އައްޑޫގައި ފެނަކައިން ހިންގި މަޝްރޫއުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ބަލައި، އެކަމުގައި މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ. 

ފެނަކައިގެ އައްޑޫ ބްރާންޗުތަކުގައި ހިންގި މަޝްރޫއުތަކާ ގުޅޭ ހާއްސަ ރިޕޯޓް ދިރާސާކުރަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މެމްބަރު މުހައްމަދު މަމްދޫހު ގިނަ ހުށަހެޅުންތަކެއް ހުށަހެޅުއްވި އެވެ. އޭގެތެރޭގައި، ފެނަކައިގެ ފައިސާއަށް ހިޔާނަތްތެރިވި އޭރު ކުންފުނީގެ ބޯޑު މެންބަރުންނާއި އެކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަ ބަލަން ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުން ހިމެނެ އެވެ. 

އަދި ކުންފުންޏަށް ގެއްލުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންގޮސް، އެ ނިންމުންތައް ނިންމާފައިވާތީ ބޯޑު މެންބަރުންނާއި ވެރިން ޒިންމާދާރުކުރުމަށް އެންގުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ. 

އޭގެ އިތުރުން ފެނަކައިގެ ބްރާންޗުތަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، މުވައްޒަފުންގެ އޮނިގަނޑެއް އެކުލަވާލަން އަންގަން ވެސް މަމްދޫހު ހުށަހެޅުއްވި އެވެ. އަދި ފެނަކައިގެ ވެރިންނާއި މުވައްޒަފުންނާ އާއިލީ ގުޅުން އޮންނަ ވިޔަފާރިތަކުން ހިދުމަތާއި މުދާ ނުހޯދޭ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީ އަށް ބަދަލު ގެންނަން އަންގަން ވެސް މެންބަރު ހުށަހެޅުއްވި އެވެ. 

މަމްދޫހު ހުށަހެޅުއްވި ހުށަހެޅުންތަކަށް ފަހު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ވަނީ ބައެއް ކަންކަން ހުށަހަޅުއްވައިފަ އެވެ. އެގޮތުން ފެނަކައިގެ އައްޑޫ ބްރާންޗުތަކުގެ ވެރިންގެ އާއިލީ މީހުންގެ އެކައުންޓްތަކަށް ނުހައްގުން ފައިސާ ޖަމާވެފައިވޭތޯ ބަލައި، އެކަމުގައި މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަން ފުލުހުންގައި އެދެން އަޒާން ހުށަހެޅުއްވި އެވެ. 

މީގެއިތުރުން ކޮރަޕްޝަނަށް ތުހުމަތުވާ މައްސަލަތައް އަވަހަށް ބަލަން އޭސީސީގެ މައްޗަށް އަމުރެއް ނެރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ލަފާދޭން ވެސް އަޒާން ހުށަހެޅުއްވި އެވެ. 

މެންބަރު މަމްދޫހާއި އަޒާން ހުށަހެޅުއްވި ހުށަހެޅުންތައް ވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. 

އައްޑޫގެ ފެނަކަ ބްރާންޗުން މަޝްރޫއުތައް ހިންގީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް ކަމަށާއި އަދި ކަރަންޓާއި ފެން ބިލްތަކުން ވެސް 77 މިލިއަން ރުފިޔާ ނުލިބި އެބައޮތް ކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

ރިޕޯޓުގައި ބުނީ ކުންފުނީގެ އެކައުންޓުން މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޕެޓީ ކޭޝްއިން ފައިސާ ހަރަދު ކުރުމުގައި ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783،296ރ. ގެ ތަކެތި ގަނެފައިވާ ކަމަށެވެ. އަދި ޑޮކިއުމަންޓް ފޯޖުކޮށްގެން 130،220ރ. ގެ ޕެޓީ ކޭޝް ނަގާފައިވާތީ، އެ ޕްރޮޖެކްޓުތަކަށް ޕެޓީ ކޭޝްއިން ހަރަދުކޮށްފައިވާ 4.3 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ހިދުމަތާއި ތަކެތި ލިބިގެން ހަރަދުކޮށްފައިވަނީ ކިހާ ފައިސާއެއްކަން ކަށަވަރުނުވާ ކަމަށް ބުންޏެވެ.

އެ ރިޕޯޓުގައި އޮތް ގޮތުން ފެނަކައިން 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަތަރު ޕްރޮޖެކްޓެއް އިންހައުސްކޮށް ކުރިއަށް ގެންދިޔަ ކަމަށެވެ. އެ ޕްރޮޖެކްޓުތަކަށް ނިމުނުއިރު 117 މިލިއަން ރުފިޔާ ހަރަދު ކުރިއަސް، އެކަންކަން އެއްކޮށް ނިންމަން އިތުރަށް 68 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ބުންޏެވެ. އެހެންވެ، އެ މަޝްރޫއުތައް ބޭނުން ހިފޭނެ ހާލަތަކަށް ގެންނަން ޖުމްލަ 185 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އޮޑިޓު އޮފީހުން ވަނީ ލަފާކޮށްފަ އެވެ.