނީ ރަޝިޔާއިންނެވެ. އެގޮތުން މި އަހަރުގެ މިހަތަނަށް 27،000 ޓޫރިސްޓުން އެ ގައުމުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރަޝިޔާއިން ރާއްޖެ އައީ 15،000 ޓޫރިސްޓުންނެވެ. އެހެން ކަމުން މިއީ 74 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން ޔޫކްރެއިން އިން އާއި ޓޫރިސްޓުން 199 ޕަސެންޓަށް އިތުރުވި އިރު ރޯމޭނިއާ އިން އާއި ޓޫރިސްޓުންގެ އަދަދު 114 ޕަސެންޓަށް އިތުރުވެފައިވެ އެވެ. މީގެ އިތުރުން ޗެކް ރިޕަބްލިކް އިން އާއި ޓޫރިސްޓުން 47 ޕަސެންޓަށް އިތުރުވި އިރު ސްލޮވޭކިއާ އިން އާއި ޓޫރިސްޓުންގެ އަދަދު ވަނީ 21 ޕަސެންޓު އިތުރުވެފަ އެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އިރުމަތީ ޔޫރަޕްގެ ގައުމުތަކުން އަންނަ އިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ދެކުނު އޭޝިއާއިންނެވެ. އެގޮތުން މިދިޔަ އަހަރަށް ވުރެ ދެކުނު އޭޝިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން ވަނީ 26 ޕަސެންޓު އިތުރުވެފަ އެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވެސް އެންމެ ގިނަ ޓޫރިސްޓުން މިވަގުތު ރާއްޖެ އަންނަނީ އިންޑިއާ އިންނެވެ. އެ ގައުމުން 26،000 ޓޫރިސްޓުން މިމަހުގެ 10 ދުވަހުގެ ނިޔަލަށް އައިސްފައިވެ އެވެ.
މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަން އައުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން އަދި ވެސް އެގައުމު އޮތީ ބޯޑާ ބަންދުކޮށްފަ އެވެ. މިހެންވުމުގެ ސަބަބުން އެ ގައުމުން އެހެން ގައުމުތަކަށް އަދި ދަތުރު ކުރަން ނުފަށަ އެވެ.